ކޮވިޑް ފެސިލިޓީއެއް ގޮތުގައި ބޭނުން ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިމާރާތް އެޗްޕީއޭއަށް ދީފައިވާ ކަމަށް އެޕްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރައްވާފިއެވެ.

ބައްސާމް ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެޗްޕީއޭގެ ޓީމުން އެފްއޭއެމް އިމާރާތް އިންސްޕެކްޓު ކުރުމަށްޓަކައި ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ މިފަދަ އެހީތެރިކަމެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ ފުޓްބޯޅަ އާއިލާއަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ބަލީގައި ފަރުވާ ހޯދުމަށް އެޑްމިޓް ކުރަން ޖެހޭ މިހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އިއްޔެ ކޮވިޑް ބަލީގައި 700 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށް އެކްޓިވް ކޭސްގެ އަދަދުވެސް ވަނީ 7100 އަށް އަރާފައެވެ.

އިއްޔެ ރިޕޯޓު ކުރި 734 ކޭސްގެ ތެރެއިން މާލެ ސަރަހައްދުން ރިޕޯޓު ކުރި ކޭސްގެ އަދަދަކީ 540 އެވެ. މާލެ ސަރަހައްދުން ގިނަ އަދަދަކަށް ކޭސްތައް ފެނުމާއެކު އެޗްޕީއޭއިން ވަނީ މާލެ ސަހަރައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އިއުލާން ކޮށްފައެވެ.