ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާގެ ޓީމެއް ހޮނިހިރު ދުވަހު އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅު ކައިރީ ދިން ހަމަލާ ތަހިގީގު ކުރަން އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް އަންނާނެ ކަމަށެވެ.

މިރޭ މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މިރޭ ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ، ނަޝިދަށް އަނިޔާ ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ސާޖަރީތަކެއް ކުރަމުން ދާ ކަމަށެވެ. މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުންދާ ކަމަށާއި މި ތަހުގީގުގައި އެހީވުމަށް އޮސްތްރޭލިއަން ފެޑަރަލް ޕޮލިސް އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހަމަލާއަކީ ރައީސް ނަޝީދަށް ދިން ހަމަލާއެއްގެ އިތުރުން ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިގްތިސޯދަށް ދިން ހަމަލާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގައި އެއްވެސް ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީން ކަން ދެެެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަމާލާގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މިރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

އަދިވެސް ރައީސް ނަޝީދަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނުގެ ހާލު ސީރިއަސް ނޫން ކަމުގައި ވިޔަސް އިތުރު ސާޖަރީތަކެއް ކުރަން ޖެހިފައިވާ ކަމަށް އޭޑީކޭން ބުނެއެވެ. އަދި މިހާރު އެ ސާޖަރީއަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.