އުތުރު ކޮރެއާއާއި އުތުރު ކޮރެއާއިން ހިންގާ ނިއުކްލިއާ މަޝްރޫއާ ކުރިމަތިލުމަށް އެމެރިކާގެ އަދުގެ ސަރުކާރުން ގެންގުޅޭނެ އިސްތިރާޖު އާންމު ކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް، އުތުރު ކޮރެއާއިން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީއިން ބުނީ، އެމެރިކާގެ ސަރުކާރުން މި ފަހުން ލިބުނު މެސެޖުތަކަށް ބަލާއިރު، އުތުރު ކޮރެއާއާ ދެކޮޅަށް އަދާވާތްތެރި ސިޔާސަތެއް ދެމެހެއްޓެވުމުގެ ނިޔަތް، ބައިޑަންގެ ކިބައިން ފާހަގަ ކުރެވޭ ކަމަށެވެ.
ހުސްވި ހަފުތާގެ ކުރީ ކޮޅު، ބައިޑަން ވަނީ، އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫއަކީ، ދުނިޔޭގެ ސަލާމަތަށް އޮތް "ސީރިއަސް ނުރައްކަލެއް" ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސް އިން ބުނީ، އުތުރު ކޮރެއާގެ މައްސަލާގައި ބައިޑަން ރޭވުންތައް ރާއްވަވަމުން ގެންދަވަނީ، ހާލަތާ އެންމެ އެކަށޭނަ އުސޫލުން ކަމަށެވެ.
ވައިޓްހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ، އުތުރު ކޮރެއާއާ ގުޅިގެން އެމެރިކާއިން އެކުލަވާލި ސިޔާސަތު މުރާޖާ ކޮށް ނިމިފައި ވާ ކަމަށެވެ. އަދި އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވާލުމަށް އެމެރިކާގެ ކުރީގެ 4 ސަރުކާރުން މަސައްކަތް ކޮށް، ފެއިލްވި ފެއިލްވުމުން، ބައިޑަން ފިލާވަޅުތަކެއް ދަސްކުރައްވާފައި ވާކަމަށްވެސް ސާކީ ވަނީ އިޝާރާތް ކުރައްވާފައެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީއިން މިއަދު އާންމު ކުރި ބަޔާނެއްގައި، ސީދާ އިބަރާތުން ބައިޑަން ބަހުގެ ހަމަލާ ދީފައިވެއެވެ. އެގޮތުން އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ބައިޑަން ދެއްކެވި ވާހަކަފުޅަކީ "ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެއީ ހެއްދެވުނު ބޮޑު ގޯހެއް" ކަމަށް ބަޔާންކޮށްފައެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ އެމެރިކާގެ މަސްރަހާ ބެހޭ ޑިޕާޓްމަންޓްގެ ކްވޯން ޖޮންގް-ގަން ވިދާޅުވީ، ބައިޑަންގެ ވާހަކަފުޅަށް ބަލާއިރު، އެއީ ފާއިތުވީ ބައި ގަރުނެއް ހާ ދުވަހު އެމެރިކާއިން ދެމެހެއްޓި، އުތުރު ކޮރެއާއާ އަދާވާތްތެރި ސިޔާސަތު، ބައިޑަންވެސް ދަމަހައްޓަވާނެ ކަން، އަންގައިދޭ ކަމެއް ކަމަށެވެ.
އެމެރިކާ ސަރުކާރުން ވަނީ، އުތުރު ކޮރެއާއާއެކު ޑިޕްލޮމެޓިކް އިމުގެ ތެރެއިން މަޝްވަރާ ކުރުމަށް، ފެބުރުއަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ކަން މިހެން އޮތް އިރު، އަދާ ޖެހުނު އިރުވެސް، ޖޯ ބައިޑަންއަކީ އެމެރިކާގެ ރައީސް ކަމުގައި ބަލައިގަތް ކަމަށް އުތުރު ކޮރެއާއިން ހާމަކޮށްފައެއް ނުވެއެވެ.
ބައިޑަންގެ ކުރިން އެމެރިކާގެ ވެރިކަމުގައި ހުންނެވި މަހުޖަނު، ޑޮނާލްޑް ޓްރަމްޕަކީ، އުތުރު ކޮރެއާގެ ޒައީމް ޖިމް ޖޮންގް-އުންއާ ބައްދަލު ކުރެއްވި، އެމެރިކާގެ ފުރަތަމަ ރައީސްއެވެ. ޓްރަމްޕް ވަނީ 3 ފަހަރެއްގެ މަތިން ކިމްއާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް ނިއުކްލިއާ މަޝްރޫއު ނިމުމަކަށް ގެނައުން ފަދަ އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް ވަޑައިގަންނަވާފައެއް ނުވެއެވެ.