ދައުލަތުގެ ދެ ބާރުގެ އިސްވެރިން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމައްޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިގޮތުން ރައީސް ސޯލިހް ވަނީ މި ދެބޭފުޅުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެއްވުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެޓާނީ ޖެނެރަލަށް އަންގަވާފައެވެ.

ރައީސް އޮފީހުން ބުނީ އެދެބޭފުޅުންނަށް ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން އެ ދެ ބޭފުޅުންނަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް ގާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް ވެސް ރައީސް އިރުޝާދު ދެއްވި ކަމަށެވެ.

އޭގެ އިތުރުން މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރުމަށް ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވާލައިގެން ނަމަވެސް އެކަންކަަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރެއްވުމަށް ވެސް ރައީސް ވަނީ އެޓާނީ ޖެނެރަލަށް އަންގަވާފައެވެ.

އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ވަނީ އެކަން މަޖިލީހުގެ މެންބަރުންނާ ވެސް ހިއްސާ ކުރައްވާފައެވެ.

ދައުލަތުގެ އަނެއް ދެ ބާރުގެ އިސްވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅަށް ހަމަޖައްސާދިނުމަށް ރައީސް ނިންމަވާފައިމިވަނީ މިމަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނިކޮށެވެ. ނަޝީދު އަވަހާރަކޮށްލަން މިދިޔަ ހުކުރު ވިލޭރޭ ދިން ވަރުގަދަ ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު ފަރުވާ ދިނުމަށް ރައީސް ނަޝީދު ޖަރުމަނަށް ގެންދިއުމަށް އާއިލާއިން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.