ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ވެކްސިން ކެމްޕޭންތަކުގެ ތެރެއިން، މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން ޖަހާފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަން މިހެން އޮތް ނަމަވެސް، މީގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އެންމެ 3 ގައުމަކުން ކަން ފާހަގަ ކުރަންޖެހެއެވެ.

ރަސްމީ މަސްދަރުތަކުން ލިބިފައިވާ ތަފާސް ހިސާބުތަކާ ހަވާލާދީ، އޭއެފްޕީ ނިއުސް އޭޖެންސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހޮނިހިރު ދުވަހު (ޖީއެމްޓީ ގަޑިން 17:45) ގެ ނިޔަލަށް، ދުނިޔޭގެ އެކި ހިސާބުތަކުން، 207 ގައުމަކުން، 1002938540 ޑޯޒްގެ ކޮވިޑް ވެކްސިން ވަނީ ޖަހާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވެކްސިން ޖައްސަވަނީ

ނަމަވެސް، މީގެ 58 ޕަސެންޓް ހިއްސާކުރަނީ އެމެރިކާ (225.6 މިލިއަން ޑޯޒް)، ޗައިނާ (216.1 މިލިއަން ޑޯޒް) އަދި އިންޑިއާ (138.4 މިލިއަން ޑޯޒް) އިން ކަން ފާހަގަ ކުރަންޖެހެއެވެ.

އެމެރިކާ، ޗައިނާ އަދި އިންޑިއާއިން ކޮވިޑް ވެކްސިންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރި ކަމުގައި ވީ ނަމަވެސް، އާބާދީގެ ނިސްބަތުން ބަލާއިރު، އެންމެ ބޮޑު އިންސައްތައަކަށް ވެކްސިން ޖަހާފައި ވަނީ އިސްރާއީލުންނެވެ. އިސްރާއީލުގެ އާބާދީގެ ކޮންމެ 10 މީހަކުން 6 މީހަކީ، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހެކެވެ.

އިސްރާއީލުގެ ފަހަތުން މި ލިސްޓުގައި ދެން އޮތީ 51 ޕަސެންޓަށް އެންމެ މަދުވެގެން 1 ޑޯޒް ޖަހާފައިވާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، އިނގިރޭސިވިލާތް (49 ޕަސެންޓް)، އެމެރިކާ (42 ޕަސެންޓް)، ޗިލީ (41 ޕަސެންޓް)، ބަހްރައިން (38 ޕަސެންޓް)، އަދި އުރުގާއީ (32 ޕަސެންޓް)އެވެ.

އިސްރާއީލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ކޮވިޑް-19ގެ ދެވަނަ ވެކްސިން ޑޯޒްއަށް ތައްޔާރުވެވަޑައިގެން / ފޮޓޯ: ސީއެންއެން

ކޮވިޑް ވެކްސިން ތައާރަފު ކުރުމާއެކު އެންމެ ފުރަތަމަ ޑޯޒްތައް ގަންނަން ފެށި ވިލާތުގެ އިއްތިހާދަށް ބަލާއިރު، އެ އިއްތިހާދުގެ އާބާދީގެ 21 ޕަސެންޓަށް ވެކްސިން ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ވިލާތުގެ 27 ގައުމުގެ ތެރެއިން އެންމެ ކުރީގައި އޮތީ އާބާދީގެ 47 ޕަސެންޓަށް ވެކްސިން ޖަހާފައިވާ މޯލްޓާއެވެ.

ފަގީރު ގައުމުތަކުންވެސް މިހާރު ކޮވިޑް ވެކްސިން ކެމްޕޭންތައް ފަށާފައި ވީ ނަމަވެސް، ވެކްސިންގެ ނަސީބު އަދިވެސް ހިފާފައި އޮތީ މުއްސަނދި ގައުމުތަކުގެ އަތުގައެވެ. ނަމަވެސް، މި ގައުމުތަކުން ހިއްސާ ކުރަނީ ދުނިޔޭގެ އާބާދީގެ އެންމެ 16 ޕަސެންޓްއެވެ.

މިހާތަނަށް ވެކްސިން ކެމްޕޭންތައް ފަށާފައި ނުވާ ގައުމުތަކުގެ ތެރޭގައި އެފްރިކާ ބައްރުން ޓެންޒޭނިއާ، މަޑަކަސްގާ، ބުރުކީނާ ފާސޯ، ބުރޫންޑީ، ސެންޓްރަލް އެފްރިކަލް ރިޕަބްލިކް އަދި އެރިޓްރިއާ ހިމެނެއެވެ. މީގެ އިތުރުން އޯޝޭނިއާ ސަރަހައްދުން ވަނުއާޓޫ، ސަމޯއާ އަދި ކިރިތިބާސްއިންވެސް ކޮވިޑް ވެކްސިން ކެމްޕޭން ފަށާފައި ނުވާއިރު، އުތުރު ކޮރެއާ އަދި ހައިޓީއިންވެސް މި މަޝްރޫއު ފަށާފައެއް ނުވެއެވެ.

ކޮވެކްސް މެދުވެރިކޮށް ކޮވިޑް ވެކްސިން ލިބުނު ފުރަތަމަ ގައުމަކީ ޣާނާ / ފޮޓޯ: ވީއޯއެކްސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ވެކްސިން ކެމްޕޭންތަކަށް ބަލާއިރު، އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން ދަނީ އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިނެވެ. 156 ގައުމަކުން މި ވެކްސިން ބޭނުން ކުރާއިރު ފައިޒާ/ބައޮއެންޓެކް ބޭނުން ކުރަނީ 91 ގައުމުން ކަމަށްވާއިރު، މޮޑާނާ ބޭނުން ކުރަނީ 46 ގައުމަކުންނެވެ. ސީނޯފާމްގެ ވެކްސިން 41 ގައުމެއްގައި ބޭނުން ކުރާއިރު، ސަޕްޓްނިކް 5، ބޭނުން ކުރަނީ 32 ގައުމެއްގައެވެ. އަދި 21 ގައުމަކުން، ސީނޯވެކް ކޮވިޑް ވެކްސިން ބޭނުން ކުރެއެވެ.

ކަން މިހެން އޮތްއިރު، 100 އަށް ވުރެ ގިނަ ގައުމުން ވަނީ، ކޮވިޑް ވެކްސިނާ ގުޅިފައިވާ ފިކުރީ މުދަލުގެ ހައްގަށް ދޫ ދިނުމަށް، ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ (ޑަބްލިއުޓީއޯ)އަށް ގޮވާލާފައެވެ.