މިހާރު ކުރިޔަށްގެންދާ އޭލެވެލް އިމްތިހާނު ރާއްޖޭގައި ހުއްޓާލަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ކުރިޔަށްގެންދާ ނޫސްކޮންފަރެންސްގައި މިނިސްޓާ އައިޝަތު އަލީ ވިދާޅުވެފައިވަނީ އޭލެވެލް އިމްތިހާނުގެ 3 ޕޭޕަރެއް މިހާތަނަށް ލީކުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މިހާރު ކުރިޔަށްގެންދާ އިމްތިހާނު މެޑުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އޭލެވެލް ގެ ޕޭޕަރެއް އެންމެ ފުރަތަމަ ލީކުވިކަން އެނގިފައިވަނީ މިދިޔަ ބުރާސްފަތިދުވަހު ކަމަށާ، ޕޭޕަރު ލީކުވިކަން އެނގުމުން ވަގުތުން އެޑެކްސެލްއާއެކު މަޝްވަރާ ކޮށްފައި ވާކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެންމެފުރަތަމަ ލީކުވެފައިވަނީ ފިޒިކްސް ޕޭޕަރާއި ބަޔޮލޮޖީ ޕޭޕަރެވެ.

މިނިސްޓްރީން ބުނެފައި ވަނީ އިއްޔެއިން ފެށިގެން އެއްވެސް ޕޭޕަރެއް ލީކުނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލް އިން ދީފައި ވާކަމަށެވެ. އެހެންނަމަވެސް މިއަދުގެ އިމްތިހާނު ފެށެން 1 ގަޑިރަށް ވެފައި ވަނިކޮށް ކެމިސްޓްރީ ޕޭޕަރު ވަނީ މާކިން ސްކީމާ އެއްކޮށް ލީކުވެފައެވެ.

އެޑެކްސެލްއާ މަޝްވަރާ ކުރުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް ދެ ގޮތެއް ހުށައަޅަން ނިންމާފައެވެ. އެއް ގޮތަކީ ދަރިވަރުން ބޭނުންނަމަ އޭޕްރިލް/މެއި އިމްތިހާނުން ވަކިވެ އޮކްޓޯބަރު/ނޮވެމްބަރުގެ އިމްތިހާނަށް ބަދަލުވުމެވެ. ދެވަނަ ގޮތަކަށް ދަރިވަރުންނަށް ހުށައަޅާފައި ވަނީ ޓީޗާ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައަޅާ ކިޔެވުން ނިންމާލުމެވެ.