ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަދަލުކުރުމާ ބެހޭގޮތުން ރައީސް މުހައްމަދު ނަޝީދުގެ މެސެޖެއް ރައީސް އިބްރާހީމް މުހައްމަދު ސޯލަހަށް ލިބިވަޑައިގަތުމާ އެކު އާއްމުންގެ މެދުގައި އަދި މީސްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ތަފާތު އެކި ހިޔާލުތަކުން އަޑުގަދަ ވެފައިވާ މިދަނޑިވަޅުގައި 2 ނިޒާމަށްވެސް ބަލާލުން މުހިންމެވެ.
ހިޔާލުތައް ދެކަފިވެގެން ގޮސް އެއް ބަޔަކު ދަނީ ބަރުލަމާނީއަށް ތާއީދު ހޯދުމުގެ ކެމްޕޭނުވެސް ކުރަމުންނެވެ.
ބަރުލަމާނީ ނިޒާމު
ބަރުލަމާނީ ނިޒާމަކީ އަވަށްޓެރި އިންޑިޔާ އަދި ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކާއި, އިނގިރޭސިވިލާތް އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގައި ވެރިކަން ކުރަމުން އަންނަ ނިޒާމެކެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ އެންމެ އިސްފަރާތަކީ ބޮޑު ވަޒީރެވެ. ސަރުކާރު ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިންނެވެ. މިގޮތުން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބިގެން އަންނަނީ ރައްޔިތުންގެ މަޖީލީހުގެ އެންމެ ގިނަ ގޮޑި ކަމިޔާބު ކޮށް މެޖޯރިޓީ ނަގާ ޕާޓީއަށެވެ. މިގޮތަށް އަޣުލަބިއްޔަތު ނުލިބޭ ކަމުގައި ވަނީނަމަ މަޖިލީހުގެ ތެރެއިން ކޯލިޝަނެއް އެކުލަވާލުމަށް ފަހު އެކޯލިޝަންގެ ތެރެއިންނެވެ. މިގޮތަށް އަމަލުކުރާއިރު ބޮޑުވަޒީރަކަށް ވާނީ ކޯލިޝަންގެ ލީޑަރެވެ. އެއާ އެކު ދައުލަތުގެ އެކިއެކި ވުޒާރާތަކުގެ އިސްވެރިންނަށް ނުވަތަ ކެބިނެޓް މިނިސްޓަރުންގެ ގޮތުގައި ތިއްބަވާނީ މަޖިލިސް މެމްބަރުންނެވެ. ބަރުލަމާނީ ނިޒާމުގައި އެންމެ ބާރުގަދަ ފަރާތަކީ އެއިރެއްގައި ބޮޑުވަޒީރުގެ ލަގަބް ލިބޭ ފަރާތެވެ.
ކުރިން ބަޔާންކުރި ގައުމުތަކުގައި ވެސް ކަންތައް އޮންނަ ގޮތަކީ މިއީއެވެ. ދައުލަތުގެ އެންމެ އިސްވެރިޔަކަށް ރާނީންނާއި ރަސްރަސްކަލުން ތިބޭ އިރު ސަރުކާރުގެ އެންމެ ނަންހިގާ އަދި އެންމެ ބާރުގަދަ ފަރާތަކީ ބޮޑުވަޒީރެވެ. ރާނީންނާއި ރަސްރަސްކަލުން ނުވަތަ ރައީސުންނަށް ގިނަފަހަރަށް ލިބިގެން ވާ ބާރުތައް ވެފައި އޮންނަނީ ރަމްޒީ ބާރުތަކެއްގެ ގޮތުގައެވެ. މިސާލަކަށް އާ ގާނޫނުތައް ތަސްދީގު ކުރުމާއި ޝަރަފުގެ ލަގަބް އެރުވުން ފަދަ ކަންކަމުގައެވެ. ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ އިސްވެރިޔާއަށް ލިބިގެންވާ ބާރުތަކަކީ އެކި ގައުމުތަކުގަ އެކި މިންވަރަށް ލިބިދީފައި އޮންނަ ބާރުތަކެކެވެ. މިސާލަކަށް އެންމެ ކައިރިން އިންޑިޔާއަށް ބަލާލާއިރު އިންޑިޔާގެ ހުރިހާ ބާރެއްހެން އޮންނަނީ ބޮޑުވަޒީރުގެ އަތްޕުޅުގައެވެ. ނަމަވެސް ގައުމުގެ އެންމެ އިސްވެރިޔަކީ ރައީސެވެ. މިއާ ހިލާފަށް