އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތާ ޖެހެންދެންވެސް ވިނީ ވިދާޔަންތީ ދިޔައީ އޭނާގެ ފިރިމީހާ، ކާނަލް ހަރީ ސެތިއަވާން، 45، އާ ގުޅޭތޯއެވެ. ސެތިއަވާންއަކީ، މިދިޔަ ބުދަ ދުވަހު އިންޑޮނޭޝިއާއިން ގެއްލުނު އަސްކަރީ ސަބްމެރީން، ކޭއާރްއައި ނަންގައްލާ-402 ގައި ދަތުރު ކުރަމުން ދިޔަ 53 ކުރޫއިންގެ ތެރެއިން އެކަކެވެ.
ވިނީ ދިޔައީ އޭނާގެ ގެޔަށް ޒިޔާރަތް ކުރަމުންދިޔަ ފިރިމީހާގެ ރަހުމަތްތެރިންގެ ފޮޓޯ ނަގާ، އެ މަންޒަރުތައް ފިރިމީހާއަށް ފޮނުވަމުންނެވެ. އަދި ދަރިންގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ފިރިމީހާއާ ހިއްސާ ކުރަމުން ދިޔައެވެ. އެއިން އެއްވެސް މެސެޖަކަށް ފިރިމީހާގެ ފަރާތުން އެންމެ ޖަވާބެއް ނުލިބުނު ކަމުގައި ވީ ނަމަވެސްމެއެވެ.
"އަހަރެންގެ ހިތް ކުދިކުދިވެއްޖެ. މުޅިން ހަލާކުވެއްޖެ. އެންމެ އުނދަގޫވާނީ އެންމެ ހަގު ދަރިފުޅަށް މި ވާހަކަތައް ފަހުމްކޮށްދޭން. އަހަރެންނަށް ކަރުނައެއް ނުހިފެހެއްޓޭ" ރޮމުން އިނދެ، ވިނީ ކިޔައިދިނެވެ.
ކަނޑުގެ 840 މީޓަރު އަޑީގައި، 3 ބަޔަށް ބުރިވެފައި ވާތީ، ސަބްމެރީން ފެނުނު ކަމަށް އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން އިއުލާން ކުރީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ އިސްވެރިޔާ ޗީފް މާޝަލް ހާދީ ޖާޖަންޓޯ ވަނީ، ސަބްމެރީންއިން ދަތުރު ކުރި 53 ކުރޫއިންގެ ފުރާނަ ގެއްލިފައި ވާ ކަންވެސް އިއުލާން ކޮށްފައެވެ.
ލައިވް ފަޔާ ޓޯޕީޑޯ ޑްރިލްއެއް ކުރިއަށް ގެންދިއުމުގެ އިޒުނައަކަށް އެދުނު ފަހުން، މިދިޔަ ބުދަ ދުވަހު ސަބްމެރީންއާ ގުޅުން ކެނޑި، އެ ސަބްމެރީން ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި ސަބްމެރީންގައި އޮކްސިޖަން ހުންނާނީ ހޮނިހިރު ދުވަހުގެ ނިޔަލާ ޖެހެންދެން ކަމަށް ވީ ނަމަވެސް، އާއިލާތަކުން ދިޔައީ އެ އާއިލާތަކުގެ މެންބަރުންނާ ދިރިތިއްބާ ބައްދަލުވާނެ ކަމުގެ އުއްމީދު ކުރަމުންނެވެ.
އާރާ އާލިއާ ބުނި ގޮތުގައި އޭނާގެ ބައްޕަ، ސެކަންޑް ލެފްޓިނެންޓް މުނާވިރަކީ ސީރިއަސް އަދި ސީދާސީދަލަށް ކަންކަމާ ކުރިމަތިލާ، އަހުލާގު ރަނގަޅު ކަމަށް މަޝްހޫރު އަސްކަރީ މެންބަރެއް ކަމަށެވެ.
