މާތްވެގެންވާ މަސްޖިދު އަލް-ހަރަމްގައި ހުންނަ މަގާމް އިބްރާހީމްގެ، މިހާތަނަށް ފެނިފައި ނުވާ ފަދަ ތަފްސީލީ މަންޒަރުތަކެއް ދައްކުވާދޭ ފޮޓޯޓަކެއް، ސައުދީ އަރަބިއްޔާއިން އާންމު ކޮށްފިއެވެ.

މުގައްދަސް 2 މިސްކިތުގެ ބެލެހެއްޓުންތެރި އިދާރާއިން، މަގާމް އިބްރާހީމްގެ މި މަންޒަރުތައް ނަގާފައިވަނީ ސްޓެކްޑް ޕެނަރޯމިކް ފޯކަސް ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ.

މަގާމް އިބްރާހީމްއަކީ މާތްވެގެންވާ ކައުބަތުﷲ ގެފުޅު ބިނާ ކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވުމަށް، އިބްރާހީމް عليه السلام އަރާވަޑައިގެން ހުންނެވި ހިލަގަނޑެވެ. ކައުބާގެ މަތީ ބައިތައް ބިނާކުރައްވަމުން ގެންދެވިއިރު، އިބްރާހީމް عليه السلام އަރާވަޑައިގެން ހުންނެވީ މި ހިލަގަނޑަށެވެ.

ސައުދީ އަރަބިއްޔާއިން އަންމުކުރި، މަގާމް އިބްރާހީމްގެ ތަފްސީލީ މަންޒަރު / ފޮޓޯ: ޙަރަމައިން ޝަރީފައިން | ޓްވިޓާ

ކައުބާ ބިނާކޮށް ނިންމެވުމަށް ފަހުގައި، މި ހިލަގަނޑު އޮތީ ކައުބާގެ ބޭރުގައި، އިރުމަތީ ޑިވައިޑަރާ ދިމާލުގައެވެ. މަގާމް އިބްރާހީމް ކިޔަނީ މިއަށެވެ. މިއަދު މަގާމް އިބްރަހީމް ފެންނަން ހުރި ސަރަހައްދަކީ، ކައުބާ ބިނާކުރައްވާ ނިންމަވާލެއްވުމަށް ފަހު، އިބްރާހީމް عليه السلام 2 ރަކުއަތުގެ ނަމާދެއް ކުރެއްވި ތަނުގައެވެ.

ކައުބަތުﷲ ގެފުޅު ވަށާ 7 ފަހަރު ތަވާފު ކުރުމަށްފަހު، މި ސަރަހައްދުގައި 2 ރަކުއަތުގެ ނަމާދެއް ކުރެއެވެ.

"އަދި ޘަވާބް ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ކައުބަތުﷲ ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ! އަދި އިބްރާހީމްގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ! އަދި އިބްރާހީމްގެފާނާއި އިސްމާއީލުގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ތަވާފު ކުރާ މީހުންނާއި އަޅުކަން ކުރުމަށް ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު ޠާހިރު ކުރައްވާށެވެ!"

(ބަޤަރާ ސޫރަތް: 125)

މަގާމް އިބްރާހީމް އިރަށް ޖެއްސެވީ އުމަރު އިބްނު އަލް-ހައްތާބުގެ ހިލާފަތުގައެވެ. އެއީ ތަވާފްކޮށް ނިންމާލުމަށް ފަހު މަގާމް އިބްރާހީމްގައި 2 ރަކުއަތް ނަމާދު ކުރާ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް، ތަވާފު ކުރާ މީހުންނަށް ލުއިފަސޭހަކަން ހޯއްދަވާދެއްވުމަށެވެ.

ސައުދީ އަރަބިއްޔާއިން އަންމުކުރި، މަގާމް އިބްރާހީމްގެ ތަފްސީލީ މަންޒަރު / ފޮޓޯ: ޙަރަމައިން ޝަރީފައިން | ޓްވިޓާ

އިބްރާހީމް عليه السلام ގެ ފައިންޕުޅުގެ ނިޝާން، ދެމިހުންނާނެހެން ރައްކާކޮށްފައި ވަނީ، ރަނާއި، ރިހި އަދި ބިއްލޫރި ފްރޭމެއްގައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން