މިހާރު ކުރިއަށްދާ އޭ ލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވި މައްސަލައިގައި ރާއްޖެއިން އެޑެކްސެލްއަށް ހުށަހެޅީ އަލުން އިމްތިހާން ހެދުން ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީގެ" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ބައެއް ޕޭޕަރުތަކެއް ލީކުވި މައްސަލައިގައި، އެޑެކްސެލްއާއެކު ގިނަ މަޝްވަރާތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން އިއްޔެއިން ފެށިގެން އެފަދަ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން ދީފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައި ހުރި ފިޔަވަޅުތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގެ ސުކޫލުތަކުގައި ކުރިއަށްދާ ކަމަށާއި އޭލެވެލްގެ ސުވާލު ކަރުދާހެއް ރާއްޖޭހެ އެއްވެސް ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށެވެ.

މިހާރު ކުރިއަށްދާ އިމްތިހާނުގެ ދެތިން ހަތަރު މާއްދާއެއްގެ ޕޭޕަރުތައް ވަނީ ލީކުވެފަ އެވެ. އޭގެ ތެރޭގައި ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރު ވެސް ހިމެނެ އެވެ.