ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭގައި އެޑިމިޓް ކޮށް ކުރަން ޖެހުނު ބޮޑު އޮފަރޭޝަން ކޮށް ނިންމާލާފައިވާ ކަމަށް އާއިލައިން ބުނެފިއެވެ.
ނަޝީދުގެ ބޭބެ އިބްރާހިމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާޖަރީ މިހާރު ނިމިފައިވާ ކަމަށާއި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. ނަޝީދުގެ އާއިލާ އިން ވަނީ އޭޑީކޭގެ މެޑިކަލް ޓީމަށް ޝުކުރު އަދާކޮށްފައެވެ.
ނަޝީދުގެ ކާރުކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ ހޮސްޕިޓަލަށް ގެނެވުނު ފަހުން މިހާތަނަށް ކާމިޔާބު ކަމާއެކު ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކޮށްފައިވާ އޮޕަރޭޗަން ތަކާއި ކުރަން ޖެހޭ އެއްވެސް އޮޕަރޭޝަނެއްގެ ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށް ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މައްސަލަ ތަހުގީގުކުރުމަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސް ގެނައުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯހިހް ވަނީ ރޭ ދަންވަ އިއުލާނު ކުރައްވާފައެވެ.