ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އަވަށްޓެރި އިންޑިއާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމަށް ލުޔެއް ހޯދާ ދިނުމުގެ ގޮތުން، އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ބައިނަލްއަގުވާމީ ފެންވަރުގައި، ދުނިޔޭގެ އެކި ގައުމުތަކުން ފަށައިފިއެވެ.

ދުވާލެއްގެ މައްޗަށް 3 ލައްކައަށް ވުރެ ގިނަ ކޭސް އިންޑިއާއިން މިހާރު ރިޕޯޓް ކުރަމުން އަންނައިރު، އޮކްސިޖަންއާ ބޭސް ލިބުމުގެ ދަތިކަން، އިންޑިއާއަށް ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ.

މި ހައްސާސީ ދަނޑިވަޅުގައި އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ބައިނަލްއަގުވާމީ ފެންވަރުގައި ފަށާފައި ވާއިރު، އިނގިރޭސިވިލާތުން މިހާރު ވަނީ އިންޑިއާއަށް ބޭނުން ޖެހިފައިވާ އޮކްސިޖަން ކޮންސަންޓްރޭޓާ ޑިވައިސްތަކާ، ވެންޓިލޭޓަރުތައް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. ވިލާތުގެ އިއްތިހާދުގެ މެންބަރުންވެސް ވަނީ އިންޑިއާއަށް އެހީ ފޯރުކޮށްދޭނެ ކަން ހާމަކޮށްފައެވެ.

އަވަށްޓެރި އިންޑިއާއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19ގެ ދެވަނަ ރާޅުގައި މަރުވާ މީހުންގެ ގަބުރު އަންދަނީ / ފޮޓޯ: ރޮއިޓާޒް| ބީބީސީ

އެމެރިކާއިން ވަނީ، ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމަށް އޮތް ހުރަހަށް ލުއި ދީ، އިންޑިއާގައި ވެކްސިން ތަރައްގީ ކުރެވޭނެ ފުރުސަތު ފަހިކޮށްދީފައެވެ. އެމެރިކާއިން ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމަށް ހުރަސް އެޅުމުގެ ސަބަބުން، އިންޑިއާއިން ކުރިއަށް ގެންދިޔަ ވެކްސިން އުފެއްދުމުގެ މަޝްރޫއުވެސް އޮތީ މަޑުޖެހިފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާއަށް އެންމެ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު ދަނޑިވަޅުގައި، އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިން ފަދައިން، އިންޑިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ދަތި އުނދަގޫ ވަގުތުގައި، އެ ގައުމަށް އެމެރިކާގެ އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.

ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލް އެކްސްޕޯޓް ކުރުމުގެ ހުއްދަ ވަގުތުން ވަގުތަށް ދިނުމުގެ އިތުރުން، ސިއްހީ އާލާތްތަކާ، ހަށި ރައްކަލަށް ބޭނުން ކުރާ ޕީޕީއީގެ އެހީތެރިކަންވެސް އެމެރިކާއިން އިންޑިއާއަށް ފޯރުކޮށްދޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފަރަންސޭސިވިލާތުންވެސް ވަނީ އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދޭނެ ކަން ހާމަކޮށްފައެވެ.

ވިލާތުގެ އެހީއަށް އިންޑިއާއިން އެދިފައި ވާއިރު، ހުރިހާ ގައުމެއް ބައިވެރިވެގެން ވީ އެންމެ އަވަހަކަށް އެހީގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް، ޔޫރަޕިއަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން އިންޑިއާގައި ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ މިންވަރު 1 ލައްކައަށް ވުރެ މައްޗަށް އަރާ، އަދި މިހާރު މި އަދަދު 3 ލައްކައަށް ވުރެ މަތިން ރިޕޯޓް ކުރަމުން އަންނަތާ ވިދިވިދިގެން 4 ވަރަކަށް ދުވަސް ވެފައި ވާއިރު، ވެރިރަށް ދިއްލީގެ ހޮސްޕިޓަލުތައް ވަނީ މުޅިން ފުރިފައެވެ. ހޮސްޕިޓަލުތަކުން އިތުރު ޕޭޝަންޓުން ބަލައެއް ނުގަނައެވެ. ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުތައްވެސް ފުރިފައިވަނީ ހާލު ދެރަ ޕޭޝަންޓުންނާ އެމީހުންގެ އެހީތެރިންނާގެންނެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހު އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ އިންޑިއާއިން/ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވާ މީހުންގެ އަދަދުވެސް އިތުރު ވަމުން އަންނައިރު، ގަބުރު އަންދައިގެން ނައްތާލަން ހާއްސަކޮށްފައިވާ ތަންތަނަށްވެސް ވަނީ ބާރު ބޮޑުވެފައެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ކަންކަމަށްވެސް ލޯޑު ބޮޑުވެފައި ވާ ކަމަށް ހަބަރު ލިބެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބައެއް ސްޓޭޓްތައް ލޮކްޑައުން ކޮށްފައި ވާއިރު، މުޅި ގައުމު ލޮކްޑައުންއަކަށް ގެންދާނީ އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމަށް، ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މަސްރަހު ނުތަނަވަސްވާން ފެށުމާއެކު ހެން އެގައުމަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ތެދުވި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ ސަރަހައްދީ ވާދަވެރި އަދި އަދުއްވުންގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޗައިނާއާ ޕާކިސްތާން ހިމެނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖެއިން އިންޑިއާއަށް އެއްވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދޭތޯ ބެލުމަށް ދަ ޕްރެސްއިން ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، އަދި އެއްވެސް ވަރެއްގެ އިޖާބައެއް ލިބިފައެއް ނުވެއެވެ.