ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

އެންޑީއޭ ހެލްތު މިނިސްޓްރީގެ ދަށަށް ގެނެސްފައިވާކަން އިއުލާން ކުރައްވާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒެވެ.

ކުރިން އެންޑީއޭ ހިންގަމުން އައީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ.

މިއީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިއަދު ވަނީ ސައިންސް އެންޑު ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމަށްފަހު އެމިނިސްޓްރީގެ މަސައްކަތް އެންވައިރަމެންޓު މިނިސްޓްރީގެ ދަށައް ވަނީ ބަދަލުކޮށްފައެވެ. އަދި މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް ބަދަލު ކޮށްފައެވެ.

ހަމައެހެންމެ އެންވައިރަމެންޓު މިނިސްޓަރަކަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އައްޔަން ކުރައްވާފައިވާއިރު ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސެން ރަޝީދު ހަސަން ވަނީ ހަމަޖައްސަވާފައެވެ.