ޖަރުމަނުވިލާތުގައި އެގައުމުގެ ގާނޫނު އަސާސީން ބަޔާން ވެގެން ވަނީ އެގައުމުގައި ވެރިކަން ކުރާނީ ބަރުލަމާނީ ނިޒާމެއްގެ މައްޗަށް ކަމެވެ. ނަމަވެސް އެގައުމުގެ ވެރިކަމުގެ ނިޒާމު ބައްޓަން ވެފައި އަންނަނީ އިނގިރޭސިވިލާތާއި އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ވައްޓަފާޅިއަށެވެ. އެހެންކަމުން މީގެން ހާމަވާ ކަމަކީ ބާރުލަމާނީ ނިޒަމަކީ އެއްވެސް ގައުމެއްގައި އެއްގޮތަކަށް ހިނގާ ނިޒާމެއް ނޫންކަމެވެ.
ބަރުލަމާނީގައި ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވާނީ އާންމުންގެ ވޯޓުގެ ޒަރީއްޔާއިން ސިޔާސީ ފިކުރަކަށް ނުވަތަ އެބަޔަކު ތާއީދުކުރާ ސިޔާސީ ފަރާތް ނިސްބަތްވާ ޕާޓީގެ ތެރެއިންނެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމުގައި ސަރުކާރު ދަމަހައްޓަން ބޭނުން ވާނަމަ މަޖިލީހުގެ މެޖޯރިޓީ ތާއީދު ނެތި ސަރުކާރެއް ނުހިންގޭނެއެވެ. މަޖިލީހުގައި ތިބޭ މެމްބަރުންގެ ގޮނޑި ކަށަވަރު ވެގެން ދާނީ ސިސްޓަމެޓިކް ކޮށް ނެގެމުންދާ ވޯޓުތަކުގެ ޒަރިއްޔާއިންނެވެ. މިހެންވުމުން ބައެއް ފަހަރަށް މެޖޯރިޓީ ލިބިފައި އޮންނަ ޕާޓީގެ ތާއީދު ގެއްލުމުން އެ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ ތާއީދުވެސް ގެއްލިގެން ދެއެވެ. މީގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުވެސް ހިމެނެއެވެ. މިގޮތަށް ދިމާވެއްޖެނަމަ ބޮޑުވަޒީރުގެ އިތުރުން އެކުލަވާލައިފައި ވާ ކެބިނެޓްގެ ވެސް އިތުބާރު ނެތްކަމުގެ ވޯޓު މަޖީލީހުގައި ނަގައި އާ އިންތިހާބެއްގެ ތެރެއިން އާ ބޮޑުވަޒީރެއް އައްޔަން ކުރެވިގެން ދެއެވެ. އަދި ހަމައެހެންމެ މި ނިޒާމުގައި ދައުލަތުގެ އެންމެ އިސްފަރާތުން ބިލެއް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވި ކަމުގައި ވިޔަސް މަޖިލީހުގެ މެމްބަރުން އެކަން ބަލައިނުގަނެ "ވީޓޯ" ކުރުމުގެ ބާރު ލިބިގެން ވެއެވެ. ބަރުލަމާނީ ނިޒާމުގައި މައި ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަކީ މައި ގާނޫނު އަސާސީ އާ ތައާރުޒުވާ އެއްޗެއްކަމުގައި ވަނީ ނަމަ އެ ބިލެއް ނުވަތަ އިސްލާހެއް ބާތިލް ކުރުމުގެ ބާރު ލިބިގެންވާ ވަކި ހާއްސަ ޖުޑިޝަރީ ބޮޑީއެއް އޮވެއެވެ. ނަމަވެސް ދުނިޔޭގެ އެންމެ މަގުބޫލު ބަރުލަމާނީ ނިޒާމުތައް ކަމުގައިވާ އިނގިރޭސިވިލާތް, ކެނެޑާ އަދި ނިއުޒިލެންޑް ފަދަ ގައުމުތަކުގައި އެއްވެސް ބިލެއް ނުވަތަ ގަވާއިދެއް އެ ގައުމުގެ މައި ގާނޫނު އަސާސީ އާ ތައާރުޒުވެއްޖެ ނަމަ އެ ގާނޫނެއް ނުވަތަ އިސްލާހެއް ބާތިލް ކުރުމުގެ ބާރު ލިބިގެންވާ ފަދަ ހާއްސަ ތަނެއް ނުހުރެއެވެ. އެހެންކަމުން ރައްޔިތުންނަސް ލިބިގެންވާ ހައްގާކީ އިންތިހާބުގައި މައި ޕާޓީ އަށް ވޯޓު ނުދިނުމުގެ ހައްގެވެ.
