ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން ދިން ހަމަލާގައި ގޮއްވާލި އައިއީޑީއަކީ ފޯނެއް ނުވަތަ ރިމޯޓެއް ބޭނުންކޮށްގެން ކޮންޓްރޯލް ކޮށްފައިވާ އައިއީޑީއެއް ކަަމަށް ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން މިހާރު ކުރިއަށް ދާ ނުށްވެިރންގެ ބައްދަލުވުމުގައެވެ. ޝަމާލް ވިދާޅުވީ، ރޭގައި ގޮއްވާލާފައިވާ އައިއީޑީ އަކީ ބާރުގަދަ އައިއީޑީއެއް ކަމަށެވެ. މީގެ ކުރިން ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެއް މާ ބާރުގަދަ އައިއީޑީއެއް ކަމަށް ޝަމާޅް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ހަމަލާއެއް އައިސްގެން ގެނެވޭނެ އެންމެ މަތީ އެލާޓުގައި ރާއްޖެ މިހާރު އޮތް ކަން ހާމަކުރައްވަމުން ޝަމާލް ވިދާޅުވީ، އިތުރު ޑިވައިސްއެއްގެ މައުލޫމާތު ލިބިގެން ރޭ އެމްއެންޑީއެފުން ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް އެއީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

މި ހާދިސާ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، އައިއީޑީ ގޮއްވީ މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

މާދަމާ އޮސްޓްރޭލީއާގެ ފެޑެރަލް ޕޮލިސް ގެ ޓީމެއް ރާއްޖެއަށް މި ހާދިސާ އިންވެސްޓިގޭތް ކުރުމަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށް ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މިހާރު ރައީސް ނަޝީދު ސާޖަރީއަށް ފަހު ވަނީ ކްރިޓިކަލް ކޮންޑިޝަނެއްގައި ކަމަށާއި އެމްނިކުފާނު ވަނީ އައިސީޔޫގައި ކަމަށް އޭޑީކޭއިން ބުނެއެވެ.