ރާއްޖޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް 'އޭ ލެވެލް' ޕޭޕަރުތައް ލީކުވެފައިވަނީ އެހެން ގައުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެހެން ބުނެފައިވަނީ އޭލެވެލްގެ ފިޒިކްސް ސުވާލު ޕޭޕަރާއި އެނޫން ވެސް ބައެއް ޕޭޕަރުތައް ލީކްވެފައިވާ ކަމަށް ފެތުރި ހަބަރުތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ރާއްޖޭގައި ކުރިޔަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލެ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާ، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކާ އެޅިފާހުރި ފިޔަވަޅުތައް ހަމަޖެހިފާހުރި އުސޫލުތަކާ އެއްގޮތަށް ކުރިޔަށްދާ ކަމަށެވެ.

އަދި އޭލެވެލްގެ ސުވާލު ކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް އޭލެވެލް އިމްތިހާނު ކަރުދާހެއް ކޮންމެވެސް ގައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި އެ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުގެ އޭލެވެލް އިމްތިހާނު ފަށާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.