2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން އެންމެ ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރިޕޯޓް ކުރަން ފެށި ފަހުން، މުޅި ދުނިޔެ ދެކެފައި ނުވާ ފަދަ އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކޮށް، އިންޑިއާއިން މުޅި ދުނިޔެ ސިއްސުވާލީ މި އޭޕްރިލް މަހުގެ ފަހުކޮޅަށް އެޅި ފަހުންނެވެ. ދުވާލެއްގެ މައްޗަށް ލައްކައަކަށްވުރެ ގިނަ ކޭސް ރިޕޯޓް ކުރަމުން ގޮސް، މި ހަފުތާއަށް ފެށުނުއިރު، އަދަދުތައް ވަނީ 3 ލައްކައަށް ވުރެ މައްޗަށް އަރާފައެވެ.
މުޅި ދުނިޔޭގެ ބޭސް ފިހާރައިގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާއަށް ކުރިމަތިލާން ޖެހިފައިވާ ކޮވިޑްގެ މި ތޫފާނީ ކާރިސާއަކީ، އެކަމުގެ ހައްސާސް ކަމާ ނުރައްކާ، ހަމައެކަނި އިންޑިއާއަށް ހާއްސަ ކަމެއް ނޫނެވެ. އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އިންސާނީ ހަލޯރާތާ ގުޅިފައިވާ ކާރިސާއެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޗީފް ސައެންޓިސްޓް، ޑރ ސޯމްޔާ ސްވާމިނޭތަން ވިދާޅުވާ ފަދައިން، މި ވައިރަހަކީ ބޯޑަރަކަށް އިހުތިރާމެއް ކުރަން ދަންނައެއްޗެއް ނޫނެވެ. ނުވިތާކަށް، ވަކި ގައުމެއް، އުމުރެއް، ޖިންސެއް ނުވަތަ ދީނަކަށްވެސް ބެލުމެއް ނެތެވެ.
ކޮވިޑް-19ގެ މި ބަލިމަޑުކަން އަންގައިދެނީ، ދުނިޔޭގެ އެކި މަންޒިލްތައް، އެއް މަންޒިލް އަނެއް މަންޒިލާ ގުޅި، ލާމެހިފައިވާ މިންވަރެވެ. އެއް ގައުމެއްގައި ބަލިމަޑުކަމުގެ ހުޅުފަޅައިގެން ހިނގައްޖެނަމަ، އެހެން ގައުމުތަކަށްވެސް އެކަމުގެ އަސަރު ފޯރައެވެ. އިންތިހާ ހަލުވި މިނުގައެވެ.
ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިކޮށް، ޓެސްޓު ކުރާ މިންވަރު އިތުރުކޮށް، ކަރަންޓީނު ކުރި ކަމުގައި ވީ ނަމަވެސް ވައިރަސް ލީކުވެއެވެ. ދަތުރު ފެށި މަންޒިލަކީ ކޮވިޑް ހާއްޔަކަށް ވެއްޖެނަމަ މި ނުރައްކާ ވަކިން ބޮޑެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީއިން ހޮންގްކޮންގްއަށް ދާދިފަހުން ދަތުރުކުރި ފްލައިޓަކުން 50 ފަސެންޖަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އިންޑިއާގެ ކޮވިޑް ކާރިސާގައި ކަންބޮޑުވާންޖެހޭ އިތުރު ކަމެއް އެބައޮތެވެ. އެއީ ވޭރިއަންޓްތަކުގެ ބިރުވެރިކަމެވެ.
އިންޑިއާއިން ފެނުނު އާ ވޭރިއަންޓަށް ދީފައިވާ ނަމަކީ B.1.617 އެވެ. ނުވަތަ މީޑިއާގައި އާންމު އުސޫލުން މުހާތަބު ކުރާ އިންޑިއާ ވޭރިއަންޓްއެވެ. މި ވޭރިއަންޓަށް، "ޑަބަލް މިއުޓަންޓް" ވޭރިއަންޓޭވެސް ކިޔައެވެ. އެއީ ތަފާތު ދެ ގޮތަކަށް އައި ބަދަލެއް މި ވޭރިއަންޓުން ފާހަގަވާތީއެވެ.
އިންޑިއާ ވޭރިއަންޓާ ގުޅޭ ދިރާސާތައް ލެބްތަކުގައި ކުރިއަށް ދާއިރު، މިއީ ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓެއް ކަމަށް ބުނެވެއެވެ. އަދި ދިފާއީ ނިޒާމުން އުފައްދާ އެންޓޮބޮޑީޒްއަށްވެސް މި ވޭރިއަންޓް ހުއްޓުވުމުގައި ތަކުލީފުތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ބުނެވެއެވެ. ސައެންސްވެރިން ދަނީ މި ރޮނގުން އިތުރު ދިރާސާތައް ކުރަމުންނެވެ.
