އަލަށް އިންތިހާބުވި ކައުންސިލަރުންނަށް ދޭނެ މުސާރަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅައިފިއެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ މުސާރައިގެ ތަފްސީލަށް ބަލާއިރުު އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައިވަނީ ސިޓީތަކުގެ މޭޔަރުންނަށެވެ. އެގޮތުން މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާއާއެކު، ޖުމްލަ 40،000 ރުފިޔާގެ މުސާރައެއް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން ޑެޕިއުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،000 ރުފިޔާ ދޭން ވަނީ ކަނޑައަޅާފައެވެ.

ސިޓީ ކައުންސިލް މެންބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ކަނޑައަޅާފައިވާއިރު އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 25،000 ރުފިޔާއިން 28،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 18،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 4،600 ހަމަޖައްސާ، ޖުމުލަ 23،000 ރުފިޔާ ދިނުމަށް ކޮމިޓީން ކަނޑައަޅާފައިވާއިރު ރަށު ކައުންސިލުގެ ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމުލަ 15،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން ރަށު ކައުންސިލް މެންބަރެއްގެ މުސާރައިގެ ގޮތުގައި 9،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 2،400 ރުފިޔާ ހަމަޖައްސާ، ޖުމުލަ 12،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މާލިއްޔަތު ކޮމިޓީ އިން އެގޮތަށް ނިންމާފައި ވަނީ ހަ ވޯޓުގެ ހަނި އަގުބިއްޔަތަކުންނެވެ. ދެން އެ މައްސަލަ ދާނީ މަޖިލީހުގެ ތަޅުމަށެވެ.