ކެބިނެޓް ހިމެނޭ ގޮތަށް ސަރުކާރަށް ބަދަލުތަކެއް ގެންނަން އުޅޭ ދަނޑިވަޅެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފާތު ޓްވީޓެއް ކުރައްވައިފިއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބެއް ލިބުމަކީ ބޮޑާކަމާ ކިބުރުވެރިކަން ދައްކާ، އެކަކު އަނެކުން ނިކަމެތިކޮށް ހައްގުތަކުން މަހުރޫން ކުރަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ނާކާމިޔާބީއެއް ލިބުމަކީ ހާސްވެ، ގޮތް ހުސްވެ، މާޔޫސްވެ ތިބާޔާ ތިމާގެ ޖަމާއަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަބަބެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން އެޓްވީޓު ކުރައްވާފައިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފުވެފައެއް ނުވެއެވެ.

ކެބިނެޓް ހިމެނޭ ގޮތަށް ސަރުކާރަށް ބަދަލުތަކެއް ގެންނަން އުޅޭ އަޑުތައް ފެތުރިފައިވާއިރު މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ސަރުކާރަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ. ނަމަވެސް ކެބިނެޓަށް ބަދަލުތަކެއް އަންނާނެކަމުގެ ވާހަކަ މަބްރޫކް ވިދާޅުވެފައެއް ނުވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވަމަންޓް (އެމްއާރުއެމް) އަށް ނިސްބަތްވާ 2 ވަޒީރަކު ކެބިނެޓުން ވަކިކުރާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިދާޅުވެފައި ވަނީ ސަރުކާރު ހިންގުމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ބޭއްވި އެ ޕްރެސްގައި ސަރުކާރުގެ ތެރެއިންނާއި ބޭރުން ފާހަގަ ކުރެއްވޭ ކަންތައްތައް ހުރިކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން ކެބިނެޓުގައި ތިއްބެވި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޖުމްހޫރީ ޕާޓީގެ އަލީ ވަހީދާއި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރަކަށް ހުންނެވި ޖުމްހޫރީ ޕާޓީގެ މުހައްމަދު މަލީހް ޖަމާލްގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރަކަށް ހުންނެވި އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފާއި އެމްއާރުއެމްއަށް ނިސްބަތްވާ މިނިސްޓަރު އާތިފާ ޝަކޫރު ވަނީ ކެބިނެޓުން އުނިވެފައެވެ.