އެމްއެމްޕީއާރުސީ މައްސަލައިގައި 2 އަހަރާއި ބައި ވެގެން ދާއިރު، އެކި މުއައްސަސާތަކުން ފޮނުވާފައި ހުރި ލިޔުންތައް އެސެޓް ރިކަވަރީ ކޮމިޝަނަށް ބައިންޑް ކޮށް ނިންމާ ނުލެވުނު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އާ ވަހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ޖެހުނީ އެސެޓް ރިކަވަރީ ކޮމިޝަން ފެއިލް ވެގެން ކަމަށެވެ.

"ތިޔަބޭފުޅުން ވިދާޅުވެ ދެއްވަބަލަ، އެ ކޮމިޝަނެއް އުފެއްދި ފަހުން ކުރި އެންމެ ކަމެއް، ހަމަ އެންމެ ކަމެއް ވެސް ނެތް، އެކި މުއައްސަސާތަކުން ފޮނުވި ލިޔުންތައް އެއުޅެނީ ބައިންޑްކޮށް ނިންމާ ނުލެވިގެން"
އާޒިމް

ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އާޒިން ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި އެ ކޮމިޝަން އުފެއްދި ފަހުން ކުރި ހަމަ އެންމެ ކަމެއްވެސް ނެތް ކަމަށެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި ފުލުހުން ތަހުގީގަށް ހޯދި މައުލޫމާތާއި، އޭސީސީއާއި އެހެންވެސް އިދާރާއަކުން ހޯދި މައުލޫމާތު އެ ކޮމިޝަނަށް ފޮނުވީމައި، މިއަދާ ހަމައަށް އައި އިރު އެ އެއްކަރުދާސް ކޮށް ބައިންޑް ކޮށް ނުލެވުނު ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލާއިރު، މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީ ހިމެނޭ ގޮތުން އެކުލަވާލައިފައިވާ ސަބް ކޮމިޓީއަކުން ވެސް ދަނީ ބަލަމުންނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވުމާއެކު އެ ކޮމިޓީގެ މެންބަރު އަލީ އާޒިމް ވަނީ ކޮމިޓީން އިސްތިއުފާ ދެއްވާފައެވެ. އޭނާ ވިދާޅުވީ ކޮމިޓީން އިސްތިއުފާ ދެއްވީ އޭނާގެ ނަން ލިސްޓުގައި އޮވެގެން ނޫން ކަމަށާއި، އެ ލިސްޓުގައި އޭނާގެ ނަމެއް ނޯންނާނެ ކަމަށެވެ.

"މިހާތަނަށް ނެތް އަޅުގަނޑާ ސުވާލެއް ކޮށްފަ، އެހެންވީމައި ލިސްޓުގައި ނަން އޮންނަން ޖެހޭ ސަބަބެއް ނެތެއްނު. ދެން މަޖިލީހަށް ލިސްޓް ފޮނުވި އިރު އަޅުގަނޑުގެ ނަން ޖަހާފައި އޮތިއްޔާ އެއީ، އަޅުގަނޑު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާތީ އަނގަ ބަންދު ކުރަން ވެގެން، އެކަމެއްވެސް ނުވާނެ، އަނގައެއް ބަންދެއް ނުކުރެވޭނެ"
އާޒިމް

އާޒިމް ވަނީ އެ ލިސްޓުގައި އޭނާގެ ނަން އޮތް ނަމަ އެއީ ސަރުކާރު ޒިންމާދާރު ކުރުވަން އޭނާ ކުރައްވާ މަސައްކަތުގެ ސަބަބުންންނާއި އޭނާ އަކީވެސް ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވާ ބޭފުޅަކަށް ވާތީ "އަނގަ" ބަންދުކުރަން ކުރާ ކަމެއް ކަމަށް ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ 4 ބިލިއަން ރުފިޔާގެ ހިޔާނާތަކަށް ވާއިރު، އެ ހިޔާނާތުގެ ސީދާ އަދި ނުސީދާ މަންފާ ލިބުނު މީހުންގެ އަދަދު 281 އަށް އަރައެވެ.