ރިޔާސީ ނިޒާމާ ހިލާފަށް ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަށް ހުންނަ ފަރާތަށް ކިތަންމެ ގިނަދުވަހަކުވެސް ސަރުކާރުގެ އިސްވެރިޔާ ކަމުގައި ހުރެވިދާނެއެވެ. އެއީ ވެރިކަން ކުރާ ޕާޓީއަށް ރައްޔިތުންގެ ތާއީދު ލިބޭހާ ދުވަހަކު ވެރިކަމުގައި ބޮޑުވަޒީރަށް ހުރެވިދާނެއެވެ. މިގޮތުން ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. ހަން ސެން ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވާތާ 36 އަހަރު ވެއްޖެއެވެ. ކަންމިހެން އޮތްނަމަވެސް ބަރުލަމާނީ ނިޒާމުގައި ވެރިކަމާ ހަވާލުވާތާ ކިތަންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިވެސް މަޖިލީހުގެ ނުވަތަ ސަރުކާރުގެ އިތުބާރު ގެއްލިއްޖެ ކަމުގައި ވަނީ ނަމަ ބޮޑުވަޒީރުގެ މަގާމު ގެއްލިގެން ދެއެވެ. މިއީ ރިޔާސީ ނިޒާމުގައި އޮންނަ ގޮތާ ހިލާފަށް ކޮންމެ ވަގުތެއްގައިވެސް ދައުލަތުގެ އިސްފަރާތް ބަދަލުކުރުމުގެ ބާރު ލިބިގެންވާ ނިޒާމެކެވެ. ރިޔާސީ ނިޒާމުގައި ދައުލަތުގެ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ދައުރު ހަމަނުވަނީސް ވަކިކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ރިޔާސީ ނިޒާމުގައި އަމިއްލައަށް އިސްތިއުފާ ދިނުމަކީ މަގާމުން ވަކިކާ އެންމެ ފަސޭހަ ގޮތެވެ. މީގެ މިސާލެއް 2012 ވަނަ އަހަރު ދިވެހިރާއްޖެ ވަނީ ދެކެފައެވެ.
މިހާރުގެ ބޮޑު ބަހުސް
މިހާރު އެންމެ ގަދައަށް ދެކެވެމުން ދާ ވާހަކައަކަށް ވެރިކަމުގެ ނިޒާމް ވެގެން ގޮސްފައި ވާ އިރު, ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ފެށުނީއްސުރެންވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. މީގެ ހެކިތައް އެތައް ދިމާލަކުން ފެންނަށް އެބަހުއްޓެވެ. އަދި އެމަނިކުފާނު ވަނީ 2008 ގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިޔަ ބޮޑު މަސައްކަތުގެ ދުވަސްވަރުން ފެށިގެން އެކި ގޮތްގޮތުން ބަރުލަމާނީ ނިޒާމް ރާއްޖޭގެ ވެރިކަމުގެ ނިޒާމަކަށް ހެދުމަށް އަމަލީ ގޮތެއްގައި މަސައްކަތް ފައްޓަވާފައެވެ. އެ ގޮތުން 2007 ވަނައަހަރު ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ގޮތުން ފެންނަ ނުފެއްނަ ވޯޓެއްވެސް ނެގިއެވެ. ނަމެވެސް އޭރުގެ ރައީސް މައުމޫންގެ ތާއީދާއެކު ފާސްވެގެން ދިޔައީ ރިޔާސީ ނިޒާމެވެ.
