މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ރޯގާއިން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި އަނދިރިކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓިދާނެ ކަމުގެ "ރަތް ސިގްނަލް" ފެންނަން ފަށައިފިއެވެ. އަދުގެ ގައުމުގެ ހާލަތު މިވަނީ ގޯހުން ގޯހަށް ގޮސްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ގައެވެ. ކޮވިޑްގެ ތިން ރާޅަކާ ކުރިމަތިލާން ޖެހުނު އިރު، ސަލާމަތުގެ އައްސޭރި ފަށަން އައުމަށްޓަކައި ރާއްޖެ "ފަލި ޖެހީ" އުފެއްދި ވެކްސިންތަކާ ދިމާލަށެވެ. މިދިޔަ ފެބްރުއަރީ މަސް ފެށިގެން އައީ ވެކްސިންގެ ޑޯޒްތައް ޖަހައި ބަލިން ރައްކާތެރިވާން ފެށި ކެމްޕޭނާ އެކު ފޮނި އުންމީދަކާ އެކުއެވެ. ރައްކާތެރިކަމުގެ "އައްޑަނަ" އާއެކު ކޮވިޑްގެ ބާރު އޮއެވަރު މަޑު ޖެހުމުން، އެޗްޕީއޭއިން ގިނަ ލުއިތަކެއް ދިނީ ރޯދަ މަހަށް މަރުހަބާ ކިޔަމުންނެވެ. ނަމަވެސް އެ ލުއިތަކާ އެކު ވައި ޖެހެމުން ދިޔަ މިސްރާބު ބަދަލުވެ އޮއެވަރުގެ ބާރު ގަދަވީ މެއި މަހަށް އަލިވިލުނު ހިސާބުންނެވެ.

އަނެއްކާ ވެސް ކޮވިޑްގެ ބިޔަ ރާޅެއް ނަގާ ބޯމަތިން ބިންދާލީ ދިން ލުއިތަކާ އެކު ދިރުޅުމުގެ ވައްޓަފާޅިއަށް ދިން ސަމާލުކަން ކުޑަވުމުންނެވެ. ފަރުދީ ޒިންމާ އަދާ ކުރުމުގައި ގޯސްތަކެއް ހެދި ބަލި ޖެހޭ މީހުން ނިސްބަތުން ގިނަވިއެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ ކުޑަކުދިންނާއި މާބަނޑު މީހުން ގިނަވެ އިންޒާރުގެ ރަނގަބީލުގެ އަޑު ގަދަވި އިރު "ހުން އަންނާނެ ކަމަށް ރަޖާ ލީ" ކާކު ހެއްޔެވެ.

ވެކްސިން ޖެހުމަށް މަޖިލިސް ކައިރީ މީހުން އެއްވެފައި / ފޮޓޯ: ދަ ޕްރެސް

އެކްޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ ތެރޭގައި 238 ކުޑަކުދިންނާއި އުމުރުން ދުވަސްވީ 36 މީހަކު ތިބި ކަމަކީ ބިރުވެރި އިންޒާރެކެވެ. ބަލިން ރައްކާތެރިވުމަށް ވެކްސިންގެ "އައްޑަނަ" އެއް އޮތަސް، ކުޑަކުދިންނަށާއި މާބަނޑު މީހުންނަށް ހާއްސަ "އައްޑަނަ" އެއް އަދި ވުޖޫދަކު ނެތެވެ. އެހެންކަމުން އެ އާބާދީގެ ކޭސްތައް އިތުރުވުމަކީ ދިން "ރެޑް އެލާޓެއް" ކަމަށް ބަލަން ޖެހެއެވެ.

ޕޮޒިޓިވްވާ މީހުން އެބަޔަކު އަމިއްލަ ގޭގައި ތިބެ ކަރަންޓީން ވާން އެންގި ނަމަވެސް އޭގެތެރެއިން ބައެއް މީހުން ގޭގައި މަޑުން ނުތިބުމަކީ މިއަދު ހިތާމަކުރަން ޖެހޭ ކަމެކެވެ. އަދާ ނުކުރެވުނު ފަރުދީ ޒިންމާއެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކެއްގެ ތެރެއަށް ހުށަހެޅުނީ އެވެ. އެއީ ހެދުނު އެންމެ ބޮޑު ގޯހެވެ.

