ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ ތެރެއަށް ގާ އުކި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ، 241 ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމަށްޓަކައި މިއަދު 1:30 ގައި ވޯޓަށް އަހަން ތާވަލުކޮށްފައި އޮތް ނަމަވެސް، ބައެއް ވަޒީރުންނަށް އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މަޖިލިސް މެންބަރުން ރުހުން ނުދޭން ނިންމާފައެވެ.

އިދިކޮޅުގެ ނިންމުމާ ގުޅިގެން، ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން ވަނީ މަޖިލިސް ކުރާގެ ކައިރީގައި މުޒާހަރާ ކޮށް މަޖިލިސް ގޯތި ތެރެއަށް ވަނީ ގާ އުކާފައެވެ.

އެ މައްސަލާގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެެއްގައި ވިދާޅުވީ، މުޒާހަރާގެ ބައިވެރިންގެ މަޖިލީހުގެ ގޭގެ ވަށާ ފާރުގެ މައްޗަށް އަރާ އެކި އެއްޗިހި އުކާފައިވާ ކަމަށެވެ.

އަދި އެކަން އެހެން ހިނގި އިރު އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ ހިދުމަތުން، އެ ހިދުމަތްތަކަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައި ވޭތޯ 241 ކޮމިޓީން ބަލާ ދިނުމަށް އީވާ އެދިފައި ވެއެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުން މަޖިލީހުގެ ގެއާއި ގޯތި ތެރޭގެ އިތުރުން ރައްޔިތުން މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ސަލާމަތީ ހިދުމަތްތަކުންނެވެ.