ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ގައުމަކަށް ވެފައި ކޮންމެ ރަށެއްގައި އެތައް އިދާރާއަކަށް އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދޭން މީހުން ހަމަޖައްސާފައި ބޭތިއްބުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ކޮންމެ ރަށަކުން ފުލުހުންގެ އިންޓަލިޖެންސަށް މައުލޫމާތު ދޭ ގޮތަށް އެމްއެންޑީއެފްގެ އިންޓެލިޖެންސަށް ވެސް މައުލޫމާތު ބޭނުންވެއެވެ. އަދި ރައީސް އޮފީހަށާއި ކައުންޓާ ޓެރަރިޒަމް ސެންޓަރަށްވެސް މައުލޫމަތު ބޭނުންވާ ފަހަރު އާދެއެވެ. ބައެއް ފަހަރު 4 މުއައްސަސާއަށް މައުލޫމާތު ދޭ މީހާއަކީ އެކަކު ކަމަށް ވިޔަސް، ގިނަ ހާލަތްތަކުގައި އެއީ އެތައް ބައެކެވެ. އެތައްބަޔަކު 4 ތަނަކަށް މައުލޫމާތު ދޭ އިރު މައުލޫމާތުގެ ތަފާތު ކަން ހުރުމަކީ ނުވެ ނުދާނެ ކަމެކެވެ.

ރާއްޖޭގެ ދިގު ތާރީހު ބަލައިފިނަމަ، އިންޓެލިޖެންސްގެ ދެކޮޅު ފެންނަ ތަފާތު ކިތަންމެ ހާދިސާއެއް ހިނގައިފާ އެބަހުއްޓެވެ. މުހައްމަދު އަމީން އަވަހާރަ ކޮއްލަން ރޭވި ރޭވުމާއި ފަހުން ރައީސް މައުމޫނާއި ރައީސް ޔާމީނާއި ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އަކީ އިންޓެލިޖެންސް ފޫއަޅާފައި އޮތް ކަމުގެ ސާފު ހެއްކެކެވެ. އެލިސްޓް ދިގެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ކ) ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (މ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

"ޝައްކެއްވެސް ނެތް އެއީ އިންޓެލިޖެންސް މައްސަލައެއް، ރަނގަޅަށް މައުލޫމާތު ނުލިބޭކަމުގެ ހެއްކެއް އެއީ" ކުރިން ޕޮލިސްގައި މަސައްކަތް ކުރެއްވި އިސް ބޭފުޅަކު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ މަސައްކަތަކީ، ވަރަށް ބަރާބަރަށް ތެދު މައުލޫމާތު ލިބެން ޖެހޭ ކަމަކަށް ވާއިރު އަދި ލިބޭ ކޮންމެ މައުލޫމާތެއްގެ ތެދުދޮގު ޔަގީން ކުރަން ޖެހޭއިރު، ރާއްޖެގައި ހައިޕްރޮފައިލް ބޭބޭފުޅުންނާއި އަދި އެނޫންވެސް އާންމުންނަށް ދޭ ހަމަލާތަކާއި މަރުތަކަކީ އިންޓެލިޖެންސްގެ ފެއިލް ވުން އޮތް ކަން ކަމަށެވެ.

އިންޓެލިޖެންސްގެ ދެކޮޅު

ރާއްޖެގައި ހިނގާފައި ހުރި ބައެއް ކަންކަމުގެ ތެރޭގައި ރާއްޖެއިން މީހުން ވަގަށް ފުރައިގެން ދިއުމާއި ހިއުމަން ޓްރެފިކިން އާއި މީހުން މެރުމާއި ވަގަށް ނެގުން ފަދަ ބައެއް ހާދިސާތައް ހިނގާފައި ހުރީ މައުލޫމާތު ލިބި، ކަމާ ގުޅެ މުއައްސަސާތަކުގެ އިހުމާލުން ނުވަތަ ބައިވެރިވުމެއް އޮވެގެން ކަމުގައި ދަންނަވަން ޖެހޭ ފަދަ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. އޭގެ މިސާލެއްގެ ގޮތުން، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގް ބޯޓެއްގައި ފިއްލެވުން ފުދެއެވެ.

