ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅު ކައިރީ ދިން ހަމަލާއަކީ ރައީސް ނަޝީދަށް ދިން ހަމަލާއެއްގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީއަށާއި އިގްތިސޯދަށް ދިން ހަމަލާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސިފަ ކުރައްވައިފިއެވެ.

މިރޭ މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ ކަންކަމުގައި އެއްވެސް ފަސް ޖެހުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ. އަދި މި ހަމާލާގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުން ދާ ކަމަށާއި މި ތަހުގީގުގައި އެހީވާން އޮސްތްރޭލިއަން ފެޑަރަލް ޕޮލިސް އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭ ނަޝީދުގެ ގެކޮޅު ކައިރީގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

އަދިވެސް ރައީސް ނަޝީދަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނުގެ ހާލު ސީރިއަސް ނޫން ކަމުގައި ވިޔަސް އިތުރު ސާޖަރީތަކެއް ކުރަން ޖެހިފައިވާ ކަމަށް އޭޑީކޭން ބުނެއެވެ. އަދި މިހާރު އެ ސާޖަރީއަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.