ޖަމާއަތުގައި މިސްކިތަށް ތަރާވީސް ކުރަން ޕޮޒިޓިވްވެފައި ހުރި މީހަކު ދިޔަޔަސް އެނގޭނެ ހެއްޔެވެ. ގެއަށް ބޭނުންވާ ސާމާނު ގަންނަން ފިހާރަތަކަށް ދިޔަޔަސް، ކެފޭ ރެސްޓޯރަންޓްތަކަށް ރޯދަ ވީއްލުންތަކަށާއި، ކޮފީތަކަށް ދިޔަޔަސް، ގާތުގައި ޕޮޒިޓިވްވެފައި ހުރި މީހަކު އިނަސް އެނގޭނެ ހެއްޔެވެ. ޕޮޒިޓިވް މީހެއް ކަން ބަލައިގެން ދެނެގަންނާނެ ގޮތެއް ނެތެވެ. ނިތްކުރީގައި ޕޮޒިޓިވް މީހެކޭ ލިޔެފައެއް ނީންދެއެވެ. އެހެންކަމުން ގައިދުރު ކަން ބެހެއްޓުމާއި މާސްކް އެޅުމާއި އަތް ދޮވެ ސެނެޓައިޒް ކުރުން މުހިއްމު ވަނީ މި ސަބަބާ ހުރެއެވެ. ހަމައެއާއެކު މީހުން އެއްވެ އުޅުން މަދު ކުރަން ވެސް ކަމާބެހޭ ފަރާތްތަކުން ބުނަނީ މިހެން ވެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މި މަހުގެ ތެރޭގައި ކޭސްތައް އިތުރުވެ، 600 އިން މައްޗަށް އެރުމުން ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިފައިވާ އެޗްޕީއޭއިން އިންޒާރު ދިނެވެ. ދިން ލުއިތައް އަނބުރާލީ، ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރަން ޒިންމާ ނަގަން އޮތް އެޖެންސީއަށް މަޖުބޫރު ވީމައެވެ. މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އައީ ވެސް ވެކްސިން ޖެހުމާ އެކު ކޭސްތައް މަދުވެގެން ދިން ލުއިތަކުން އެދެވޭ ނަތީޖާއެއް ނުލިބުމުންނެވެ.

އާ ވޭރިއަންޓެއް އައިސްފި ކަމުގެ އިންޒާރާ އެކު ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް މިއަދާ ހަމައަށް އައި އިރު އަދަދުތައް ދަށެއް ނުވިއެވެ. ބަލި ކޮންޓްރޯލް ކުރެވޭ މަންޒަރެއް ނުފެނުނެވެ. ފްރަންޓް ލައިނަށް ބާރުބޮޑުވެ އިތުރު އެނދުތަކާއި ޑޮކްޓަރުންނާއި ނަރުހުން އަދި ވޮލަންޓިއަރުން ހޯދަން ގޮވާލީ އެ ހިސާބުންނެވެ. ހާލަތު ގޯސް ވާނީ މިހާ ވަރަށެވެ. ދެން އަޅަން އޮތް ހަރުކަށި ފިޔަވަޅަކީ "ފުލް ލޮކްޑައުން" އޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.

"ލޮކްޑައުން" އޭ ބުނުމުން ކޮންމެ މީހަކު ވެސް ކަންބޮޑު ވާނެއެވެ. ގޭގައި ބަންދުވެ ތިބުމަކީ ތަކުލީފެއް ކަން ވަނީ ތަޖުރިބާ ވެސް ކޮށްފައެވެ. އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރީ ޖީބަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެކަންޏެއް ނޫނެވެ. ގިނަ ދުވަސްތަކަކަށް ގޭ ބަންދެއް ގައި ދިރިއުޅުމަކީ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ. ސަބަބު ކިތަންމެހާ ވެސް ސާފެވެ. މާޔޫސް ކަމެއްގެ ތެރެއަށް އަނެއްކާ ވެއްޓެން އެދޭނީ ކާކު ހެއްޔެވެ. މާލީ ދަތިތަކުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކާ ވެސް ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަން އެކަކުވެސް ބޭނުމެއް ނުވާނެއެވެ.

ކޮވިޓް 19އާ ގުޅިގެން މާލޭ މަގުމަތީގައި މާސްކް އަޅައިގެން އުޅޭ މީހުން/ ފޮޓޯ: ދަ ޕްރެސް

ފާއިތުވެ ދިޔަ ދެ ދުވަހުގެ ކޭސްތައް ފެނުމުން ގައިން ހީބި ނަގައިގެން ދިޔައީ ކިތައް މީހުން ހެއްޔެވެ. ނަގާފައިވާ ރާޅުގެ އުސްމިން އަންދާޒާ ކޮށް "ސުބްހާނަﷲ" ކިޔުނު މީހުން މަދެއް ނުވާނެއެވެ. ކޭސްތަކުގެ އަދަދު ހަތަރު ނަންބަރުގެ އަދަދުތަކުން ރިޕޯޓު ކުރަން ފެށުމަކީ އާންމުންގެ ލޯތަށް މިވަގުތު މިކަމަށް ހުޅުވާލައި، ސަމާލުވާން ޖެހޭ ކަމުގެ އިންޒާރެކެވެ. އިއްޔެ 1204 ކެވެ. އޭނގެ ކުރީ ދުވަހު 1091 ކެވެ. މިއަދު ޕޮޒިޓިވް ކޭސްގެ ރެކޯޑް މުގުރާލާނީ ކޮން އަދަދުތަކަކުން ކަމެއް ނޭނގެއެވެ.

