މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ވެފައި ވަނީ، އެ ބައްޔަށް އިންފެކްޓްވިއަސް، ނުވިއަސް، އެންމެ ހިތްވަރުގަދަ މީހާއަށްވެސް ނަފްސާނީ ގޮތުން ތަކުލީފުތަކެއް ކުރިމަތިވި ކުރުވި ބަލިމަޑުކަމަކަށެވެ.
ކަން މިހެން އޮތްއިރު، ބަލިމަޑުކަމާ ގުޅިގެން ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާ، ސިއްހީ ހިދުމަތްތަކަށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން، އެންމެ ބޮޑަށް، އެކަމުގެ ނޭދެވޭ އަސަރު ފޯރި އެއް ބަޔަކީ، ނަފްސާނީ ބަލީގެ ތަކުލީފުތަކަށް ފަރުވާ ހޯދަމުންދިޔަ ޕޭޝަންޓުން ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި، ހޮސްޕިޓަލަށް ހާޒިރުވެ ޑޮކްޓަރާއި ތެރަޕިސްޓާ ބައްދަލުވެގެން ކުރިއަށް ގެންދިޔަ ކޮންސަލްޓޭޝަންތައް އޮންލައިން ނުވަތަ ވީޑިއޯ ކޯލް ނުވަތަ ޓެކްސްޓް ޗެޓް އުސޫލަށް ބަދަލު ކުރުމުގެ ސަބަބުން، ނަފްސާނީ ބަލީގެ ޕޭޝަންޓުން ވަނީ، އިހު ވެއްޓިފައި ތިބި އަނދަވަޅަށް ވުރެ ފުން، އަދި އަނދިރި އަނދަޅަވަކަށް ވެއްޓިފައެވެ.
ދިރާސާ ކުރިއަށް ގެންދިޔައީ ޔުނިވާސިޓީ އޮފް ލަންޑަންއިންނެވެ. އަމާޒަކަށް ވީ، ނަފްސާނީ ބަލީގެ ޕޭޝަންޓުންނަށް އެހީއެއްގެ ގޮތުގައި ކަމަށް ހީކޮށް ކުރަމުންދިޔަ ފޯނު ކޯލުތަކާ، އެޕޮއިންޓްމަންޓްތައް އޮންލައިން ކޮށްލުމުން ކޮލިޓީއަށް އައި ބަދަލު ވަޒަން ކުރުމެވެ.
ދިރާސާ ޓީމުގެ ހޯދުންތަކަށް ދެއްކި ގޮތުގައި، މި ބަދަލާއެކު، ނަފްސާނީ ބަލީގެ ޕޭޝަންޓުން ވަނީ އިތުރަށް އެކަހެރިވެފައެވެ. އެހީގެ ނިޒާމުގެ ތެރޭގައި ހިމެނުނު އާއިލާ މެންބަރުންނާ އެކުވެރިންނާ ވަކިވެފައެވެ.
ޑރ ބްރައިންމޯ ލޮއިޑް-އިވާންސް ވިދާޅުވީ، ފޯނާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ބައެއް ޕޭޝަންޓުންނަށް އެހީ ލިބުނު ކަމުގައި ވީ ނަމަވެސް، މިކަމުގައި ހުރަސްތަކާ ކުރިމަތިވި މީހުންވެސް އެބައުޅެއެވެ. ޓެކްނޮލިޖީގެ ވަސީލަތްތައް އެންމެ ފުރިހަމައަށް ލިބިފައި ނެތުމުގެ އިތުރުން، ނަފްސާނީ ބައްޔަށް ބޭނުންވާ ތެރަޕީ، އޭގެ އަސްލު ރޫހުގައި ނުދެވި، އެކަހެރިވީ ކަން ޑރ ލޮއިޑް-އިވާންސް ފާހަގަ ކުރެއްވިއެވެ. މިއާއެކު، ނަފްސާނީ ބަލީގެ ތަކުލީފުތަކުން ކުރިމަތި ކުރުވި އުނދަގޫ އިތުރަށް ބޮޑުވީ ކަމަށްވެސް އޭނާ ފާހަގަ ކުރައްވައެވެ.
ދިރާސާގައި ފާހަގަ ކޮށްފައި ވާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި އެޕޮއިންޓްމަންޓަތައް ނުލިބުމަކީވެސް، ނަފްސާނީ ބަލީގެ ޕޭޝަންޓުންނަށް އާންމު ދިރިއުޅުމާ ކުރިމަތިލުމަށްވެސް ދަތި ކުރުވި ކަމެކެވެ.
ކަން މިހެން އޮތް ކަމުގައި ވީ ނަމަވެސް، ޖަމިއްޔާ/ޖަމާއަތްތަކުން ވޮލަންޓިއާ އުސޫލުން ހިންގާ ނަފްސަނީ ސަޕޯޓް ގުރޫޕުތަކުގެ ފައިދާ، ބައެއް ޕޭޝަންޓުންނަށް ކުރާ ކަމަށްވެސް ޑރ ލޮއިޑް-އިވާންސް ވަނީ ފާހަގަ ކުރައްވާފައެވެ.