ދައުލަތަށް 4 ބިލިއަން ރުފިޔާ ގެއްލުނު އެމްއެމްޕީއާރު ހިޔާނާތުގެ ލިސްޓެއް ލީކް ކޮށްލައިފިއެވެ. ރައީސް އަބްދުﷲ ޔާމީނުގެވެސް ހިމެނޭ ގޮތުން ޔާމީން އެ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި ބައެއް ބޭފުޅުންނާއި، ސިފައިންނާއި ފުލުހުންނާއި އަދި ބައެއް އެމްޕީން އެ ލިސްޓުގައި ވެއެވެ.
އޭގެ އިތުރުން އާންމުންގެ ތެރެއިން ބައެއް މީހުންނާއި ބައެއް ވިޔަފާރި ވެރިންނާއި އަދި މަޝްހޫރު ބައެއް މޫނުތައްވެސް ހިމެނެއެވެ.
ފޮޓޯއާއެކު ލީކުކޮށްލައިފައި އޮތް ލިސްޓާ ބެހޭ ގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނުގެ ބަހެއް އަދި މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައި އޮތް ސަބް ކޮމެޓީގެ ބަހެއް ރަސްމީކޮށް އަދި ނުލިބެއެވެ.
ނަމަވެސް އެ ރިޕޯޓުގައި ހުރި ބައެއް މައުލޫމާތު މީޑިއާއަށް ތިލަ ވުމުން، އެކަންކަން ރައްދުވާ ބައެއް ފަރާތްތަކުން ދަނީ ސޯޝަލްމީޑިއާގައި އެކަމުން ބަރީއަވާ ކަމަށް ބުނެ ކޮމެންޓު ކުރަމުންނެވެ.
އެގޮތުން، މިހާރުގެ ޕީޖީ ހުސެން ޝަމީމްގެ ނަން ލިސްޓުގައި އޮތް ކަމަށް ދިޔަރެސް ނޫހުން ރިޕޯޓުކުރުމުން، ވިދާލުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއްވެސް ފައިސާއެއް އޭނާ ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަހުމަދު ހައިލަމް ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު އެންމެންނަކީ ޑޮލަރު ގަތް މީހުން ކަމަށާއި، އެމީހުން އެކަން ކުރީ "މިންޖުވާން" ކަމަށެވެ. އެއީ ކޮންކަމަކުން މިންޖުވާން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
މީގެ އިތުރުން، އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ ނަން ލިސްޓުގައި އޮވެގެން އެވާހަކަ ސޯޝަލްމީޑިއާއަށް ތިލަވުމުން އޭނާ ވަނީ އެކަން ދޮގު ކުރައްވާ އޭނާގެ ނަން ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެލިސްޓުގައި އާޒިމްގެ ނަންވެސް އެބައޮތެވެ.
އެމްއެމްޕީއާރުސީ ހިޔާނާތަކީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގާފައި އޮތް އެންމެ ބޮޑު ހިޔާނާތެވެ. އެ ހިޔާނާތް ތަހުގީގު ކުރުމުގެ މަސައްކަތް އެސެޓް ރިކަވަރީ ކޮމިޝަނާ ހަވާލުކޮށްގެން ކުރާތާ 2 އަހަރާއި ބައި ވެއްޖެއެވެ. އޭގެ ފަހުން މަޖިލީހުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 281 މީހަކަށް މަންފާ ލިބުނު އިރު އަދި ބައެއް މީހުންނާ ގުޅޭ ހުރިހާ ތަގުގީގެއް ނިންމާފައި ވާއިރު ދައުވާ ނުކޮށް އޮތުމަކީ ގިނަބަޔަކު ސުވާލު އުފައްދާ ކަމެކެވެ.