ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ކުއްޔަށް ދީގެންނާއި ވިއްކައިގެން ފައިސާ ހޯދަން މި ސަރުކާރަށް ނޭނގޭ ކަމަށް ވިދާޅުވެ ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.
ޝަރީފު އެހެން ވިދާޅުވީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕު ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވުމާ ގުޅިގެންނެވެ.
ޝަރީފް ކުރި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަޅެއްގައި އިންވެސްޓަރަކު ކޮޓަރިއެއް ހަދާ އެ ކޮޓަރި 5 މިލިއަން ޑޮލަރާއި 10 މިލިއަން ޑޮލަރާ ދެމެދުގެ އަގެއްގައި އޭނާ ވިއްކާ ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މީހަކު އިސްވެއްޓެއް ކޮށްލަން ބަލާއިރު، ދީފައި ހުރީ މަދު ތަންތަން ކަމަށާއި، އަދިވެސް އަތް ނުލާ އެތައް ބައިވަރު ފަޅުފަޅާއި ތަންތަން އޮތް އިރު އެތަންތަނުގައި އިންވެސްޓް ކުރަން ތިބި ފަތާތްތަކަށް އެތަންތަން ދޭ ނަމަ ސަރުކާރަށް (ދައުލަތަށް) ފައިސާ ވަންނާނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހުޅުވާލާ، އެ މީހުން ގެނައުމުގައި އަމަލީ ގޮތުން މިނިސްޓަރު އުޅުއްވަން ޖެހޭ ކަމަށެވެ. އަދި އެތެރޭގެ އިދާރީ ކަންކަން ސަޕޯޓް ސްޓާފުންނަށް ދޫކޮށްލާފައި މިނިސްޓަރު ހުންނަވަން ޖެހިވަޑައިގަންނާ ކަމަކީ އިންވެސްޓުމަންޓް ހޯއްދެވުން ކަމަށެވެ.
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ފައިސާ ޗާޕު ކުރާނަމަ އެ ފައިސާ ހަރަދު ކުރަން ވާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މި ސަރުކާރުން ފައިސާ ޗާޕު ކުރަނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދީ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ކަމަށާއި، އެއީ ގާނޫނާ ހިލާފަށް ކުރަމުން ދާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭގެ އިތުރުން ސަރުކާރުގައި ފައިސާ ނެތިގެން އުޅޭއިރު ޕާޓީގެ މީހުންނާއި ގާތް ތިމާގެ މީހުންނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދީ ބަޖެޓް ހުސްކުރަމުން ގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެެވެ.
ޝިޔާމް ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖައްސަވާ ހިސާބުތައް ދިމާނުވާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި ވަންނަ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށާއި އެ ހުރިހާ ފައިސާއިން ސަރުކާރުން ކުރީ ކީއްތޯ ރައްޔިތުން ސުވާލު ކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
How dare you took nolhivarnfaru ަaނ keeping without doing ަanything how can you talk ަaboު tourism td