އަރަބީންގެ ތެރޭގައި ލަބާންގެ ނަމުން މަޝްހޫރު ވެފައިވާ މި ބުއިމަކީ ބަނޑުއަޅާ ވިހާ ހައިވާނުގެ ދަރިންނަށްޓަކައި އުރަމައްޗަށް އަރާ ހުދުކުލައިގެ އޮލަ ދިޔައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް އާންމު އަދި ހަމައެހެންމެ ހާއްސަ ބުއިމެކެވެ. ދިވެހިންގެ ތެރޭގައި މި ބުއިމަށް ކިޔަނީ ކިރެވެ.

އިންސާނީ ހަލޯރާތުން ބުއިމެއްގެ ގޮތުގައި ކިރު ބޭނުން ކުރަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. ކެއްކުމަށާ ބުއިމަށް، އާންމު ގޮތެއްގައި ބޭނުން ކުރާ ކިރުގެ ބާވަތްތަކުގެ ތެރޭގައި ގެރި، ކަންބަޅި އަދި ބަކަރި ކިރު ހިމެނެއެވެ.

ކިރު ޖަގެއް / ފޮޓޯ: ބިގާ ބޯލްޑާ ބޭކިންގް

މާތްވެގެންވާ ކީރިތި ޤުރުއާނުގައިވެސް ކިރުގެ ވާހަކަ ބަޔާންވެގެންވެއެވެ.

" އަދި ހަމަކަށަވަރުން ނަޢާމް ސޫފީގައި، ތިޔަބައިމީހުންނަށް ޢިބްރަތެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތެކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާންގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) فضولات ތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ."

(ސޫރަތު އަލް-ނަޙްލު: 66)

"ތަޤްވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ސުވަރުގޭގެ މިޘާލީ އެތާނގައި ތަޣައްޔަރު ކަމެއް ނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާންގެ ޙަޟްރަތުން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ ނިޢުމަތްތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"

(މުޙައްމަދު ސޫރަތް: 15)

މި ރޯދަމަހަށް ހާއްސަކޮށްގެން ދަ ޕްރެސްއިން ގެނެސްދެމުން އަންނަ "އިފްތާރުގެ ސުފުރާ މަތިން" މި ސިލްސިލާގައި މިފަހަރު މި ބަލާލަނީ ކިރުން ލިއްބައިދޭ ބައެއް ފައިދާތަކުގެ މައްޗަށެވެ.

ކިރާއި ކިރުގެ ބައެއް އުފެއްދުންތައް / ފޮޓޯ: ވޯލްޕޭޕާޕީއެކްސް

ކިރުގެ ފައިދާ

މުހިންމު މާއްދަތަކުން ފުރިފަ: ކިރު ހާއްސަ ވަނީ އަލަށް އުފަންވާ ޖަނަވާރުތަކުގެ ހަށިގަނޑަށް ބޭނުންވާ މާއްދާތަކަށް ކަމަށް ވާއިރު، ކިރަކީ ނިއުޓްރިއަންޓްތަކުން މުއްސަނދި ވެފައިވާ ބުއިމެކެވެ. ގެރިން ނަގާ ކިރުގައި އެކުލެވޭ ބައެއް މާއްދާތަކުގެ ތެރޭގައި ޕްރޮޓީން، ފެޓް، ކެލްސިއަމް، ވިޓަމިން ޑީ، ވިޓަމިން ބީ12، ފޮސްފަރަސް އަދި ސެލީނިއަމް ފަދަ މާއްދާތައް ހިމެނެއެވެ. ކިރަކީ، އިންސާނުން އެ މާއްދާއެއް ބޭނުން ކުރުމަށް ގިނަ ފަހަރަށް ފެއިލްވާ މުހިންމު މިނަރަލްތަކާ ވިޓަމިންތަކުން މުއްސަނދިވެފައިވާ، ޖީބަށް ލުއި ބުއިމެކެވެ.

ކޮލިޓީ ޕްރޮޓީން ލިއްބައިދޭ: ޕްރޮޓީންސްގެ މުއްސަނދިކަން ލިބިފައިވާ ކިރަކީ، 9 ބާވަތެއްގެ އެމީނޯ އެސިޑުންވެސް މުއްސަނދި ވެފައިވާ ބުއިމެކެވެ. މިއީ އުމުރުން ދުވަސްވަމުން ދާ ދިއުމުގައި މަސްތަކުގެ ބާރު ދޫވުމުގެ މައްސަލަ ކުޑަކޮށްދީ، ކަސްރަތަށް ފަހު މަސްތަކަށް ލިބޭ އަނިޔާތައް ފަސޭހަ ކޮށްދޭ މާއްދާތަކެކެވެ.