އިންޑިއާގެ ޓުޓިކޮރިން އިން ހައްޔަރު ކުރި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

މީގެ އިތުރުން ބައެއް އާންމު ހާދިސާތަކަށް ބަލާނަމަ، ބައެއް ގޭންގު މަރުތަކާއި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީއާއި ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރު ފަދަ ހާދިސާތަކުގެ ރިޕޯޓް އަޑުއަހާލުމުން އެކަންކަން ހިނގުމުގެ ކުރިން އެ ފަރާތްތަކާ ގުޅޭ ކޮންމެވެސް ބާވަތެއްގެ އިންޓެލް މައުލޫމާތެއް ކުރިން ލިބެމުން ދިޔަކަން އެނގެއެވެ. އަދި މިނޫނަސް ވަކިވަކި މައްސަލަތަކާ ގުޅޭ މީހުން ވީނުވީއެއް ނޭނގި ގެއްލުމާއި، ރާއްޖެއިން ފުރައިގެން ދިއުން ފަދަ ކިތަންމެ ހާދިސާއެއް ހިނގާަފައި ހުރީ އިންޓެލް ނުލިބިގެން ކަމަށް ގަބޫލު ކުރަން ދައްޗެވެ.

ހަމައެހެންމެ ބައެއް ހާދިސާތަކަކީ، އިންޓެލް ލިބިމެ އަޅާނުލުމާއި ނުވަތަ އިންޓެލްގެ ބައިވެރިވުމާއެކު ހިނގާފައި ހުރި ހާދިސާތަކޭ ބުނެވޭހާ ތިލަކޮށް ހިނގާފާ ހުރި ކަންކަންވެސް ރާއްޖޭގައި ގިނައެވެ. އޭގެ މިސާލެއްގެ ގޮތުން، ސިޔާސީ ބައެއް ފަރާތްތައް ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވައިގެން އެ ބޭބޭފުޅުން ހޯދަން ކޯޓުތަކުން ކުރި އަމުރުތައް ފުދެއެވެ. އެއިން އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

"އަޅުގަނޑެއް ނުދައްނަވާނަން އަޅާނުލަނީ ކަމަކަށް، އަޅުގަނޑަށް ހީވަނީ އިންޓެލިޖެންސް އޮޕަރޭޓް ކުރާނީ ރަނގަޅަށް ހެން، ދެން އިންޓެލް މައުލޫމާތުގެ މައްޗަށް ފިޔަވަޅު އަޅަން ތިބޭ ފަރާތްތަކުން ފިޔަވަޅު ނޭޅުމުން ކަމެއް ހިނގާ ދާ ހާލަތަކީ އިންޓެލިޖެންސް ގެ މައްސަލައެއް ނޫން"
އެމްއެންޑީއެފްގެ ކުރީގެ އޮފިސަރެއް

އޭނާ އިތުރަށް ވިދާޅުވީ، އިންޓެލް އަށް ލިބޭ ކޮންމެ މައުލޫމާތެއްގެ ތެދުދޮގު ބެލުމަކީ ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ގިނަ ކަންކަމުގައި އިންޓެލް ލިބޭނެ ކަމަށާއި، އެ ލިބޭ މައުލޫމާތުގެ އަލީގައި ގިނަ ކަންކަން ހިނގުމުގެ ކުރިން ހުއްޓުވާފައިވެސް ހުންނާނެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ، ބައެއް ޒާތުގެ ގޮވާތަކެތި ޑިފިއުސް ކުރުން ފަދަ ކަންކަން އެމްއެންޑީއެފުން ކޮށްފައި ހުރި ކަމަށެވެ.

މިފަދަ އިތުރު މިސާލަކަށް، އިންޓެލް މައުލޫމާތުގެ އަލީގައި ގޯނި ގޯނީގައި ޑްރަގް އަތުލުން ފުދެއެވެ. ޑްރަގްގެ ބޮޑެތި އޮޕަރޭޝަންތަކާއި ސިޔާސީ ބައެއް ކަންކަން ހިންގަން ރާވާފައި އޮންނަ މަގު ކަސިޔާރު ކޮށްލާފައި ހުރީ މިދެންނެވިފަދަ އިންޓެލްގެ އަލީގައި އަވަސް ފިޔަވަޅުތައް އަޅައިގެންނެވެ.

އިންޓެލިޖެންސް އެއްމެދު ކުރުން

ދުނިޔޭގެ ވަރުގަދަ އިންޓެލިޖެންސް އޮގަނައިޒޭޝަންތައްވެސް ހިނގަނީ ސެންޓަރަލައިޒްޑް ސިސްޓަމެއްގައެވެ. މީހުން މަޝްހޫރު ކުރާ އިޒްރޭލުގެ މޮސާޑާއި، އެމެރިކާގެ ސީއައިއޭއާއި އިންޑިއާގެ ރޯ އާއި އޮސްޓްރޭލިއާގެ އޭސީއައިއެސް އާއި އިނގިރޭސި ވިލާތުގެ މިލިޓަރީ އިންޓެލިޖެންސް ސެކްޝަން 6 އާއި ފްރާންސްގެ ޑީޖީއީއެސް ގެ އިތުރުން ރަޝިއާ އަދި ޗައިނާފަދަ ގައުމުތަކުގެ އިންޓެލިޖެންސަކީ، ނަމޫނާ ތަންތަނެވެ. އެތަންތަން ހިންގާ ގޮތާއި ހިންގާ ލެވެލް ބަލާ ދަސްކޮށްގެން ރާއްޖޭގައި ވެސް ސެންޓްރަލައިޒްޑް ނިޒާމެއް ގާއިމު ކުރެވިދާނެއެވެ.

