މާފުށީ ޖަލުން ކޮވިޑް ކޭސްތަކެއް ފެނިފައިވާ ކަމުގެ އަޑުތައް ފެތުރެމުން ދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ސިއްހީ ގޮތުން ލިބި ދާނެ ނުރައްކަލަކުން ސަލަމާތް ކުރަން އެމަނިކުފާނު ވަގުތުން ގެއަށް ބަދަލުކޮށް ދޭން އިދިކޮޅު ކޯލިޝަނުން ގޮވާލައިިފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މާފުށީ ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުން ތަކަކާއި އޮފިސަރުން ތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމުގެ އަޑުތަކެއް ފެތުރެމުން ދާތީ އެކަމާ މެދު އެކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ. އަދި އެކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލާކަމަށެވެ.

ރައީސް ޔާމީނުގެ ކަންކަން ބަލަހައްޓާ އޮފިސަރަކު ޕޮޒިޓިވް ވެފައިވާ ނަމަ އެކަމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށާއި މާފުށި ޖަލުން ކޮވިޑަށް ފޮޒިޓިވް ވެފައިވާ މުވައްޒަފުންނާއި އޮފިސަރުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ޖަލުގައި ތިބި އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރުކުރައްވާ ރަނގަޅު ސިއްހަތެއްގައި ލެއްވުމަށް އެ ކޯލިޝަނުން ދުއާ ކުރާކަމަށް ބުނެ އެވެ.

ރަމަޟާން މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައި ވަނިކޮށް މާފުށީ ޖަލުން ކޮވިޑް ފެނި، ރައީސް ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއްކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީން އަށް ސިއްހީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލާމާތް ކުރުމަށް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ.

އަދި އެމަނިކުފާނު ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ޑޮކްޓަރުންވެސް ލަފާދެއްވާފައި ވާތީ އެކަމަށްވެސް ރިއާއަތް ކޮށްދެއްވައި އެގޮތުގެ މަތިން އަމަލު ކޮށްދެއްވުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިއަދަށް 500 ދުވަސް ވެފައި ވާއިރު، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.