އުމުރު ހުސްކޮށް ބޮޑު ހަރަދުން ޕީއެޗްޑީ ނެގުމުގެ ބޭނުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުުދު ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ 10 އަހަރު ތަޖުރިބާއާއެކު މާސްޓާސް ޑިގްރީ އޮތް ޑިރެކްޓަރެއްގެ މުސާރައަށް 15 ހާސް ހަމަނުވާ ކަމަށާއި އެ ކަމަކީ ސަރުކާރުން ވިސްނަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ އެފެދައިން ވިދާޅުވެފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އިން އިންތިހާބު ވި އާ ކައުންސިލަރުންނަށް ދޭ މުސާރައާއި އިނާޔަތްތައް ބޮޑުތަނުން އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސް ކުރުމާ ގުޅިގެންނެވެ.

އުމުރު ހުސްކޮށް ބޮޑު ހަރަދުން ޑިގްރީ، މާސްޓަރ، ޕީއެޗްޑީ ނެނގުމުގެ ބޭނުމެއްނެތޭ ގިނަ މީހުން ހިތައް އަރަނީ ހަމަ އަރަންވެގެން. 10 އަހަރު ތަޖުރިބާއާއެކު މާސްޓަރ ޑިގްރީ އޮތް ޑިރެކްޓަރެއްގެ މުސާރަ 15 ހާސް ހަމަނުވޭ، ސަރުކާރުން މިކަމަށް ފުންކޮށް ވިސްނަން ޖެހޭކަމަށް ދެކެން
ސައުުދު

އާ ސިޓީ ކައުންސިލް ތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ ލިބޭ އިރު ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ ލިބޭނެއެވެ. އަދި ސިޓީ ކައުންސިލް ތަކުގެ މެންބަރުންނަށް 30،000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

އަތޮޅު ކައުންސިލް ރައީސްގެ މުސާރައާއި އިނާޔަތްތައް 28،000 ރުފިޔާ އަށް ބޮޑުކޮށްފަައި ވާއިރު ރަށު ކައުންސިލް ތަކުގެ ރައީސުންގެ މުސާރަ އާއި، އެލަވަންސާއެކު 23،000 ރުފިޔާއަށް މިހާރު ވަނީ ބޮޑުކޮށްފައެވެެ. ރަށު ކައުންސިލްގެ ނައިބު ރައީސުންނަށް ޖުމްލަ 15،000 ރުފިޔާ ލިބޭ އިރު، ކައުންސިލް މެންބަރަކަށްވެސް 12،000 ރުފިޔާ ލިބޭނެއެެވެ.

ކުރިން ކައުންސިލުތަކުގެ ރައީސުންގެ މުސާރަ އަކީ 15،000 ރުފިޔާއެވެ. ނައިބު ރައީސުންގެ މުސާރައަށަ 12،000 ރުފިޔާ ދިން އިރު މެންބަރަކަށް 10،000 ރުފިޔާ ލިބުނެވެ.