ވޭތުވެ ދިޔަ 10 ދުވަހުގެ ކޮވިޑް ކޭސްތަކާއި މަރުވި އަދަދުތައް:

  • މެއި 10 - 1204 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 9 - 1091 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 8 - 590 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 7 - 766 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 6 - 703 ޕޮޒިޓިވް ކޭސް، 5 މަރު
  • މެއި 5 - 734 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 4 - 601 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 3 - 585 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 2 - 508 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 1 - 402 ޕޮޒިޓިވް ކޭސް، 1 މަރު

ރިޕޯޓް ކުރާ ކޭސްތަކުގެ އިތުރުން މިބަލީގައި ހާލު ދެރަވެ މަރުވާ މީހުންގެ އަދަދު ވެސް މި ވަނީ ފިތްކަނޑައިގެންދާ ހިސާބަށް ގޮސްފައެވެ. މި ބަލީގައި މަހެއްގެ މައްޗަށް މަރުވި މީހުންގެ ހިސާބުތަކަށް ބަލާލި ކަމުގައި ވިޔަސް މި މަހުގެ 10 ދުވަސް ތެރޭ މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ރެކޯޑް މުގުރާލާފައެވެ. މި މަހު ޖުމްލަ 7184 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު 14 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 10،376 އެބަ ތިއްބެވެ. ހޮސްޕިޓަލުގައި 244 މީހަކަށް ފަރުވާދެމުން އަންނަ އިރު ބަލީގައި ސީރިއަސް ވެ އައިސީޔޫގައި 12 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން 4 މީހަކު މިހާރު އޮތީ ވެންޓިލޭޓަރު ގައެވެ.

ކޮވިޑް-19 ބަލިމީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ / ފޮޓޯ: އެޗްއީއޯސީ

ބަލީގައި މީހުން ބޮޑުވަރުވެ، ހޮސްޕިޓަލުތައް ފުރެނީއެވެ. ފްލޫ ކްލިނިކްތަކަށް ބާރުބޮޑުވެ މީހުން މަސްހުނިވުން އިތުރު ވަނީއެވެ. އަދިވެސް ވިސްނާލާކަށް ނުވޭ ހެއްޔެވެ.

ބަރަކާތްތެރި ރޯދަ މަސް ނިންމާލައި އީދަށް މަރުހަބާ ކިޔަން ގާތްވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގައި ކޭސްތައް ކޮންޓްރޯލް ކުރުމަށް ލޮކްޑައުންނަކަށް ދިއުން ގާތެވެ. ރާއްޖޭގެ ހާލަތު ނާޒުކު ފައްތަރަކަށް ގޮސް ސިއްހީ ހިދުމަތްތެރިން ވަރުބަލިވެ ގޮތް ހުސްވަމުން އަންނަ މި ދަނޑިވަޅުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައި އާންމުންގެ "މޫވްމަންޓް" ކޮންޓްރޯލް ކުރަން މި ވަގުތު މި ނޫން ގޮތެއް ނެތެވެ. ހާލަތު މިހިސާބަށް ދިއުމުން އަނެއްކާ ވެސް އެންމެންގެ ދިރިއުޅުން މަޑު ޖައްސާލަން ޖެހުމަކީ ކުރަން މަޖުބޫރުވެފައި އޮތް ކަމެކެވެ.

މީހުންނާ ކޮންޓެކްޓް ވުމަކީ މި ވަގުތު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރި ހުރަސްތަކޭ ސިއްހީ މާހިރުން ކެނޑިނޭޅި އަންނަނީ ބުނަމުންނެވެ. ނަމަވެސް އެ އަޑު ނޭހުމުގެ ނަތީޖާ މިއަދު މި ފެންނަނީއެވެ. ލޮކްޑައުން އަކަށް ތައްޔާރުވެ، އަވަސް މުސްތަގުބަލެއްގައި އަދަދުތައް ދަށްވޭތޯ ދުއާ ކުރަމާ ހިނގާށެވެ.