ކަންބޮޑުވާންޖެހޭ ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ސަޕްލައިގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން، އެ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުން އަންނަ ޕޭޝަންޓުން މަރުވަމުން ދާ ކަމަށް، އިންޑިއާގެ ހޮސްޕިޓަލުތަކުން ބުނެފިއެވެ.

3 ދުވަސް ތެރޭ އިންޑިއާގެ ކޮވިޑް ކޭސް ލޯޑަށް މިލިއަނެއްހާ ކޭސް އިތުރުވިއެވެ. ކަން މިހެން އޮތްއިރު، އޮކްސިޖަންއާ ބޭސްވެރިކަމުގެ ޑްރަގުގެ ސަޕްލައި ވަނީ އިންތިހާއާށް ހީނަރުވެފައެވެ. އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބިގެން، ހުކުރު ދުވަހު، ދިއްލީގެ ޖައިޕޫރު ގޯލްޑަން ހޮސްޕިޓަލުން 20 މީހެއްގެ ފުރާނަ ގެއްލުނެވެ.

އިންޑިއާ ސަރުކާރުން ބުނީ، އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް ރޭލުތަކާ، ވައިގެ އަސްރަކިއްޔާގެ ފައުޖުތައް ރުކުރުވާލާފައި ވާ ކަމަށެވެ.

އިންޑިއާގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ސިލިންޑަރު ރައްކާކޮށްފައިވާ ކޮޓަރިއެއްގައި މީހަކު ނިދާފަ/ފޮޓޯ: ރޮއިޓާޒް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން، ބުނީ، އިންޑިއާގެ މަސްރަހުން މިހާރު ސިފަވަމުން އެދަނީ، ކޮވިޑް-19 ޖައްސާ ވައިރަހަށް ލިބިފައިވާ "ގާބިލުކަމުގެ" ހިތްދަތި ހަނދާން އާ ކޮށްދިނުމެއް ކަމަށެވެ.

2021 ވަނަ އަހަރަށް ފެށުނުއިރު، އިންޑިއާ ސަރުކާރު އޮތީ، ކޮވިޑް-19ގެ ބަލިމަޑުކަން ، އެ ގައުމުގައި ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ބަލާ، އެ ކަމުގެ މެޑަލް އަޅައިގެންނެވެ. ފެބުރުއަރީ މަހުގެ މެދަކާ ހިސާބަށް އައި އިރު، އާ ކޭސް ރެކޯޑް ކުރާ މިންވަރު ވަނީ 11000 ދަށް ވެފައެވެ. އިންޑިއާއިން ދިޔައީ އެ ގައުމަށް ތިޔާގި، ކޮވިޑް ވެކްސިން ޑޯޒްތައްވެސް އެހެން ގައުމުތަކަށް ފޮނުވަމުންނެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ، ކޮވިޑް-19އާ ދެކޮޅަށް، "ފަހުތަޅާލުންގަނޑު" ކުރިއަށް ދާނީ އިންޑިއާގައި ކަމަށްވެސް އޭރު ވިދާޅުވެފައެވެ.

ކަންމިހެން އޮތް ނަމަވެސް، މަސްރަހު މިއަދު ބަދަލުވެއްޖެއެވެ. އާ ވޭރިއަންޓްތަކާ ބޮޑެތި އެއްވުންތަކުގެ ނަތީޖާއަކަށް ވީ، މިއަދު ދުނިޔެ ސިއްސައިގެން ދާ ވަރުގެ އަދަދުތަކުން އިންޑިއާގެ ކޮވިޑް ކޭސްލޯޑް އިތުރުވަމުން ދިއުމެވެ.

އިންޑިއާގެ ހޮސްޕިޓަލުގެ ބޭރުގައި އޮކްސިޖަން ސިލިންޑަރު ހޯދުމަށް ބަލި މީހުންގެ އާއިލާތަކުން ސަފު ހަދާފަ/ފޮޓޯ: މުޚްތާރު ހާން

"ޕޭޝަންޓުން މަރުވާނެ"

ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލުތަކުން ބުނާ ގޮތުގައި، އެ ހޮސްޕިޓަލުތައް މިހާރު އޮތީ ނޭވާ ހޮޅިއަށް އެޅިފައި އޮތް ފަދަ ހާލެއްގައެވެ. ހޯލީ ފެމިލީ ހޮސްޕިޓަލަށް ބަޅާއިރު، އައިސީޔޫގައި ދެން އިތުރު ޖާގައެއް ނެތެވެ.

ޑރ ސުމިތު ރޭ ވިދާޅުވީ، ހުރިހާ ހޮސްޕިޓަލެއްގެވެސް ހާލަކީ މިއީ ކަމެވެ. އަދި އޮކްސިޖަން ހުސްވެއްޖެނަމަ، މަރުވުން ނޫން އިތުރު ގޮތެއް، ގިނަ ޕޭޝަންޓުންނަށް ނެތް ކަމަށްވެސް ޑރ ރޭ ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްދޭ މީހަކު އޮކްސިޖަން ސިލިންޑަރެއް އުފުލަނީ/ފޮޓޯ: ދަ ސްޓްރެއިޓްސް ޓައިމްސް

ޖައިޕޫރު ގޯލްޑަން ހޮސްޕިޓަލުން ވަނީ 3.6 ޓަނުގެ އޮކްސިޖަނަށް އޯޑަރު ދީފައެވެ. ނަމަވެސް ސުންގަޑި ޖެހި ދިޔަ ފަހުން ލިބުނީ، އޭގެ 4 ބައިކުޅަ 1 ބައި ހާ ސަޕްލައިއެވެ.

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްފައިވާ އިންޑިއާއިން 3 ލައްކައިން މަތިން ކޭސް ރިޕޯޓް ކުރަމުން އަންނަތާ، ވިދިވިދިގެން 4 ދުވަސް ވެއްޖެއެވެ. އަދި މަރުގެ ކޭސްތައް 2000 އިން މަތިން ރިޕޯޓް ކުރާތާ، ވިދިވިދިގެން 5 ދުވަސް ވެއްޖެއެވެ. ހޮނިހިރު ދުވަހު އެކަނިވެސް އެ ގައުމުން 3.49 ލައްކަ އާ ކޭސް ރިޕޯޓް ކުރިއިރު، 2760 މަރުގެ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.