ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ ހަވާލު ކުރަން ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައި ވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައި ވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ.
އެއްބަސްވުން ބާތިލުކޮށް އެއާޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެ، ދައުލަތުގެ އެ ނިންމުމާ އެކު ވިލާ އެއާއިން ވަނީ އެ މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓްގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ.
އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓާއި ހައިކޯޓުން ވެސް މީގެކުރިން ނިންމާފައެވެ. ވިލާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އެދެކޯޓުން ވަނީ ނިންމާފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފްކޮށްފައެވެ. މިއަދު އެ ކޯޓުން ވަނީ އެ މައްސަލައިގައި ހުކުމްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓްގައި ހުރި މައްސަލަތަކެއް އިސްލާހު ކުރަން ފުރުސަތު ދިން ނަމަވެސް އެއްބަސްވުން ބާތިލްކުރީ އެއާޕޯޓް ހިންގުން ހުއްޓާލަން ނޯޓިސް ނުދީ ކަމަށެވެ. އަދި އެ އެއްބަސްވުން އުވާލާފައިވަނީ ބާތިލު އިޖުރާ އިޖުރާއަތްތަކެއްގެ މަތިންކަމަށް ވުމުން އެކަމުގެ ބަދަލު ހޯދުމަށް ވިލާއަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ހުކުމުގައި ބުނެއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ބުރުމާ އަނބުރާލަނީ