ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަށްޓަކައި ނޭފަތުން ސާމްޕަލް ނަގަން ބޭނުން ކުރާ ސްވަބް، އެއް ފަހަރު ބޭނުން ކުރުމަށްފަހު ދޮވެގެން އަލުން ވިއްކަމުން ދިޔަ ކަމުގެ ކުށުގެ ތުހުމަތުގައި، އިންޑޮނޭޝިއާއިން ފާމަސޫޓިކަލް ކުންފުންޏެއްގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފިއެވެ.

އިންޑޮނޭޝިއާގެ ފުލުހުން ބުނީ، މެޑާންގެ އެއާޕޯޓުން ދަތުރުކުރި 9000 އެއްހާ ފަސެންޖަރުންގެ ހަށިގަނޑުގައި، މިފަދަ ސްވަބް ބޭނުން ކުރެވިފައި ހުރުން އެކަށީގެންވާކަމަށެވެ.

މި ޖަރީމާ ހިންގާފައި ވަނީ، އިންޑޮނޭޝިއާގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ކީމިއާ ފާމާއިން ކަމަށް ވާއިރު، އެއާޕޯޓުން ދަތުރު ކުރި ފަސެންޖަރުންގެ ނަމުގައި، އެ ކުންފުންޏާ ދެކޮޅަށް ދައުވާ އުފުލާނެ ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރާއިރު ސާމްޕަލް ނަގަން ބޭނުން ކުރާ ސްވަބްއެއް/ފޮޓޯ: ޓޮމް ޕެނިންގްޓަން

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ނޭފަތުން ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމަކީ ގިނަ ގައުމުތަކެއްގައި އާންމު ކަމެކެވެ.

އިންޑޮނޭޝިއާގެ ފުލުހުން ބުނީ، އުތުރު ސުމާޓްރާގެ ކުއާލަނާމޫ އެއާޕޯޓްގައި، މިދިޔަ ޑިސެންބަރުން ފެށިގެން މިކަމެއް ހިނގާ ކަމަށް ބެލެވޭ ކަމަށެވެ. ދަތުރު ކުރަން ބޭނުން ނަމަ، ކޮވިޑަށް ނެގެޓިވް ޓެސްޓު ނަތީޖާއެއް ހުށަހަޅަން ޖެހޭއިރު، އެ ޓެސްޓު އެއާޕޯޓްގައި ހެދުމުގެ ފުރުސަތުވެސް އޮވެއެވެ. އެއާޕޯޓުގައި ޓެސްޓު ކުރުމަށް ބޭނުން ކޮށްފައި ވަނީ ކީމިއާ ފާމާއިން ފޯރުކޮށްދީފައިވާ ޓެސްޓު ކިޓްތަކެވެ.

ކީމިއާ ފާމާއަށް ނިސްބަތްވާ 5 މީހަކު ހައްޔާރު ކޮށްފައި ވާކަމަށާ، އޭގެ ތެރޭގައި މެނޭޖަރެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. މި މީހުން މިކަން ކުރާ ކަމަށް 23 މީހަކު ހެކިބަސް ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ. އަދި މި ގޮތަށް ދޮވެގެން އަލުން ސްވަބް ވިއްކައިގެން، (ގާތްގަނޑަކަށް) 124800 ޑޮލަރުގެ މަންފާއެއް ހޯދާފައި ވާނެ ކަމަށް ލަފާ ކުރެވޭއިރު، މި ފައިސާ ބޭނުން ކޮށްފައި ވަނީ، ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މީހަކަށް، ޒަމާނީ ފެންވަރުގެ ގެއެއް ބިނާ ކުރުމަށް ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަން ބޭނުން ކުރާ ސްވަބްއެއް/ފޮޓޯ: ގެޓީއިމޭޖަޒް

ޖަކާޓާގައި މައި އޮފީސް ހުންނަ ކީމިއާ ފާމާއިން ވަނީ، މިކަމުގައި ޝާމިލުވާ މުވައްޒަފު މަގާމުން ވަކިކޮށް، އެތެރޭގެ ކޮންޓްރޯލްތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފައެވެ.

ވަކީލުން ދަނީ، މި ޖަރިމާގެ ޝިކާރައަކަށްވީ ކޮންމެ ފަސެންޖަރަކަށް، މާލީ ބަދަލުގެ ގޮތުގައި (ގާތްގަނޑަކަށް) 69328.0 ޑޮލަރު ހޯދާދިނުމަށް މަސައްކަތް ކުރަމުން ކަމަށް ހަބަރު ލިބެއެވެ.