ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތުފާނަކާ ކުރިމަތިވެ، ސިއްހީ ނިޒާމް އިނދަޖެހިފައިވާ އަވަށްޓެރި އިންޑިއާގެ މަގުތައް މަތީގައި، ބަލިމީހާ ހޮސްޕިޓަލަށް ގެންދާނެ އެމްބިއުލާންސްއަށް ދައްކާނެ ފައިސާ އަތުގައި ނެތިގެން، ކޮނޑުމައްޗަށް ލައިގެން ޕޭޝަންޓުން އުފުލާ މަންޒަރު ފެނުމާއެކު، ކޮންމެވެސް ކަމެއް ކުރަން ތެދުވަން ވެއްޖެ ކަމަށް، އޮޓޯ-ރިކްޝާ ޑްރައިވަރު، މުހައްމަދު ޖާވިދު ހާންއަށް ވިސްނުނެވެ.

އިންޑިއާގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ބޯޕާލްގައި އޮޓޯ ދުއްވަމުން އަންނަ، އުމުރުން 34 އަހަރުގެ ހާން، އޭނާގެ އަނބިމީހާގެ ގަހަނާތައް ވިއްކާލިއެވެ. އަދި އޭނާގެ އޮޓޯ، ކުޑަކުޑަ އެމްބިއުލާންސްއަކަށް ބަދަލުކޮށްލިއެވެ. އޮކްސިޖަން ސިލިންޑަރަކާ، ލޭގައި އޮކްސިޖަން ހުރި މިންވަރު ބަލަން ބޭނުން ކުރާ އޮކްސިމީޓަރާ، އެނޫންވެސް ސިއްހީ އާލާތްތައް، އޮޓޯގައި ހަރުކުރިއެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް އޮކްސިޖަން ސަޕްލައި ނުލިބުމުގެ މައްސަލަ ވަނީ ބޮޑު ވެފަ / ފޮޓޯ: ކުއާޓްޒް

"އިންތިހާއަށް ބަލި މީހަކު، އޮކްސިޖަންގެ އެހީއާ ނުލާ ހޮސްޕިޓަލަކަށް ނުގެންދެވޭނެ. އެހެންވެ ހިތަށް އެރީ، އަހަރެންގެ އޮޓޯ، 3 ފުރޮޅުލީ އެމްބިއުލާންސްއަކަށް ބަދަލުކޮށްލާނީއޭ. ޖާގަ ތަނަވަސްނުވިއަސް، ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އެ އޮޓޯގައި އޮންނާނެ" ހާން ބުންޏެވެ.

ކޮވިޑް-19ގެ ކާރިސީ ހާލަތު އިންތިހާއަށް ގޯސްވަމުން އަންނަ އިންޑިއާގައި، ހާން ފަދަ ޒުވާނުން ދެމުންދާ އެހީ އަކީ އިންތިހާ ޝުކުރު ހައްގު އެހީއެކެވެ.

"އޮކްސިޖަން ނުލިބިގެން ޒުވާނުންވެސް އުޅޭ ގޮތް އަހަރެންނަށް ފެނޭ. އެމްބިއުލާންސްއަށް ގުޅުމުން، ފީއަކަށް އެބަ ނަގާ 5 ހާހާހައި، 10 ހާސް ރުޕީޒްއާ ދެމެދު އަދަދެއްގެ ފައިސާ. ކިހިނެއް ފަގީރަކު އެވަރަށް ފައިސާ ދައްކާނީ؟ ވަކިން ހާއްސަކޮށް ޕެންޑަމިކްއެއްގަ، އާމްދަނީއެއް ނެތް އިރު، ކިހިނެއް؟" ހާން ސުވާލުކޮށްލިއެވެ.

ކޮވިޑް-19ގެ ތޫފާނަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާގެ އޮކްސިޖަން ކިއުއެއް / ފޮޓޯ: ފްރާންސް24

ހާންގެ އޮޓޯގައި ހަރުކުރަން އޮކްސިޖަން ސިލިންޑަރަކާ އޮކްސިމީޓަރު ހަދިޔާ ކުރީ ހެޔޮ އެދޭ ފަރާތަކުންނެވެ. އަދި ޑޮކްޓަރަކު ވަނީ، އޮކްސިޖަން ސިލިންޑަރާ، އޮކްސިމީޓަރު، ރައްކާތެރި ގޮތުގައި ބޭނުން ކުރާނެ ގޮތް، ހާންއަށް ދަސްކޮށްދީފައެވެ.

"ވަރަށް ގިނަ މީހުން އާދޭ އެހީ ހިފައިގެން. އެމީހުން އެދެނީ ބަލިމަޑުކަން ނިމެންދެން އަހަރެން މިގޮތަށް ދުއްވައިދޭން" ހާން ބުންޏެވެ.

ހާން ބުނާ ގޮތުގައި، އޭނާގެ މި ހިދުމަތުގެ ޝުކުރު، އެތައް ބަޔަކަށް ހައްގެވެ. އެހެން މީހުންގެ އެހީއާ ނުލާ، މިކަން މިގޮތަށް ނުކުރެވުނީސް ކަމަށް ހާން ބުނެއެވެ.

އިންޑިއާގެ ބޯޕާލްގައި އޮޓޯ ދުއްވާ މުހައްމަދު ޖާވިދު ހާން / ފޮޓޯ: އާރްއެފްއައި

ކަންމިހެން އޮތްއިރު، އިންޑިއާގެ ފުލުހުން ވަނީ ހާންއަށް އޮތް ހުރަހަކަށެވެ. ފުލުހުން ވަނީ، ކުއްލި ހާލަތުގައި ހޯދަން ޖެހޭ ހާއްސަ ހުއްދައަކާ ނުލާ، އޭނާގެ އޮޓޯ އޮޕަރޭޓް ކުރަމުން ދިޔަ ކަމުގެ ކުށުގައި، ހާން ހިފަހައްޓާފައެވެ. ދައުވާވެސް އުފުލިއެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ނަތީޖާއެއްގެ ގޮތުން، ފުލުހުންގެ ދައުވާ އަނބުރާ ގެންގޮސް، ހާންއާށް ހާއްސަ ހުއްދައެއް ދޫކުރިއެވެ.