ހުސްވި އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން ނޭޕާލްގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ ނިސްބަތްވާ 7 ދުވަހުގެ އެވަރޭޖު، 1200 ޕަސެންޓަށް ވުރެ މައްޗަށް އަރާފައި ވާކަމަށް، ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކާ ހަވާލާދީ، ސީއެންއެންއިން ރިޕޯޓް ކޮށްފިއެވެ.

ހޯމަ ދުވަހު ނޭޕާލްއިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ވަނީ ކޮވިޑް-19ގެ 7388 އާ ކޭސް ފެނިފައެވެ. ނޭޕާލްއިން ދަނީ ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް، ކޮންމެ 1 މިލިއަން މީހަކަށް 200 ކޭސް ރިޕޯޓް ކުރަމުންނެވެ.

އޭޕްރިލް މަހުގެ ފަހުކޮޅަށް އައި އިރު، ނޭޕާލްގެ އަވަށްޓެރި އިންޑިއާއިންވެސް ކޭސް ރިޕޯޓް ކުރަމުން ދިޔައީ މި ފަދަ ރޭޓެއްގައެވެ. ނޭޕާލްގެ އާބާދީއިން ބޮލަކަށް ޖެހޭ ނިސްބަތަށް ބަލާއިރު، މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން އިންޑިއާގެ މި ރޭޓާ އެއްގޮތް ކަމެއް ހުރި ކަމަށް ސީއެންއެންއިން ބުނެއެވެ.

މިއަހަރުގެ ފެބުރުއަރީ މަހާއި މާޗް މަހަށް ބަލާއިރު، ނޭޕާލްއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް އިންޑިއާގެ ކޭސްތައް އިތުރުވާން ފެށި ވަގުތާ ދިމާކޮށް، އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން ނޭޕާލްގައިވެސް ވަނީ ކޭސް އިތުރުވާން ފަށާފައެވެ. ކުރިން ދުވާލެއްގެ މައްޗަށް 50-100 ކޭސް ރިޕޯޓް ކުރި ނަމަވެސް، މިއަދަދު މިހާރު ރިޕޯޓް ކުރަނީ ހާހުންނެވެ.

ނޭޕާލްއިން އިންޑިއާ ވޭރިއަންޓްވެސް ވަނީ ފެނިފައެވެ. ނޭޕާލްއިން މެއި 6 ވަނަ ދުވަހުން ފަށައިގެން 14 ވަނަ ދުވަހުގެ ނިޔަލަށް، ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް ހުއްޓާލަން ނިންމާފައެވެ.