ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކީރިތި ޤުރުއާން އުނގަންނާދިނުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހް ކޮށްފިއެވެ.
އެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
އެ ޕްރޮގްރާމްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދާ ދިވެހި ދަރިވަރުންނަށް ޤުރުއާން އުނގެނުމަށް އޮތް ފުރުސަތު ހަނި ވުމުގެ ސަބަބުން ޤުރުއާން އުނގެނުމަށް ދިމާވެފައިވާ ދަތިކަން ފިލުވާލާ ދިވެހީންނަކީ ޤުރުއާނަށް އަހުލުވެރި ބަޔަކު ކަމުގައި ހެދުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހީންނަށްވެސް އެ ޤައުމުތަކުގައި ތިބެ ޤިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވިގޮތުގައި ޤުރުއާން ކިޔަވައިދީ އެ އުނގަންނައިދިނުމަކީ އެންމެ މާތް އެއް އަޅުކަން ކަމަށާއި، ޤުރުއާން ކިޔަވާ މީހާއަށް ލިބޭ ސަވާބާއި ދަރުމަ އެ ޤުރުއާން އުނގަންނައިދޭ ފަރާތަށްވެސް އެއްވެސް އުނިކަމެއް ނެތި ލިބިގެންދާނެއެވެ.
ހަމައެހެންމެ ބެލެނިވެރިންނަށްވެސް އެ ޕްރޮގްރާމް ކުރިއަށްއޮތް ދުވަސްތަކުގައި ފެށިގެން ދިއުމަކީ މިނިސްޓަރުގެ ވަރަށް ބޮޑު އުއްމީދެއްކަމުގައި ވިދާޅުވަމުން، އެފަދަ ކަންކަމަށް ސަރުކާރުން ދެއްވަމުންދާ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ފައިސަލް ނަސީމަށް ޝުކުރު އަދާކުރެއްވިއެވެ.
އެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވަމުން ފައިސަލް ނަސީބު ވިދާޅުވިގޮތުގައި އެފަދަ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަށް ފަހިކޮށްދީ ދީނީ ކަންކަން ކުރިއަރުވަން ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެއެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މި ރަމަޟާން މަހުގައި ހެޔޮ ކަންކަން ކުރުމަށް އިތުރަށް ސަމާލުކަންދީ އެކަމުގައި ދެމިތިބުމަށްވެސް އެމަނިކުފާނު ހަނދުމަ ކޮށްދެއްވިއެވެ.
މިނިސްޓަރުއާ ނައިބު ފައިސަލް ނަސީމްގެ އިތުރުން ޕްރޮގްރާމްގައި ބައިވެރިވެފައިވާ ގައުމުތަކުގެ އެމްބެސެޑަރުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ފުރަތަމަ ފެށިގެން ދަނީ މެލޭޝިޔާ، ސްރީލަންކާ އަދި އިންޑިޔާ އަށް، މި ޕްރޮގަރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ޕްރޮގްރާމްގައި ބައިވެރިވުމަށް ރެޖިސްޓަރީ ކޮށްފާ ބައިވެރިންނާއި އެކުގާ ކަމަށެވެ.
އެގޮތުން މެލޭޝިޔާ އިން 66 ބައިވެރިން، ސްރީލަންކާއިން 25 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިން މި ޕްރޮގްރާމްގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން އެ ކްލާސްތަކުގައި މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިން ކިޔަވަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ބައިވެރިންނަށް ފަސޭހަ ވަގުތުތައް ބަލާ އިތުރު ކްލާސްތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ގުރުއާނާއިބެހޭ ގައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.