ގަރާޖު ސިޓީއާ ނުލާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެން ނުވާ ކަމަށެވެ.

އެ އިސްލާހު އަނބުރާ ފޮނުވާލަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އިރު އެ އިސްލާހު އަނބުރާ ފޮނުވާލަން 68 މެމްބަރުން ވަނީ ވޯޓު ދީފައެވެ.

އެ އިސްލާހާ ގުޅިގެން އީވާ ވިދާޅުވީ ގަރާޖު ސިޓީ ބޮޑު އަގުގައި ވިއްކައިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރުމަށް އޮތް ހައްލަކީ ގަރާޖު ސިޓީ އުވާލުން ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި އެއަށް ވުރެ ރަނގަޅު ހައްލެއް ނެރެވެން ވާނެ ކަމަށެވެ.

އީވާ އިތުރަށް ވިދާޅުވީ ގަރާޖު ސިޓީ އުވާލައިފި ނަމަ މާލެ މިހާރަށް ވުރެ ބޮޑަށް ތޮއްޖެހި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ގާނޫނު އޮންނަގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނަމަ، އެއުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން ހުށަހަޅަން ޖެހެއެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުދީފައި އޮންނަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއެވެ.

އެ އިސްލާހު ގެނައި ސަބަބެއް ކަމަށް ބުނެފާވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އޮތުމުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެ ލިޔުން ވިއްކަމުން ގެންދާ މައްސަލައަަށް ހައްލެއް ގެނައުމެވެ.