މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތަކަށް މަގު ބަންދު ކުރާ ވަގުތު ހޯއްދަވަން މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާންމުގެ ހިޔާލަށް ހުޅުވާލައިފިއެވެ.
މުއިއްޒު ވަނީ މާލޭގައި ކޮންސްޓަރްކްޗަން މަސައްކަތް ކުރާ ވަގުތުތަކަށް މަލޭގެ މަގުތައް ބަންދުކުރުމަށް އެންމެ ރަނގަޅު ވަގުތު އޮޅުން ފިލުއްވުމަށްޓަކައި އާނމުން ދެކޭ ގޮތް ބެއްލެވުމަށް ޓްވިތާގައި ޕޯލެއް ހުޅުވާލާފައެވެ. މިހާތަނަށް މި ޕޯލްގައި ވަނީ 2054 މީހުން ވޯޓު ދީފައެވެ.
މި ޕޯލްގައި ހަތަރު ހިޔާލެއް ހިމަނާފައި ވެއެވެ. އެއީ ރޭގަނޑު 11:00 އިން ހެނދުނު 7:00 އަށާއި ހެނދުނު 6:00 އިން މެންދުރުފަހު 2:00 އަށާއި މެންދުރު 12:00 އިން ރޭގަނޑު 8:00 އަށް އަދި ކޮންމެ ވަގުތެއް ވެސް އެންމެ ރަނގަޅު ކަމަށެވެ.
މުއިއްޒުގެ މި ޓްވިޓަށް ކޮމެންޓް ކުރި މީހުންގެ މެދުގައި ވެސް ހިޔަލުތަފާތު ވެފައި ވެއެވެ. އެ ގޮތުން އެއްބަޔަކަށް ހެނދުނުގެ ވަގުތު އެންމެ ރަނގަޅުކަމަށް ބުނެފައި ވަނީ ރޭގަނޑު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އިރު ނިދުމަށް އުނދަގޫވާ ކަމަށް ބުނެއެވެ. އަނެއް ބަޔަކު ބުނަނީ ދުވާލު މަގު ބަންދު ކުރުމަކީ ދުއްވާ އެއްޗެތީގައި ތަންތަނަށް ދަތުރު ކުރާ މީހުންނަށް ހުރި ބޮޑު ދަތިތަކެއް ކަމަށެވެ. މީގެ އިތުރުން އެއްބަޔަަކު ވަނީ މި ކަމުގައި އާންމުންގެ ހިޔާލު ހޯއްދެވީތީ އެއީ ރަނގަޅު ބަދަލެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.
މުއިއްޒު ހުޅުއްވި ޕޯލްގެ ވަގުތު ހަމަވުމަށް އަދި 9 ގަޑިއިރު އޮތް އިރު، މިހާތަނަށް އަދި އެންމެ ގިނަ މީހުން ވޯޓު ދީފައި ވަނީ ރޭގަނޑު 11:00 އިން ހެނދުނު 7:00 އަށެވެ. އެ ހިޔާލަށް 76.5 ޕަސެންޓް ވޯޓު ލިބިފައި ވާއިރު ދެން އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ހެނދުނާއި މެންދުރު ވަގުތަށެވެ. ހެނދުނު ވަގުތު މަގު ބަންދު ކުރުމަށް 9.9 ޕަސެންޓް މީހން މިހާތަނަށް ވޯޓު ދީފައިވާ އިރު މެންދުރު ވަގުތު މަގު ބަންދު ކުރުމަށް 9.6 ޕަސެންޓް މީހުން ވަނީ ވޯޓު ދީފައެވެ. އަދި ކޮންމެ ވަގުތަކު މަގު ބަންދު ކުރިއަސް ވަރިހަމަ ކަމަށް 4 ޕަސެންޓް މީހުން ވަނީ ވޯޓު ދިފައެވެ.