މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތުގެ މަގާމަށް އާއިޝަތު ރަޝީދު، އަދި މިނިސްޓާ އޯފް ހެލްތުގެ ނައިބުގެ މަގާމަށް އަބްދުއްޝުކޫރު އަބްދުލްހަކީމް މިއަދު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުން އައްޔައްނު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

އާއިޝަތު ރަޝީދަކީ މީގެ ކުރިން މިނިސްޓާ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމް އަދާކުރެއްވި ފަރާތް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަބްދުއްޝުކޫރު އަބްދުލްހަކީމަކީ މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ނައިބުގެ މަގާމް އަދާކުރެއްވި ފަރާތް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން މިއަދު ވަނީ ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ހެލްތު މިނިސްޓްރީގެ ދަށަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

އޭގެ އިތުރުން ސައިންސް އެންޑު ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމަށްފަހު އެމިނިސްޓްރީގެ މަސައްކަތް އެންވައިރަމެންޓު މިނިސްޓްރީގެ ދަށައް ވަނީ ބަދަލުކޮށްފައެވެ. އަދި މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް ބަދަލު ކޮށްފައެވެ.

ހަމައެހެންމެ އެންވައިރަމެންޓު މިނިސްޓަރަކަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އައްޔަން ކުރައްވާފައިވާއިރު ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސެން ރަޝީދު ހަސަން ވަނީ ހަމަޖައްސަވާފައެވެ.