މަތިން ތިރިއަށް ތަމްރީނުވެފައި ތިބި އޮފިޝަލުންނާއެކު މުޅިން މިނިވަން މުސްތަގިއްލު މުއައްސަސާއެއް ހެދިދާނެއެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ ރާއްޖޭގައި އަދި އެފަދަ ސެންޓްރަލް ނިޒާމެއް ގާއިމު ކުރެވިދާނެހެނެއް، އެކަން ކުރަންޏާ، އެކަމުގެ ނޯހައު އެނގޭ އިސް އާރުކާޓީއެއް އޮންނަން ޖެހޭނެ، ދަށުން މަސައްކަތް ކުުރާ މީހުންނަކީވެސް ފުރިހަމައަށް ތަމްރީނު ލިބިފައި ތިބޭ ބަޔަކަށް ވާން ޖެހޭނެ، ރާއްޖޭގައި އެފަދަ މުއައްސަސާއެއް އުފެއްދޭ ވަރަށް މީހުން ތިބި ކަމަކަށް އަދި ގަބޫލެއް ނުކުރެވޭ"
އެމްއެންޑީއެފްގެ ކުރީގެ އޮފިސަރެއް

ނަން ނުޖެހުމަށް ޝަތުރު ކުރައްވާ އޮފިސަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކީ އިންޓެލް ނުލިބުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، އިންޓެލް ލިބުނަސް ފިޔަވަޅު އަޅަން ތިބެނީ އިންޓެލްއާ ގުޅުން އޮންނަ ބައެއް ނޫން ކަމަށާއި، އެއީ ގިނަ ފަހަރަށް ސެކިއުރިޓީ ބަލަހައްޓާ މީހުން ނުވަތަ ޓްރެފިކް ޕޮލިސް ކަހަލަ ގުނަންތައް ކަމަށެވެ. އެހެން ވީމާއި އިންޓެލްއަށް އެލިބޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނީމައި ފިޔަވަޅު ނޭޅިގެން ކަންކަން ހިނގުމަކީ ސެންޓްރަލައިޒްޑް ނިޒާމެއް ގާއިމު ކުރުމަކުން ހައްލުވާނެ ކަމެއް ނޫން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ، އިންޓެލިޖެންސް އެއް ފުރާޅެއްގެ ދަށުގައި އޮންނަ ނަމަ ބޮޑުތަނުން ރަނގަޅުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބޮމެއް ޑިއުސް ކުރުމަށް އެމްއެންޑީއެފުން ހިންގި ހަރަކާތެއްގައި ސިފައިންގެ މީހަކު ޗީފް ޝަމާލަށް ބްރީފިން ދެނީ---

"ވަރަށް ބޮޑަށް ރަނގަޅުވާނެކަމަށް ބެލެވޭ، އިންޓެލް އެއްފުރާޅެއްގެ ދަށަށް ބަދަލު ކޮށްފިއްޔާ، އޭރުން އެގްރެކެޓިވް ޑިސިޝަންތައް ސެންޓްރަލައިޒްޑް ވާނެ، އަވަސްވާނެ، ފަސޭހަ ވާނެ" އޭނާ ވިދާޅުވިއެވެ.

އެހެން ތަފާތު މުއައްސަސާތައް ގޮތަށް އިންޓެލިޖެންސް އެއްމެދު ކުރުމުން ޗެއިން އޮފް ކޮމާންޑް ގައިމުވެސް ކުރުވާނެއެވެ. ހަރަދުވެސް ކުޑަވާނެއެވެ. އަދި މެނޭޖުކުރަންވެސް ފަސޭހަވާނެއެވެ. ވަސީލަތްތަކާއި އާލާތްތައް ވަކި ކުރެވި ބަޖެޓުވެސް ވަކިކުރެވިފައި އޮތުމުން ލިބޭނެ ކިތަންމެ ފަސޭހައެއް ހުންނާނެއެވެ. ގައުމުގެ އެތެރެއާއި ބޭރުގައި ހިނގާ ކޮންމެ ކަމެއްގައި ޕްރޮޓޮކޯލް ސެޓްކުރާ އިދާރާއަކީ އެއީ ކަމުގައި ހެދުމުން ބޮމެއް ގޮއްވާ ނުލަނީސް ފިޔަވަޅު އެޅޭނެއެވެ.