ކޮވިޑް19ބަލި ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން ރައިސް ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިންތިހާއަށް މަތިވަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ރައީސް ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
އަދި ބަލި ކޮންޓްރޯލު ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާކުރައްވަމުން ގެންދަވާ ކަން ރައީސް ސޯލިހް ވަނީ ހާމަ ކުރައްވާފައެވެ.
ކޮވިޑް އަދަދުތައް މަތިވަމުން ދާއިރު އިއްޔެ އަކީ ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ކޭސް ރިޕޯޓުކުރި ދުވަހެވެ. ޖުމްލަ 508 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 276 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 12 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 185 މީހަކާއި ލިވަ ބޯޑުން 3 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން 32 މީހެކެވެ.
މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި އާ ވޭރިއަންތް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އެގޮތުން މާލޭ ސަރަަހައްދުގައި ވެސް ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރުވެސް މައްޗަށް ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަލާފައިވާ ފިޔަވަޅުތައް ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އައުމާ ގުޅިގެން އިއްޔެ އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.