ދެން އޮތީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި މިކަން އޮތްގޮތެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ފުރަތަމަ މާއްދާގެ "ހ" ބަޔާން ކުރާ ގޮތުން ދިވެހިރާއްޖެ އަކީ މިނިވަން މުސްތަގިއްލު ރިޔާސީ ނުވަތަ ޖުމްހޫރީ ނިޒާމެކެވެ. ހަމައެއާ އެކު 4 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ހުރިހާ މުސްތައްގިއްލު ބާރުތަކެއްގެ ވެރިޔަކީ ރައްޔިތުން އައްޔަން ކުރާ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ދިވެހިރާއްޖޭގެ ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަދި ނިމިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމެވެ. ކަންމިހެން އޮތްއިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭގޮތުން ދެކެވެމުންދާ ވަހަކަތަކުން 2023 ވަނަ އަރުގައި ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވިދާނެ ތޯއެވެ؟ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ޤާނޫނުހަދާ މަޖިލީހުގެ ތެރެއިން ކެބިނެޓަށް މިނިސްޓަރުން އައްޔަން ކުރެވޭ އިރު އަދި މި ނިޒާމުގައި އެއްފަހަރާ 3 މަގާމު އަދާ ކުރޭ އިރު އުފެދޭ ސުވާލަކީ ދިވެހިރާއްޖޭގެ މިހާރުގެ މަޖިލީސް މެމްބަރުންގެ ކިބައިގައި މިފަދަ ޤާބިލުކަމެއް އެބަހުރިތޯއެވެ؟ އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ތައުލީމީ ޒުވާނުންނަށް އޮތް ފުރުސަތުތައް ހައްތަހާވެސް ހަނިވެގެން ނުދާނެ ތޯއެވެ؟ އެހެން ނަމަ ކިޔަވައިގެން ނިކުންނަ ޒުވާނުންގެ ބޭނުމަކީ ކޮބައިތޯއެވެ؟
ދިވެހިރާއްޖެއަކީ މީސްކޮޅު މަދު ކުޑަ ގައުމަކަށް ވެފައި ގިނަ ކަންކަމުގައި ބޭރުގެ ފަރާތަތަކަށް އިންތިހާއަށް ބަރޯސާ ވާންޖެހޭ ގައުމެކެވެ. އުފެއްދުންތެރިކަން ހުރީ ގައުމުގެ އިގްތިސާދު ހަމަޖެއްސޭނެ ފަދަ ހާލަތެއްގައި ނޫންކަން އެންމެންނަށް އެނގެވެ. ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރަން އިސްވާ ތަނުން އެބަޔަކާ މެދު ހިތްހަމަނުޖެހިއްޖެނަމަ ވެރިކަން ފަސޭހައިން ބަދަލުކުރެވެއެވެ. ރައްޔިތުންގެ ތެރެއިން އެއްފިކުރެއްގެ ކޮންމެމީހަކަށްވެސް ޕާޓީގެތެރެއިން ނުވަތަ ކޯލިޝަނުގެ ތެރެއިން ވެރިކަމަށް އާދެވިދާނެއެވެ. އެމީހަކީ އެކަމަށް ގާބިލް މީހެއްތޯ ،ގައުމަށް ކިހާ އިހުލާސްތެރި މީހެއްތޯ، ހުލްގުވެރިއެއްތޯ، ދީން ދަންނަނީ ކިހާވަރަކަށްތޯ ބެލުމެއް ނޯވެއެވެ. ރައްޔިތުންގެ އަތުން