މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވެ، މާދަމާއިން ފަށައިގެން މުޅި މެލޭޝިއާގައި މޫވްމަންޓް ކޮންޓްރޯލް އޯޑަރު (އެމްސީއޯ) ނުވަތަ ބޭރަށް ނިކުމެ އުޅުމާއި އެއްވުން މަނާ ކުރާ އަމުރު ތަންފީޒު ކުރަން ނިންމައިފިއެވެ.

އިންތިހާއަށް ނުރައްކާތެރި 3 ވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ މެލޭޝިއާއިން އެމްސީއޯ ތަންފީޒު ކުރަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ، ދުވަލެއްގެ މައްޗަށް ޕޮޒިޓިވްވާ ނިސްބަތް 4000 އަށް ވުރެ މައްޗަށް އަރާ، އެކްޓިވް ކޭސްތަކުގެ އަދަދު 37396 އަށް އަރާ، މެއި 10 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން މަރުވި މީހުންގެ އަދަދު 1700 އަށް އަރާފައި ވާއިރު، މެލޭޝިއާއަށް ކުރިމަތިލާން ޖެހިފައިވާ 3 ވަނަ ރަޅާއެކު، ގައުމީ ކާރިސާއެއްގެ ބިރު އެބަ އޮތް ކަމަށެވެ.

މެލޭޝިއާގައި އެއްގަމު މަސް ވިއްކާ ބާޒާރެއް / ފޮޓޯ: ކުކީސައުންޑް

މުހްޔިއްދީން އިތުރަށް ވިދާޅުވީ، ތަފާސް ހިސާބުތަކާ ސައެންސްގެ އަލީގައި ރިއާޔަތް ކުރާއިރު، އެއްވުންތައް ބޭއްވުމަކީ، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމަށް ދަތި ކުރުވާ ކަމެއް ކަމަށެވެ. އަދި ކޮވިޑް-19 ފެތުރިގެން ދިއުމުގެ އެންމެ ބޮޑު އަސްލަކީވެސް، ބަންދުވެފައިވާ ތަންތަނުގައި ބޮޑު ޖަމާއަތް ހަދައިގެން އެއްވުން ކަމަށްވެސް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19އަށް އިންފެކްޓް ވަމުންދާ މީހުންގެ ޗޭނު މެދުކަނޑާލެވެން އޮތީ، ހަރުކަށި ކަމާއެކު މޫވްމަންޓް ކޮންޓްރޯލް އޯޑަރު ތަންފީޒުކޮށް، އާންމުން ގެތަކުގައި ބައިތިއްބައިގެން ކަމަށްވެސް މުހްޔިއްދީން އާންމު ކުރެއްވި ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މެލޭޝިއާގައި ކޮވިޑް-19 ހޮޓްސްޕޮޓްގެ ގޮތުގައި ފާހަގަކުރެވުނު ސަރަހައްދުތަކުގެ ހުރިހާ ރަށްވެހިންގެ ޓެސްޓު ވަނީ ހަދާފަ/ފޮޓޯ: އަހުމަދު ޔުސްނީ

މެލޭޝިއާގައި ވަރުގަދަ ކޮށްފައިވާ ރައްކާތެރި ކަމުގެ ބައެއް ފިޔަވަޅުތައް:

  • އަމިއްލަ ފަރާތްތަކާ ސަރުކާރުގެ ހުރިހާ އިވެންޓެއް ހުއްޓާލުން
  • ޖިސްމާނީ ގޮތުން މީހާ ހާޒިރުވެގެން ކުރިއަށް ގެންދާ ބައްދަލުވުންތަކާ ސެމިނާތައް ނުބޭއްވުން
  • އިގުތިސޯދީ، ސިއްހީ، ވެކްސިންގެ މަގުސަދަކަށް ނުވަތަ ދުރުގައި އުޅޭ ދެމަފިރިއަކަށް މެނުވީ އެއް ޑިސްޓްރިކްޓުން އަނެއް ޑިސްޓްރިކްޓަށް ނުވަތަ ސްޓޭޓްތަކުގެ މެދުގައި ދަތުރު ނުކުރެވުން
  • ބައިނަލްއަގުވާމީ އިމްތިހާންތައް ހަދާ ދަރިވަރުން ފިޔަވާ، އެހެން ހުރިހާ ކުލާހެއްގެ ކިޔެވުން ބަންދުކުރުން
  • ވޯކް-ފްރޮމް-ހޯމް ތަންފީޒު ކުރުން (އެންމެ ގިނަވެގެން އެއް ވަގުތެއްގައި އޮފީހަށް ނިކުމެވޭނީ 30 ޕަސެންޓް މުވައްޒަފުންނަށް)

މުހްޔިއްދީން ވަނީ މެލޭޝިއާއަށް ކުރިމަތިވި ފުރަތަމަ ރާޅާއި ދެވަނަ ރާޅުގައިވެސް ކޮވިޑް ކާވް ފްލެޓް ކުރުމުގައި މެލޭޝިއާއިން ކާމިޔާބު ހޯދިކަން ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައެވެ. ވައިރަހާ ދެކޮޅަށް އަދި ކާމިޔާބެއް ނުލިބޭ ކަމަށާ، ނަމަވެސް ﷲގެ އިރާދަފުޅާއެކު، ނަޞްރު ލިބޭނެ ކަމަށްވެސް މުހްޔިއްދީން ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަމްޕޫރުގައި ކޮވިޑް-19އަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓެންޓެއްގައި ސިއްހީއެހީތެރިން މަޑުކޮށްލައިގެން/ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު، ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެކަނިވެސް އެ ގައުމުން 29972 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 24 ޕަސެންޓް އިތުރު އަދަދެކެވެ.