"މީހަކު ކަމެއް ކުރާށޭ ބުނެފިއްޔާ އެކަމެއް ވަގުތުން ކުރާނެ. މަސައްކަތެއް ނުކޮށް ހުންނަ ވަގުތުތައްވެސް ބައްޕަ ހޭދަކުރާނީ ފައިދާ ހުރި މަސައްކަތެއްގައި، ކާރެއް ނޫނީ ސައިކަލެއްގެ ތަންކޮޅެއް ހަދާލުމުގަ. ބައްޕައަކީ ވަރަށް ދަތުރުކުރާ ހިތްވާ މީހެއް. އަހަރަމެން ގޮވައިގެން މުޅި ގައުމުގަ ދަތުރުކުރާނެ" އާރާ ބުންޏެވެ.
ގްރެސީލިއާއަކީ، ކޭއާރްއައި ނަންގައްލާ-402ގެ އިލެކްޓްރޯ-ކޮމިއުނިކޭޝަންސްގެ ކަންކަމާ ހަވާލުވެ ހުރި ފަސްޓް ސާޖަންޓް ރުސްދިޔާންސިޔާހް ރަހްމާންގެ ހުވަފަތްވެފައިވާ އަނބިމީހާއެވެ. އެ ދެމަފިރިންގެ 18 ދުވަހުގެ ދަރިއަކު އޮތްއިރު، ގްރެސީލިއާ އުއްމީދު ކުރަމުންދިޔައީ، އަލަށް ބައްޕައަކަށްވި އޭނާގެ ފިރިމީހާ، ދަތުރު ނިންމާލުމަށްފަހު އެނބުރި އައިސް، ދަރިފުޅު، މުހައްމަދު އިލްޒިއާން ފިރެންދްރާ ރަހްމާންއާއެކު ވަގުތު ހޭދަ ކުރާނެ ދުވަހަކަށެވެ.
"އޭނާ ވައުދުވި، ދަރިފުޅުގެ ފުރަތަމަ ވެކްސިން ޑޯޒްތައް ހަމަކުރަން މަށާއެކު ދާނެ ކަމަށް. އެކަމަކު، މިހާރު އޭނާ އެ ދިޔައީ ތާއަބަދަށް ވަކިވެގެން. ދަރިފުޅަށް ކިޔައިދޭނަން، އޭނާގެ ބައްޕައަކީ ކިހާ ވަރުގަދަ ޝަހްސިއްޔަތެއްކަން. މިއީ ހަޔާތުގައި ކުރިމަތިވި އެންމެ އުނދަގޫ އިމްތިހާނު. އެކަމަކު، މަސައްކަތް މި ކުރަނީ ހަގީގަތް ގަބޫލުކޮށް، ކަލާންގެއާ ވަކީލުކޮށްލައިގެން ހުންނަން." އުމުރުން 26 އަހަރުގެ ގްރެސީލިއާ ބުންޏެވެ.
ކޭއާރްއައި ނަންގައްލާ-402 ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން، ބަލީގެ ކަނޑު ބޭރަށް ސަބްމެރީން ފެތިފައި ވަނިކޮށް ފެނުނީ ސިންގަޕޫރުގެ އަންޑާވޯޓާ ރެސްކިއު އުޅަނދަކަށެވެ.
އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ، 53 ކުރޫއިންނއަށް ބިންޓާންގް ޖަލަސޭނާ ނުވަތަ ނޭވީ މެރިޓޯރިއަސް ސާވިސްގެ މެޑަލް ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރޫއިންގެ ދަރިން، ޔުނިވާސިޓީގައި ބެޗެލާޒް ޑިގްރީ ހާސިލު ކުރުމާ ހަމައަށް، އެ ކުދިންގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަވާނެ ކަމަށްވެސް ވިޑޯޑޯ ވަނީއިއުލާން ކުރައްވާފައެވެ.