ވޯޓު ހޯދައިގެން މަޖިލީސް ކާމިޔާބު ކުރުމަށް ފަހު މުޅި ގައުމުގެ ހިންގުން އެބަޔަކަށް ލިބިގެންދެއެވެ. ސަރުކާރު އެކުލެވިގެން ދާނީ މަޖިލިހުގެ ތެރެއިންނެވެ. އެގޮތުން އެއް މަގާމަށް ވުރެ ގިނަ މަގާމުތަކެއްވެސް ބޮޑުވަޒީރު ބޭނުންވާނަމަ އެކަކަށްވެސް ދެވެއެވެ. ކިތަންމެ ގިނަދުވަސްތަކެއް ވަންދެންވެސް ވެރިކަމުގައި އެމީހަކަށް ހުރެވިދާނެއެވެ. ކަންމިހެން އޮތްއިރު ވަކި ފެންފަރަކަށް ބެލުމެއް ނެތި ކަމަށް ގާބިލްނޫން މީހުން ގިނަ ސަރުކާރެއް ގައުމު ހިންގަން އަތުވެއްޖެނަމަ ހީވެސް ނުކުރާކަހަލަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިސާލެއްގެ ގޮތުން ރަށްތައް ހިންގުމަށް އިންތިހާބަކުން ކައުންސިލްތައް އެކުލަވާލެވި 12 ވަރަކަށް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް އިގްތިސާދީ ގޮތުން އަދި އުމްރާނީގޮތުން ވެސް އެއްވެސް އާކަމެއް އެއްވެސް ރަށެއްގައި ކުރެވިފައި ނެތޭވެސް ދެންނެވިދާނެއެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމަކީ މިކަހަލަ ގައުމަކަށް ރަނގަޅު ނިޒާމެއްތޯ ވިސްނާލަށް ޖެހެއެވެ.
ރިޔާސީ ނިޒާމު
ދެންއޮތީ ރިޔާސީ ނިޒާމުގެ ވާހަކައެވެ. ރިޔާސީ ނިޒާމުގައި ވެރިކަމުގެ ތިންބާރު ކަމުގައިވާ ވެރިކަން ހިންގާބާރު (އެގްޒެކެޓިވް) ގާނޫނު ހަދާބާރު (ލެޖިސްލޭޓާ) އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު (ޖުޑީޝަރީ) އަކީ ވަކި ތިންބާރެކެވެ. ގައުމު ހިންގާނީ ވެރިކަން ހިންގާ ބާރުންނެވެ. ވެރިކަމުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. މާނައަކީ ވެރިމީހާ އަކީ ރައްޔިތުން ވޯޓު ދީގެން ހޮވާ މީހެކެވެ. އެގޮތުން ވެރިކަމަށް ގެނެވޭ މީހާއަކީ ހުރިހާގޮތަކުންވެސް އެންމެ ގާބިލް ފަރާތަށް ހެދުމުގެ ސީދާ ބާރު ރައްޔިތުންގެ އަތްމަތީގައި އަބަދުވެސް އޮވެއެވެ. ދައުރު ހަމަނުވަނީސް އިރުއިރުކޮޅާ ވެރިކަން ބަދަލުކުރުމަކީ މިނިޒާމުގައި އުނދަގޫ ކަމެކެވެ. މިއީ އިގްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުން ބެލިކަމުގައި ވީނަމަވެސް ރަނގަޅު ކަމެކެވެ. ސަބަބަކީ ސިޔާސީގޮތުން ގައުމަކަށް އަންނަ ހަލަބޮލިކަމަކީ އެކަމުގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށާއި ރައްޔިތުންނަށް ކުރާ ކަމަކަށް ވާތީއެވެ. ރާއްޖޭގައި އަމަލު ކުރަމުން އަންނަ ނިޒާމުގެ އެކި ދުވަސް ވަރު ދިވެހިން މި ބަދަލުތައް ވަނީ ދެކިފައެވެ.
