ރަޢީސް ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވް ވެ ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ރައީސްގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާ ދެމުން ދާ ކަމަށެވެ.

ރައީސްގެ މަންމާފުޅަށް މިހާރު ވަނީ އުމުރުން 77 އަހަރު ވެފައެވެ.

މިއަދު ރައީސްގެ މަންމާފުޅު ޕޮޒިޓިވް ވި އިރު، ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުވެސް ކޮވިޑަށް ޕޮޒިޓވް ވިއެވެ. ނަމަވެސް ރައީސް އާއި 2 ބޭފުޅުން ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މިއަދު މީ ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވި ދުވަހެކެވެ. މިއަދު އެކަނި 1005 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ކުޑަކުދިންގެ އަދަދު ވަރަށް މައްޗެވެ. އެޗްޕީއޭއިން މިއަދު ހާމަ ކުރި ގޮތުގައި އުމުރުން 10 އަހަރު ނުވާ ކުޑަކުދިންގެ ތެރެއިން ދުވާލަކު 60 ކުދިން ޕޮޒިޓިވް ވެއެވެ. އޭގެ ތެރެއިން 4-5 ކުދިންނަކީ އަހަރެއްވެސް ނުވާ ކުދިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައި ވަނީ މާލެ ސަރަހައްދުން ޓެސްތް ކުރާ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވާ ކަމަށެވެ. އަދި ފާއިތުވީ ދެހަފްތާގެ އަދަދުތަކަށް ބަލާއިރު، ޕޮޒިޓް ވާ ރޭޓް 4 ގުނަ އިތުރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ ހަމައެކަނި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދުތަކެވެ. މިއާއެކު ކޮވިޑް ޖެހި ފެސިލިޓީތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އދަދުވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސް، ފެސިލިޓީތަކުގެ 80 ޕަސެންޓް ފުރިފައެވެ.