އޭޝިއަން ފެޑެރޭޝަން ކަޕުގެ (އޭއެފްސީ) މެޗެއް ކުޅުމަށް އިންޑިއާގެ ބެންގަލޫރުން ދިވެހިރާއްޖެއަށް އެތެރެވުމަށް ދިން ހާއްސަ ހުއްދައަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދި "މިސްޓޭކެއް" ކަމަށް ވިދާޅުވެ ނިއުރޯސާޖަން އަދި މޯލްޑިވިއަން މެޑިކަލް ކައުންސިލްގެ ރައީސް ޑރ.އަލީ ނިޔާފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ބެންގަލޫރު އެފްސީގެ ޓީމުގެ ކުޅުންތެރިން ހޮނިހިރު ދުވަހު ހަވީރު މަގުމަތީގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން ޑރ.ނިޔާފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އެޗްޕީއޭ އިން ކުރި ވަރަށް ގޯސް ކަމެއް ކަމަށެވެ. މިކަމަށް ދައްކާނެ އެއްވެސް އުޒުރެއް ނެތް ކަމަށާއި އެޗްޕީއޭއިން ދަނީ އެކަހަލަ އިހުމާލަކަށް ފަހު އިހުމާލެއް ވަމުން ކަމަށް ޑރ ތުހުމަތު ކުރެއްވިއެވެ.

ހާއްސަ ހުއްދައިގެން ދަށުން ރާއްޖެ އައުމާއި ހާއްސަ ހުއްދަ ދޫކުރުން ހުއްޓަލަންވެސް ވަނީ ގޮވާލާފައެވެ. އަދި ހާއްސަ ހުއްދައަކީ ސައިންޓިފިކް ގޮތުންވެސް ހަމަޖެހޭ ކަމެއްތޯ ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފާއި، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓެގް ކުރައްވާ ޑރ.ނިޔާފް ވަނީ ސުވާލު ކުރައްވާފައެވެ.

ބެންގަލޫރު އެފްސީގެ ކުޅުންތެރިން ހޮޓަލުން ބޭރުގައި އުޅޭ ފޮޓޯ އާންމުވުމުން، ޔޫތް މިނިސްޓަރު މަހްލޫފް ވަނީ އެ ޓީމު އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވެއްޖެ ކަމަށާއި އެ ޓީމު ޖެހޭނީ ވަގުތުން ރާއްޖޭން ފުރައިގެންދާން ކަމަށް ވިދާޅުވެފައެވެ. މަހްލޫފު ވިދާޅުވީ ބެންގަލޫރު އެފްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއަށްފަހު މަހަލޫފް ވިދާޅުވީ އެ މެޗު ނުކުޅެވޭނެކަން މިހާރު އެފްއޭއެމްއަސް އަންގާފައިވާނެ ކަމަށާއި ބެންގަލޫރު އެފްސީ ރާއްޖެ ދޫކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސަން މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި އޭއެފްސީ އާއި ވާހަކަ ދައްކައިގެން ގުރޫޕް ސްޓޭޖްގެ މެޗުތައް ފަސްކުރެވޭނެ ގޮތެއްް ހަމަޖައްސާނެ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މިދުވަސްކޮޅު ރާއްޖޭގައި އޭއެފްސީގެ މެޗުތައް ނުބޭއްވުމަށް އެތައްބަޔަކު ގޮވާލަމުން ދަނިކޮށް، އެކަމާ ދެކޮޅަށް އެޗްޕީއޭއިން އެ ޓީމު ރާއްޖެއަށް އައުމަށް ހާއްސަ ހުއްދައެއް ވަނީ ދީފައެވެ. އެ ޓީމު އައިސް ހޮޓަލުން ބޭރަށްވެސް ނުނިކުންނާނެކަމަށާއި އެޗްޕީއޭގެ ގަވައިދަށް އަމަލު ކުރާނެ ކަމުގެ ޔަގީންގަން އެފްއޭއެމް އާއި ޔޫތު މިނިސްޓަރީން ދިނެވެ.

ނަމަވެސް ބެންގަލޫރު ޓީމު ހުކުރު ދުވަހު ހަވީރު މާލެ އައިސް ކުޅުންތެރިން ޓީމުގެ ބަހުން ފޭބިއިރު އެއް ކުޅުންތެރިއަކު މާސްކު ނާޅާ ހުރި މަންޒަރުވެސްވަނީ ފެނިފައެވެ. ބެންގަލޫރު ކުޅުންތެރިންނާ އެކު އެ ބަހުގައި ބައެއް ދިވެހިންވެސްއަވެ. އަދި އެ ކުޅުންތެރިން ގޮވައިގެން ދަތުރު ކުރި ބަހުގެ ޑްރައިވަރުވެސް ކުޅުންތެރިން ހޮޓަލަށް ބޭލުމަށް ފަހުވަނީ އާއްމުންގެ ތެރެއަށް ގޮސްފައެވެ. އަދި އެ ރޭގެ ވަގުތެއްގައި އެ ޓީމުގެ ކުޅުންތެރިން މާލެ ތެރެއަށް ނިކުމެ އެކިތަންތާ އުޅޭ ފޮޓޯ ވަނީ އާންމުވެފައެވެ.