ކުޑަކުއްޖަކު ކިރު ތައްޓެއް ބޮނީ/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ކަށިތަކަށް ހެޔޮކަމެއް: ކިރުގައި އެކުލެވޭ އެކި ބާވަތްތަކުގެ ނިއުޓްރިއަންޓްސްއާއެކު ކަށީގެން ސިއްހަތު ދުޅަހެޔޮ ކޮށްދެއެވެ. މި ބާވަތްތަކުގެ ތެރޭގައި ކެލްސިއަމް، ވިޓަމިން ޑީ އަދި ފޮސްފަރަސްއާ މެގްނީޒިއަމް ހިމެނެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ގަވައިދުން ކިރާއި ކިރުގެ އުފެއްދުންތައް ބޭނުން ކުރުމަކީ ކަށިތަކަށް އޮސްޓިއޯޕޮރޯސިސް ފަދަ ބަލިތަކާ ދުރުކޮށްދޭ، އަދި ކަށިތަކުގައި ރެނދުލުމުގެ މައްސަލަތައްވެސް ކުޑަކޮށްދޭ ކަމެކެވެ.

ކިރު ޖަގެއް / ފޮޓޯ: ބެސްޓް ވޯލްޕޭޕާ

ބަރުދަން އިތުރުވުން ކޮންޓްރޯލްވޭ: ޕްރޮޓީން އެކުލެވޭ ބާވަތްތައް ބޭނުން ކުރުމަކީ ގިނަ ވަގުތު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދޭ ކަމެކެވެ. މިއާއެކު، ގިނައިން ކެއުމާ ދުރުހެލި ކޮށްދެއެވެ. މީގެ އިތުރުން، ޑައެޓްގައި ހޯލްމިލްކުގެ ބާވަތް ހިމެނުމަކީ ބަރުދަން އިތުރުވިޔަ ނުދީ ހިފަހައްޓާދޭނެ ކަމެއް ކަމަށް ބުނެއެވެ.

ތަފާތު އެކި ގޮތްގޮތަށް ބޭނުން ކުރެވޭ: ކިރުގެ އެންމެ ހާއްސަ ކަމަކީ، އެއް ގޮތަށް ވުރެ ގިނަ ގޮތަށް ބޭނުން ކުރެވޭ ކަމެވެ. ސްމޫތީ، އޯޓްސް، ކޮފީ އަދި ސޫޕްގެ އިތުރުން ރިހަ ކެއްކުމަށްވެސް ކިރު ބޭނުން ކުރެވެއެވެ. ތަފާތު އެކި ކަހަލަ މޭވާއާ އެކުގައިވެސް ކިރު ބޭނުން ކުރެވިދާނެއެވެ.

ކުކުޅު ބިހާ ކިރުގެ ބައެއް އުފެއްދުންތައް/ފޮޓޯ: ޔޯގަޓް އެންޑް ނިއުޓްރިޝަން

ކިރުކަދުރު ސްމޫތީ

ބޭނުންވާނެ ތަކެތި

  • ދޮންކެޔޮ (ދުރާލާ ގަނޑުކޮށްފަ/ އޭރުން ސްމޫތީއަށް ގަނޑުފެން އަޅާކަށް ނުޖެހޭނެ)
  • ކަދުރު (އޮށް ނަގާ، ހޫނު ފެން ފޮދެއްގައި ފޯކޮށްފަ)
  • ޗިއާ ސީޑްސް
  • ޕީނަޓް ބަޓަރު
  • ފޮނިތޮށި
  • ކިރު
ކިރާ ކަދުރު ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ސްމޫތީއެއް / ފޮޓޯ: ނާޑިއާ ލިމް

ތައްޔާރު ކުރާނެ ގޮތް

ހުރިހާ ބާވަތްތަކެއް (ހައިސްޕީޑް) ބްލެންޑަރަކަށް އަޅާ، އެއްކޮށް ހިމުން ވަންދެން ގިރާލާށެވެ. ސްމޫތީ ގިރާނީ ބޯންވީމައެވެ.

ނާމްސޫފީގެ ކިރަކީ ހުރިހާ އެންމެންގެ ހަށިގަނޑާ ގުޅޭ އެއްޗަކަށް ނުވެދާނެއެވެ. މިފަދަ މީހުންނަށް ބޭނުން ކުރެވިދާނެ ތަފާތު އެކި ބާވަތްތަކުގެ ކިރުވެސް ހުރެއެވެ. އޭގެ ތެރޭގައި، އާމަންޑް ކިރު، ކާށި ކިރު، ކެޝޫ ކިރު، ސޯއީ ކިރު އަދި އޯޓްސް ކިރު ހިމެނެއެވެ. މި ބާވަތްތަކުން ލިއްބައިދޭ ފައިދާތަކާ، އެކުލެވޭ މާއްދާތައް ތަފާތު ވާނެއެވެ.