ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްތް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއި، ތަހުގީގުގެ މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށެވެ.

އޭގެ އިތުރުން މިހާތަނަށް ލިބުނު ކުރިއެރުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުރެއް އަދާ ކުރާ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ އެ މައްސަލަ އާއި ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ. އެ ހަމަލާއާ ގުޅިގެން މިހާތަނަށް 3 މީހުން ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ދެ މީހަކު އިއްޔެ ހައްޔަރުކުރި އިރު ތިން ވަނަ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 07:00 ހާއިރުއެވެ.

އިއްޔެ ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މިއަދު ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު، 25 އ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވިގޮތުގައި އިއްޔެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އެ މީހުންނަކީ މީހުން މަރަން ފަސް ނުޖެހޭނެ ފަދަ ނުރައްކާތެރި ފިކުރުގެ ބައެކެވެ. ނަމަވެސް އެ މީހުން ނިސްބަތް ވަނީ ހަރުކަށި ކޮން ފިކުރަކާ ކަމެއް ނޭނގޭ ކަމަށް ހަމީދު ވިދާޅުވިއެވެ.

އިއްޔެ ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ހަމަލާގެ ވީޑިއޯ ފޫޓޭޖެއް ވެސް އާންމު ކޮށްފައެވެ. އެ ފޫޓޭޖުން ފެންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެއިން ނިކުމެވަޑައިގެން ފައިމަގުގައި ހިންގަވައި މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައި ވަޑައިގަންނަވަން ދާ މަންޒަރެވެ. އަދި ގޮވާއެތި ހަރުކޮށްފައި ހުރި ސައިކަލާ އަރާހަމަ ވީތަނާ އެ ސައިކަލު ގޮއްވާލާ އިރު އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކުވެސް އުޅޭތަން ފެނެއެވެ.

ފުލުހުން ވަނީ އެ ހާދިސާ ހިނގި ވަގުތު އަދި އޭގެ ކުރިންވެސް އެ ސަރަހައްދުގައި ތިބި އާންމުންނަށް، ހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަ ވާނަމަ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިފައެވެ.