އެ ބަލީގެ ހަގީގީ އަސްލަކީ ކޮބައިކަން އަދާ ޖެހުނުއިރުވެސް ދެނެގަނެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ތޫފާނަކާ ކުރިމަތިލާންޖެހިފައިވާ އަވަށްޓެރި އިންޑިއާގެ ވަރަނާސީއަކީ، ކޮވިޑްގެ މި ރާޅުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަމުން އަންނަ އެއް ސިޓީއެވެ.
އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ މި ސިޓީގެ ރައްޔިތުންގެ ރުޅި ކޮޅުން ލާ، މިހާރު ސުވާލު ކުރަމުން ދަނީ، އެންމެ ބޮޑަށް އެމީހެއްގެ ބޭނުން ޖެހުނު ވަގުތު، އެމީހުންގެ މަޖިލީސް މެންބަރު އަދި އިންޑިއާގެ ބޮޑުވަޒީރު ވީ ހިސަބާކާ މެދުގައެވެ.
ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ ނުރައްކާ އިންޑިއާގައި ބޮޑުވަމުން އަންނައިރު އެ ގައުމުން ބަލިޖެހުނު މީހުންގެ އަދަދު 20 މިލިއަނަށް ވުރެ މައްޗަށް އަރާ، މަރުވި މީހުންގެ އަދަދު 220000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
މޯދީގެ ވަރަނާސީގެ ހާލަތަށް ބަލާއިރު ސިއްހީ ހިދުމަތުގެ ނިޒާމު ވަނީ މުޅިންހެން އިނދަޖެހިފައެވެ. ޕޭޝަންޓުންނަށް ހޮސްޕިޓަލް އެނދެއް ނުލިބެއެވެ. އޮކްސިޖަންއާ އެމްބިއުލާންސްގެ ހިދުމަތްވެސް އޮތީ މިހާލުގައެވެ. ކޮވިޑް ޓެސްޓެއް ހެދުމަށް ހަފުތާއެއްހާ ދުވަސްވެއެވެ. ފާއިތުވީ 10 ވަރަކަށް ދުވަހަށް ބަލާއިރު، އެންމެ އާންމު ކޮށް ބޭނުން ކުރާ ވިޓަމިންސް، ޒިންކް އަދި ޕެރަސެޓަމޯލް ފަދަ ބޭސްތައް، ފާމަސީތަކުން މުޅިން ހުސްވެއްޖެއެވެ.
މީޑިއާގައި ނަން ހާމަ ނުކުރުމަށް ވާހަކަދެއްކެވި ސިއްހީ ތަޖުރިބާކާރަކު ވިދާޅުވީ، އެންމެ އަސާސީ ބޭހުގެ ސަޕްލައިއަށް ބުރޫއަރާފައި ވާއިރު، މުއްދަތު ހަމަވެފައިވާ ބޭސް ބޭނުން ކުރާ މީހުންވެސް އުޅޭ ކަމަށެވެ. އެއީ މާ ބޮޑު ފައިދާއެއް ކުރާނެ އެއްޗަކަށް ނުވި ކަމުގައި ވީ ނަމަވެސް، ކޮންމެވެސް ވަރެއް ވާނެތީ ކަމަށް އެ ފަދަ ބޭސްތައް ބޭނުން ކުރާ މީހުން ބުނާ ކަމަށް، ތަޖުރިބާކާރު ވިދާޅުވިއެވެ.
ވަރަނާސީގެ ރަށްވެހިން ބުނާ ގޮތުގައި އެ ސަރަހައްދުން ކޭސް އިތުރުވާ ކަމުގެ އިންޒާރުތަކުގެ ފެންނަން ފެށީ މާޗް މަހުގެ ތެރޭގައެވެ. އެއީ މުމްބާއީއާއި ދިއްލީގައި ކޭސް އިތުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ސަބަބުން، އެ ސިޓީތަކުގައި މަސައްކަތް ކުރަމުން ދިޔަ ހިޖުރަވެރި މަސައްކަތްތެރިން، އެނބުރި އަމިއްލަ ވަޒަނަށް ދަތުރު ކުރަން ފެށި ހިސާބެވެ. މި މީހުން ވަރަނާސީއާއި ވަރަނާސީ ވަށައިގެންވާ ސަރަހައްދުތަކަށް ދަތުރު ކުރަމުން ދިޔައީ ތޮއްޖެހި، ފިތި ބާރު ވެފައިވާ ރޭލުތަކާ، ބަސްތަކާ ޓްރަކްތަކުގައެވެ.
