ރޭގަނޑު 9ގެ ފަހުން ސިނަމާލެ ބްރިޖް ބަންދުކުރާނެކަމަށާއި އޭގެ ކުރިން ހުރިހާ އެންމެން ވެސް ދަތުރުތައް ނިންމުމަށް ފުލުހުން އިލްތިމާސް ކޮށްފިިއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއު ވަގުތު ފެށުމާއެކު ބްރިޖް ވެސް ބަންދު ކުރާނެ ކަމަށާއި އަދި ރޭގަނޑު 9 ފަހުން ބުރިޖްއިން ދަތުރުކުރުމުގެ ހުއްދަދެވޭނީ ހުއްދަ އޮތް ފަރާތްތަކަށް އެކަނި ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކާފިއު ވަގުތު ފެށުނު ނަމަވެސް މަގުތައް ހިމޭން ވަނީ އޭގެ އެތައް އިރެއް ފަހުންނެވެ. އެގޮތަށް އަމަލު ނުކުރުމަށް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އެގޮތުން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.

އޭގެ އިތުރުން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަމައެހެންމެ މާލެ ސަރަހައްދުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ އަންގާފައެވެ. އަދި ޓިއުޝަން ސެންޓަރުތަކާއި ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތަކުގައި ކިޔަވާ ދިނުން ހުއްޓާލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ހަމައެހެންމެ ޑޭ ކެއާ ސެންޓަރުތަކުން ދެމުންގެންދާ އެންމެހާ ހިދުމަތްތައް ދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.