އާ ވޭރިއަންޓާއެކު އިންޑިއާގައި ރެކޯޑް އަދަދުތަކުން ކޭސް އިތުރު ވަމުން ދާއިރު، އަދިވެސް އިތުރު ވޭރިއަންޓްތައް އުފަން ވުމުގެ ފުރުސަތު ދަނީ ތަނަވަސްވަމުންނެވެ. އެހެނީ ކޮންމެ އިންފެކްޝަނަކީވެސް، ބަދަލުވުމަށް ވައިރަހަށް ލިބޭ ފުރުސަތަކަށް ވާ ކަމެވެ.
ޑައިރެކްޓާ އޮފް ދަ ކޮވިޑް-19 ޖެނޯމިކްސް ޔޫކޭ ކޮންސޯޓިއަމް، ޕްރޮފެސާ ޝެރަން ޕީކޮކް ވިދާޅުވާ ގޮތުގައި އާ ވޭރިއަންޓް އުފެދުމުގެ ފުރުސަތު ކުޑަކުރުމަށް އޮތް ގޮތަކީ، އިންސާނުންގެ ހަށިގަނޑުގައި ވައިރަސް ނަކަލުވާ ނިސްބަތް ކުޑަކުރުމެވެ. ނުވަތަ ދުނިޔޭގެ ފެންވަރުގައި ކޭސް ނަމްބަރު ދަށް ކުރުމެވެ.
ޖިސްމާނީ ގައިދިރުކަމާ، ލޮކްޑައުންތަކުން މިކަން ހާސިލުކުރެވިދާނެއެވެ. އަދި ވެކްސިންގެ ދައުރުވެސް ބޮޑެވެ.
ނަމަވެސް، އިންޑިއާގައި މިކަން ހިނގަނީ އިންތިހާއަށް ލަސް ދުވެއްޔެއްގައެވެ. އިންޑިއާގެ މުޅި އާބާދީއަށް ބަލާއިރު ފުރަތަމަ ޑޯޒް ޖަހާފައި ވަނީ އެންމެ 10 ޕަސެންޓް މީހުންނެވެ. ޖުމުލަ އާބާދީން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވަނީ އެންމެ 2 ޕަސެންޓް މީހުންނެވެ.
ނަމަވެސް އިންޑިއާއަކީ ދުނިޔޭގެ ވެކްސިން ހަބުކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ބައިނަލްއަގުވާމީ ވެކްސިން ބާޒާރުގެ އެންމެ ބޮޑު ކޮންޓްރޯލެއް އޮތް ކުންފުންޏެވެ. މިއީވެސް އިންޑިއާގެ ކޮވިޑް ކާރިސާގެ އަސަރު މުޅި ދުނިޔެއަށް ފޯރުމުގެ އެއް ސަބަބެވެ.
މިއަހަރުގެ ފުރަތަމަ 3 މަސްދުވަސް ނިމުން އިރު، އިންޑިއާއިން ކޭސް އިތުރުވާން ފެށުމާއެކު އެ ގައުމުން ވަނީ އޮކްސްފޯޑް އަދި އަސްޓްރާޒެނީކާގެ ފޯމިއުލާއަށް ތައްޔާރުކުރަމުންދިޔަ ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައެވެ. ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ތެރެއިން ފޯރުކޮށްދޭ ވެކްސިންތަކަށްވެސް މިކަމުގެ އަސަރު ފޯރިއެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދަނީ އިންޑިއާއިން ވެކްސިން އެކްސްޕޯޓް ކުރަން ފަށާނެ ދުވަހަކަށެވެ.
ދުނިޔޭގެ މަސްރަހަށް ބަލާއިރު، މިއިން ދުވަހަކު ވައިރަހަށް ވަދާއީ ސަލާމް ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ. ހަމަ ލޮލަށް ނުފެންނަ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އެ ދަނީ، ގައުމަކަށް ފަހު ގައުމެއް އިނދަޖައްސާ، ހަފުސް ކުރަމުންނެވެ. އިންޑިއާއިން މިއަދު އެ ފެންނަ މަންޒަރުތަކަކީ، ހުރިހާ އެންމެނަށް ސަލާމަތްތެރިކަން ހޯދާ ނުދެނެވެނީސް، އެންމެ މީހަކަށްވެސް ކޮވިޑްގެ ކިބައިން ސަލާމަތް ވެވެން ނެތް ކަމުގެ މިސާލެކެވެ.