ގދ. ތިނަދޫގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ތިނަދޫ ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ބުނީ ތިނަދޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްމާއި ގުޅިގެން، އެޗްޕީއޭ އިން އޭޕްރިލް 25، 2021 އިން ފެށިގެން ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދުތައް އިތުރުވަމުން ދާތީ އީއޯސީ އިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު، މޮނިޓަރިން ހަލަތު އުވާލަންދެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ތިނަދޫ ކައުންސިލް އިދާރާއިން ބުނެއެވެ.

އަޅާފައިވާ ބައެއް ފިޔަވަޅުތައް:

  • ސައިހޮޓާ ރެސްޓޯރަންޓްތަކުން އާއްމު ހިދުމަތް ދިނުން މެދުކަނޑާލުމާއެކު، ރައްކާތެރިކަމާއެކު ކާބޯތަކެތި ޑެލިވަރީކުރުމުގެ ހިދުމަތް ދިނުން
  • ފިހާރަތަކުން ރައްކާތެރިކަމާއެކު ޑެލިވަރީ ހިދުމަތްދިނުމާއި، ފައިސާ ބަލައިގަތުމުގައި ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ގޮތް ހެދުން.
  • ފިހާރަތައް ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ބެހެއްޓުން. އަދި 10:00 ގެ ފަހުން ފިހާރަތަކުން އާއްމުންނަށް ހިދުމަތް ނުދިނުން.
  • ގާޑިޔާތަކުންދޭ ހިދުމަތްތައް ހަވީރު 04:00 ގައި ބަންދުކުރުން.
  • ޢުމުރުން 65 އަހަރުން މަތީ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުގޮސް ގޭގައި ނަމާދު ކުރުމަށް ބާރުއެޅުން
  • މިސްކިތްތަކަށް ދާ މީހުން ގެއިން ވުޟޫ ކޮށްގެން އަމިއްލަ މުސައްލަ ހިފައިގެން މިސްކިތަށް ދިއުން
  • މިސްކިތްތަކުގައި ރޯދަވީއްލުން ކުރިޔަށް ނުގެންދިއުން.
  • ބިއުޓީ ސެލޫންތައް / ބޯކޮށާ ތަންތަން މެތަންތަން ބަންދު ކުރުން.
  • ކަސްރަތު ކްލާސްތަކާއި، ޖިމް، އަދި ހުރިހާ ކުޅިވަރު ކޯޓްތަކާއި ކުޑަކުދިންގެ ޕާރކްތަކާއި، މިއުޒިއަމްޕާރކް ބަންދުކުރުން.
  • ފިނިބުރު ޖެހުން މަނާކުރުމާއި، 3 މީހުންނަށްވުރެ ގިނަމީހުން އެއްފަހަރާ އެއްތަނަކަށް އެއްވެއުޅުންމަނާކުރުން.
  • ސްކޫލްތަކާއި، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަންކުލާސްތަކާއި ޤްރުއާން ކުލާސްތައް އޮންލައިންކޮށްކުރިއަށް ގެންދިއުން.

އޭގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.

ތިނަދޫ ކައުންސިލުން ވަނި މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުން ވީހާވެސް ގިނަ ވަގުތު ގޭގައި ތިބުމަށާއި، ޒަރޫރީ ކަމެއްގައި ބޭރަށް ދާއިރު މާސްކް އެޅުމަށާއި އަދިރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން 7934641 ގުޅާ މައުލޫމާތުލުމާތު ހިއްސާ ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މިހާރު ތިނަދޫގައި އެކްޓިވް ކޭސްގެ އަދަދު މިވަނީ 31 އަށް އަރާފައެވެ.