ގިނަ އަދަދެއްގެ ބަޔަކު ވަރަނާސީއަށް ދަތުރު ކުރީ ހޯލީ ފާހަގަ ކުރާށެވެ. އަނެއް ބަޔަކު އަމިއްލަ ވަޒަނަށް ދަތުރު ކުރީ، ތަޖުރިބާކާރުންގެ އިރުޝާދާ ދެކޮޅަށް، އޭޕްރިލް 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އިންތިހާބުގެ ޑިއުޓީއަށް ނިކުތް 700 އެއްހާ ޓީޗަރުން ވަނީ މަރުވެފައެވެ. އިންތިހާބުތަކާއެކު ވައިރަސް ފެތުރުމަށް ފުރުސަތު ތަނަވަސްވީއެވެ.
ހޮސްޕިޓަލްތައް ފުރި، އެމީހަކާ އެމީހަކު އަމިއްލައަށް އުޅެންޖެހުނީއެވެ.
ވަރަނާސީގެ ހާލަތު ގޯސްވާން ފެށުމުން، އެ ސަރަހައްދުގެ 4 ސިޓީއެއް ލޮކްޑައުން ކުރަން ހައިކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އެކަން ތަންފީޒު ކުރުމަށް ސްޓޭޓުން ދެކޮޅު ހަދާ، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
ސަރުކާރުން އާންމު ކުރަމުންދާ ތަފާސް ހިސާބުތަކާ މެދު އާންމުން ސުވާލު އުފައްދައެވެ. ސަރުކާރުގެ ތަފާސް ހިސާބުތަކުން މާ ބޮޑު އަދަދެއް ނުފެނުނު ކަމުގައި ވީ ނަމަވެސް، ގަބުރު އެންދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތަކު ވަނީ ބުނެފައެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް 80-90 ގަބުރު އަންދަމުން ދިޔަ 2 ތަނެއްގައި މިހާރު ދުވާލެއްގެ މައްޗަށް 300-400 އެއްހާ ގަބުރު އަންދާ ކަމަށް ބުނެވެއެވެ.
ހާލަތު މިހާ ހިސާބަށް ދިޔައިރުވެސް މޯދީ ވީ ހިސާބެއް ނޭނގެއެވެ. ނަމަވެސް އޭނާއާ ވަރަނާސީއާ ދެމެދު ހާއްސަ ގުޅުމެއް އޮންނަ ކަމަށް މޯދީ އަބަދުވެސް ވިދާޅުވެއެވެ. ކޮވިޑްގެ ތޫފާން އަރާ، މުޅި ވަރަނާސީ ހަފުސްކޮށްލިއިރުވެސް، މޯދީގެ ދާއިރާއަށް އޭނާ ވަނީ "ފިއްލަވާފަ"އެވެ.
އިންޑިއާގައި ކުރިއަށް ގެންދިޔަ އެސެމްބްލީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް، މިއަހަރުގެ ފެބުރުއަރީ މަހާ އޭޕްރިލް މަހާ ދެމެދު، ވެސްޓް ބެންގޯލް ސްޓޭޓްގެ މުހިންމު ސަރަހައްދުތަކަށް މޯދީ 17 ފަހަރެއްގެ މަތިން ދަތުރު ކުރެއްވި އިރު، ވަރަނާސީގެ ރައްޔިތުން ތިބީ، ހިތްދަތި ކަމާއެކު މަންޒަރު ބަލާށެވެ. އިންތިހާބު ނިމުން އިރު މޯދީއަށް ވެސްޓް ބެންގޯލްވެސް ގެއްލުނީއެވެ.
އިދިކޮޅު ކޮންގްރެސްގެ ގޯރާވް ކަޕޫރު ވިދާޅުވާ ގޮތުގައި، ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހޭނީ މޯދީއަށެވެ. ފާއިތުވީ މަހެއްހާ ދުވަހު ވަރަނާސީއާ އިންޑިއާއިން މަރުވި ކޮންމެ މީހެއްގެ މަރުގެ ޒިންމާވެސް އުފުއްލަވަން ޖެހޭނީ މޯދީ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުނެވޭ ގޮތުގައި މޯދީގެ އިތުރުން ޗީފް މިނިސްޓަރާ، ބީޖޭޕީގެ އިސް ލީޑަރުންވެސް ވަނީ ފިލާފައެވެ. ފޯނުތައް ވަނީ ނިއްވާލާފައެވެ. މިއީ ރައްޔިތުންނަށް އެމީހުންގެ މެންބަރުންގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ވަގުތު ކަމުގައި ވީ ނަމަވެސް، ރައްޔިތުންނަށްޓަކާ ހުންނެވި މެންބަރަކު މިއަދު ނެތެވެ.