ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީއެއް ހެދުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ރައީސްް ނަޝީދުއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިޔުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ދުސްތޫރީ ޒިންމާއެއް ކަމަށެވެ.

ޓެރަރިޒަމްގެ މިފަދަ މައްސަލަތައް ތަހްގީގުކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެމައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކޮށްދިނުމަށް ކޮމިޓީން ވަނީ އެދިފައެވެ.

ކޮމިޓީން ވަނީ އެ މައްސަލައިގެ ހެކީގެގޮތުގައި ބޭނުންކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން އެ މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށާ، އެ މައްސަލައިގެ ތަހްގީގުކުރިއަށްދާއިރު، ކަމާގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލް މީހުންގެ އެހީތެރިކަން ހޯދުމަށް ދިވެހި ފުލުހުންނަށް ލަފާދީފައެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދެމުންދާ ސެކިއުރިޓީ، ޓެރަރިސްޓުން ފޫއަޅުވާލި ގޮތެއް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ އާމްޑް ފޯސަސް ކޮމިޓީއިން އިސްނެގި އިސްނެގުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެ ކޮމިޓީގެ ހުށަހެޅުންތަކަށް އިންތިޒާރު ކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާދީން މައްސަލާގައި ތުހުމަތުކުރެވޭ 3 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާޓު ލިބިފައިވާ ގޮތުގައި ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އެންމެ އިސް މީހާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ހުޅުމާލެ ފުލެޓު 95G02 އިންނެވެ.