ރިޔާސީ ނިޒާމުގެ އަނެއް ފައިދާ އަކީ، 3 ބާރު ވަކިވެފައި އޮތުމުގެ ސަބަބުން އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމަށް އޮންނަ ފުރުސަތެވެ. ބަރުލަމާނީގައި، ބޮޑުވަޒީރާއި، މަޖިލީހާއި، މިނިސްޓަރުންނާ އެއީ އެއް ބަޔަކަށް ވިޔަސް ރިޔާސީގައި ވެރިކަން ހިންގާ ބާރުގައި ތިބޭ މީހުން ޖަވާބުދާރީ ކުރުވުމުގެ ބާރު މަޖިލީހަށް ލިބެއެވެ. ހަމަ އެ ގޮތަށް މަޖިލީހާއި ވެރިކަން ހިންގާ ބާރުގެ ތެރެއިން ހިންގާ އެކިއެކި ނާޖާއިޒު ކަންކަމަށް އިންސާފު ހޯދުގެ ބާރު ޖުޑީޝަރީން ލިބެއެވެ.
ބަރުލަމާނީ ނިޒާމެކޭ އެއްގޮތަކަށް ރިޔާސީ ނިޒާމުގައިވެސް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. ވެރިކަން ހިންގާ ފަރާތާއި ގާނޫނު ހަދާ ފަރާތާއި އަދުލު އިންސާފުގެ ދާއިރާގައި އެއް ބައެއް (ޕާޓީއެއް) ގެ ފިކުރު އޮންނަ ނަމަ، 3 ބާރު ވަކިވެފައި އޮންނަން ޖެހޭ އަސާސް ނުވަތަ އުންސުރު ހަމައެއް ނުވެއެވެ. އޭރުން ކަން ހިނގަނީ ބަރުލަމާނީގެ ގިނަ ސިފަތަކާ އެއް ގޮތަށެވެ.
ރާއްޖޭގެ މިހާރުގެ މަސްރަހު
ރާއްޖޭގައި އޮތް ނިޒާމު ބަދަލު ކުރުމުގެ ބަހުސް ވައިގައި ހިފާފައި ވާއިރު، ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ބަރުލަމާނީ އަތޮޅު، ބަރުލަމާނީ ރާއްޖެ ޖަހައިގެން ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ ކެމްޕޭނުވެސް ކުރަމުންނެވެ. އަދި ފާޅުގައި ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާކަންވެސް ނަޝީދު ގެންދަވަނީ ހާމަ ކުރައްވަމުންނެވެ.
ސިޔާސީ އެކިއެކި ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއާއި ޕީޕީއެމް ފިޔަވާ ޖުމްހޫރީ ޕާޓީއާއި، އެމްޑީއެންއާއި އެމްއާރުއެމުން ވަނީ ބަރުލަމާނީއަށް ތާއީދު ނުކުރާކަން ހާމަ ކޮށްފައެވެ. ހަމަ ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު (މިހާރުގެ ރައީސް) އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ނިޒާމު ބަދަލު ކުރާ ނަމަ، ރައްޔިތުންގެ ވޯޓަށް ދާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރާއްޖޭގައި އޮތް ނިޒާމު ފުރޮޅާލަން އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރާ ބަޔަކު ދަނީ ގަދައަށް ކެމްޕޭނު ކުރަމުންނެވެ. އެކަމުގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 23 މެންބަރަކު ތާއީދު ކުރައްވާ އިރު 40 މެންބަރަކު އެކަމަށް އަދި ތާއީދެއް ނުކުރައްވައެވެ.
ރާއްޖޭގައި މި އޮތް ނިޒާމު ފުރޮޅާލާނަމަ، ކުރަން ޖެހޭ މަސައްކަތް ގިނަ ވެފައި ކުރަން ޖެހޭ ހަރަދުވެސް ބޮޑުވާނެއެވެ. އެމްޑީޕީގެ މަޖިލީހުގެ ގިނަ މެންބަރުންނެކޭ އެއް ގޮތަށް ރައްޔިތުންގެ ގިނަ ބަޔަކުވެސް ތިބީ އަދި ނިޒާމު ފުރޮޅާލާގޮތަށް ނޫން ކަމުގައި ދަންނަވަން ޖެހެއެވެ.