ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނީ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ އަވަށްޓެރި އިންޑިއާއަށް އެހީގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފޯރުކޮށްދެމުންދާ ތަކެތި، ހާލުގައި ޖެހި، އިންތިހާއަށް އެ ތަކެތީގެ ބޭނުން ޖެހިފައިވާ މީހުންނާ ހިސާބަށް ފޯރަމުން ނުދާކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ދުނިޔޭގެ ބޭސްފިހާރައިގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ކާރިސާއާ ގުޅިގެން އެކި ގައުމުތަކުން އިންޑިއާއަށް ދީލަތި އެހީތަކެއް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފޯރުކޮށްދިން ނަމަވެސް، އިންޑިއާގެ މަސްރަހަށް މާ ބޮޑު ބަދަލެއް އަންނާތީއެއް ނުފެނެއެވެ. ހޮސްޕިޓަލުތަކުން އަދިވެސް ދަނީ އެކަށީގެންވާ ގޮތެއްގައި އެންމެ ޒަރޫރީ ސިއްހީ ވަސީލަތްތައް ލިބެމުން ނުދާ ކަމުގެ ޝަކުވާ އުފުލަމުންނެވެ.

ކޮވިޑްގެ ތޫފާނަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާއަށް ގައުމުތަކުން ފޮނުވާ އެހީގެ ތަކެއްޗަށް ވާ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ / ފޮޓޯ: ގެޓީއިމޭޖަޒް

ކަންމިހެން އޮތް ނަމަވެސް، އިންޑިއާގެ ސަރުކާރުން ވަނީ، އެކަށީގެންވާ ގޮތެއްގައި އެހީގެ ތަކެތި ފޯރުކޮށްދެވެމުން ނުދާ ކަމުގެ ތުހުމަތަށް އިންކާރު ކޮށްފައެވެ. އެހީގެ ގޮތުގައި އެކި ގައުމުތަކުން އިންޑިއާއަށް އޮކްސިޖަން ކޮންސަންޓްރޭޓަރުތައް ފޯރުކޮށްދީފައި ވާއިރު، އެ ޝިޕްމަންޓްތައް، އިންޑިއާގެ ކަސްޓަމްސްގައި މަޑުޖެހިފައި ހުރި ކަމުގެ ތުހުމަތުވެސް ވަނީ ފެންމަތިވެފައެވެ.

އިންޑިއާ ސަރުކާރުން މިކަމާވެސް ދެކޮޅެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބިކް) އިން ބަލަންޖެހޭ ކަންކަން ބަލާފައި ވާ ކަމަށާ، އެ ބުނާ ފަދަ ޝިޕްމަންޓެއް، ކަސްޓަމްސްގައި މަޑުޖެހިފައި ނުވާ ކަމަށެވެ. އިންޑިއާއަށް އަންނަ ހުރިހާ ޝިޕްމަންޓެއްވެސް "ކްލިއާ" ކުރަމުން ދާ ކަމަށާ، ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ އިމްޕޯޓް ޕޯޓެއްގައި އެއްވެސް އެއްޗެއް މަޑުޖެހިފައި ނުވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ގައުމުތަކުން ދަނީ އިންޑިއާގެ ކޮވިޑް ކާރިސާއާ ގުޅިގެން ދީލަތި އެހީތަކެއް ފޯރުކޮށްދެމުން / ފޮޓޯ: ޕީއޭ މީޑިއާ

އެހީގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، 3000 އެއްހާ އޮކްސިޖަން ކޮންސަންޓްރޭޓަރު، އިންޑިއާއަށް ލިބިފައި ވާކަމަށް، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އިންޑިއާއަށް އޮކްސިޖަން ކޮންސަންޓްރޭޓަރު ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި މޮރިޝަސް، ރަޝިއާ، އިނގިރޭސިވިލާތް، ރޮމޭނިއާ، ތައިލޭންޑް، ޗައިނާ އަދި އުޒްބަކިސްތާނާއި ޓައިވާންވެސް ހިމެނޭ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ، ކަސްޓަމްސްގައި ކޮންސަންޓްރޭޓަރުތައް ޕެންޑްވެފައިވާކަމަށް ބުނެ ފަތުރަމުންދާ ކޮންމެ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އިންޑިއާއަށް އެތެރެވި ކޮންމެ އެއްޗެއް، އެ ދާންޖެހޭ މަންޒިލަށް ގެންގޮސްފައި ނުވަތަ އެ މަންޒިލަށް ޑެލިވާ ކުރަން ޑިސްޕެޗް ކޮށްފައި ވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އިންޑިއާ ސަރުކާރުން ބުނަނީ އެހީގެ ތަކެތި ދާންޖެހޭ މަންޒިލްތަކަށް ދާ ކަމަށް / ފޮޓޯ: ގެޓީއިމޭޖަޒް

އިންޑިއާގެ ކަސްޓަމްސްއިން ހަފުތާއެއްގެ ކޮންމެ ދުވަހަކު، ދުވާލަކު 24 ގަޑިއިރު، ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށްވެސް، ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މުދާ ކުލިއާ ކުރުމުގައި އެންމެ އިސްކަމެއް ދެނީ، ކޮވިޑް-19އާ ގުޅޭ އާލާތްތަކަށް ކަމަށްވެސް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ކަން މިހެން އޮތް ނަމަވެސް، އިންޑިއާގައި ޕްރައިވެޓް ފެންވަރުގައި އޮޕަރޭޓް ކުރާ ބޮޑެތި ހޮސްޕިޓަލްތައް ތަމްސީލު ކުރާ ހެލްތުކެއާ ފެޑަރޭޝަން އޮފް އިންޑިއާ ގެ ރައީސް ޑރ ހަރްޝް މަހާޖާން ވިދާޅުވީ، އިންޑިއާއަށް އެހީގެ ގޮތުގައި ލިބިފައިވާ ތަކެތި ޑިސްޕެޗް ކުރި ތަނަކާ ބެހޭ މައުލޫމާތު އަދިވެސް ނުލިބޭ ކަމަށެވެ.

ގައުމުތަކުން ދަނީ އިންޑިއާގެ ކޮވިޑް ކާރިސާއާ ގުޅިގެން ދީލަތި އެހީތަކެއް ފޯރުކޮށްދެމުން / ފޮޓޯ: ޓްވިޓާ

ކޮވިޑް-19ގެ އިޖާބާގައި މަސައްކަތް ކުރަމުން އަންނަ، އިންޑިއާގެ ސަރުކާރު ހިއްސާ ނުވާ އަމިއްލަ ޖަމިއްޔާތަކަކުންވެސް ވަނީ، އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ލިބެމުން ނުދާ ކަމުގެ ޝަކުވާ ފެންމަތި ކޮށްފައެވެ.

ކޮވިޑްގެ ތޫފާނަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާއަށް ގައުމުތަކުން ފޮނުވާ އެހީގެ ތަކެއްޗަށް ވާ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ / ފޮޓޯ: ޓްވިޓާ

އިންޑިއާއަށް އެހީދޭ ފަރާތްތަކުގެ މެދުގައިވެސް ވަނީ ސުވާލު އުފެދެން ފަށާފައެވެ. އެމެރިކާގެ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން އިންޑިއާއަށް އެހީ ފޯރުކޮށްދީފައި ވާއިރު، އެކަށީގެންވާ ގޮތެއްގައި އެ އެހީ ޓްރެކް ކުރަމުން ދޭތޯ އެމެރިކާއިން ވަނީ އެ ގައުމުގެ ސަރުކާރާ ސުވާލު ކޮށްފައެވެ. ޖަވާބުގައި އެމެރިކާ ސަރުކާރުން ބުނެފައި ވަނީ، އިންޑިއާގެ ބައިވެރިންނާ ގުޅިގެން އެކަން ކަށަވަރު ކުރަމުން ދާނެ ކަމަށެވެ.