ސައްޔިދު މުނީރު ކަމްރުއްދީނަކީ އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް ކަމުގައި ވާ މުމްބާއީގައި، ކަށްވަޅު ކޮނުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށި، ދެތިން މަސް ދުވަސް ފާއިތުވީއިރު، ހަށިރައްކަލަށް ބޭނުން ކުރާ ޕީޕީއީއާ އަންގި ފަދަ ތަކެތި ބޭނުން ކުރުން، މުނީރު ހުއްޓާލިއެވެ.

"ކޮވިޑް ދެކެ އަހަރެން ބިރެއް ނުގަނޭ. އަހަރެން މަސައްކަތް ކޮށްފަ ހުންނާނީ ވަރަށް ހިތްވަރާއެކު. ހުރިހާވެސް ކަމަކީ ހިތްވަރު، ބިރެއް ނޫން" މުމްބާއީގައި ކަށްވަޅު ކޮނުމުގެ މަސައްކަތުގައި ފާއިތުވީ 25 އަހަރު ހޭދަކޮށްފައިވާ، އުމުރުން 52 އަހަރުގެ މުނީރު ބުންޏެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިންޑިއާގައި އެ ބަލިޖެހިގެން މަރުވި މީހަކު ވަޅުލުމަށް ކަށްވަޅު ތައްޔާރު ކުރަނީ / ފޮޓޯ: އަލްޖަޒީރާ

މި ދަނޑިވަޅަކީ ދުނިޔެ ދެކެފައި ނުވާ ފަދަ ވަރުގަދަ ކޮވިޑް ރާޅެއްގައި އިންޑިއާ ޖެހިފައިވާ ދަނޑިވަޅެކެވެ. މިއަދަކީ، ބަލިމަޑުކަން ފެށިފަހުން އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރި ދުވަހެކެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 3645 މަރުގެ ކޭހާ، 379257 ޕޮޒިޓިވް ކޭސް ފެނިފައި ވާ ކަމަށް އިންޑިއާއިން މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު، ކޮންމެ ދުވަހަކީވެސް 3 ލައްކައަށްވުރެ މަތިން ޕޮޒިޓިވް ކޭސް ރިޕޯޓް ކުރަމުން އައި ދުވަހެކެވެ. މިއާއެކު އިންޑިއާގެ ކޮވިޑް ކޭސްލޯޑް ވަނީ 18 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިންޑިއާގައި އެ ބަލިޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: އަލްޖަޒީރާ

ކޮވިޑްގެ އާ ރާޅާއެކު، އިންޑިއާގެ ނާޒުކު ސިއްހީ ނިޒާމު އިނދަޖެހިއްޖެއެވެ. މީހުން އެންދުމުގެ މަސައްކަތް ކުރާ ތަންތަނާ، ގަބުރުސްތާނުތަކުގެ ހާލަކީވެސް މިއީއެވެ.

ވެރިރަށް ދިއްލީއަށް ބަލާއިރު، އެމްބިއުލާންސްތަކުގައި ގަބުރު އުފުލަކީ ޕާކުތަކާ ޕާކިންގް ޒޯންތަކަށެވެ. ބަރިބަރިއަށް ގަބުރުތައް އަޅާ، އަންދާލުމަށެވެ.

މުނީރުއާ، އޭނާއާ އެކުގައި މަސައްކަތް ކުރާ ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ގަބުރުތައް ވަޅުލާނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

"އަހަރަމެން ކުރާ ހަމައެކަނި ކަމަކީ މީ. އެމްބިއުލާންސްއިން ހަށިގަނޑު ނަގާ، އެ ހަށިގަނޑު ވަޅުން" ފާއިތުވީ އަހަރު ދުވަހު އެންމެ ދުވަހެއްވެސް ޗުއްޓީއަށް ނަގާފައި ނުވާ މުނީރު ބުންޏެވެ.

މިއީ ބަރަކާތްތެރި ރަމަޟާން މަހެވެ. ނަމަވެސް މުނީރު ބުނީ ރޯދަ ހިފުމުގެ ހިތްވަރު އޭނާގެ ކިބާގައި ނެތް ކަމަށެވެ.

އިންޑިއާގެ މުމްބާއީގައި ކަށްވަޅު ކޮނުމުގައި ހަރަކާތްތެރިވާ ސައްޔިދު މުނީރު ކަމްރުއްދީންގެ އެހީތެރިއަކު މަސައްކަތުގަ / ފޮޓޯ: އަލްޖަޒީރާ

"އަހަރެންގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ފެން ބޮވާ. އަހަރެންނަށް ޖެހެނީ ކަށްވަޅު ކޮންނަން، އަދި މަށި އަޅާ، އެ ގަބުރުތައް ފޮރުވަން. ގަބުރު އުފުލަންވެސް ޖެހޭ. މި ހުރިހާ ކަމެއް ކުރަމުން ކިހިނެއް ރޯދަ ހިފާނީ؟" މުނީރު ބުންޏެވެ.

މުނީރު ހުރީ އެ ގޮތުގައި ކުރިއަށް ދާށެވެ. އަދި ސަރުކާރުގެ ފަރާތުން މިއިން ދުވަހަކު އެހީއެއް ލިބޭނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ.