2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ވޭރިއަންޓެއް، އަވަށްޓެރި އިންޑިއާގައި އުފެދިފައި ވާ ކަމަށް އެ ގައުމުން ރިޕޯޓް ކުރީ މި އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް، އެ ވޭރިއަންޓާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އިންޑިއާއިން ހާމައެއް ނުކުރެއެވެ.

ދުނިޔޭގައި 2 ވަނައަށް އެންމެ ބައިބޯ ގައުމުގައި އާ ވޭރިއަންޓެއް އުފެދުން ވީ ސައެންސްވެރިން އިތުރު ދިރާސާތަކެއް ފެށި ސަބަބަކަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، ގިނަ އަދަދެއްގެ ސައެންސްވެރިންތަކެއް މިހާރު ދަނީ އިންޑިއާ ވޭރިއަންޓާ ގުޅޭ ދިރާސާތައް ކުރަމުންނެވެ. ނަމަވެސް މި އާވޭރިއަންޓް ފެތުރިފައިވާ ފުޅާކަމާ، އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވޭރިއަންޓްގެ ސަބަބުން ކުރިމަތިވި ހާލަތެއް ކަމެއް އަދިވެސް ސާފުވާ ގޮތެއް ނުވެއެވެ.

ޔޫވީ ލައިޓްއާއި ކޮރޯނާވައިރަސް ޖައްސާ ސާސްކޯވް2 ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ހިޔާލީ ކުރެހުމެއް/ފޮޓޯ: ސައިޓެކްޑެއިލީ

އިންޑިއާ ވޭރިއަންޓަކީ ކޮބާ؟

ވައިރަހަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުވެ، ނުވަތަ މިއުޓޭޓް ވަމުން އަންނަ މަހުލޫގެކެވެ. ވައިރަސްތަކުގެ ތަފާތު ވޭރިއަންޓްތައް އުޅޭނެއެވެ.

މިފަދަ ގިނަ މިއުޓޭޝަން ނުވަތަ ބަދަލުތަކަކީ މާ ފާހަގަ ކޮށްލެވޭ ބަދަލަކަށް ނުވެއެވެ. ބައެއް ބަދަލުތަކަކީ، ވައިރަހުގެ ބާރު ކަނޑުވާވެސްލާ ބަދަލުތަކެކެވެ. ނަމަވެސް، އަނެއްބައި ބަދަލުތަކަކީ، ވައިރަސް ފެތުރޭ މިންވަރު އިތުރަށް ވަރުގަދަ ކޮށް، ވެކްސިނަކުން ދިފާއު ލިބުމަށްވެސް ދަތިކުރުވާ، ނުރައްކާ ބަދަލުތަކެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ބީ1617ގެ ނަން ދީފައިވާ އިންޑިއާ ވޭރިއަންޓްގެ ވާހަކަ، މީޑިއާއަށް ތިލަވަނީ މިއަހަރުގެ ފެބުރުއަރީ/މާޗް ހިސާބުގައި ކަމަށް ވީ ނަމަވެސް، މި ވޭރިއަންޓަކީ، މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއިން ފާހަގަވި ވޭރިއަންޓެއް ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކް ކުންފުންޏަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ޒިޔާރަތް ކުރައްވަނީ / ފޮޓޯ: ދަ ނިއުސް މިނެޓް

އިންޑިއާ ވޭރިއަންޓް ފެތުރިފައިވަނީ ކިހާ ވަރަކަށް؟

ބޭސްވެރިކަމުގެ ރޮނގުން އިންތިހާއަށް ކުރިއަރާފައި އޮތެއް ކަމަކު، ވޭރިއަންޓް ފެތުރެމުން ދަނީ ކިހާ ހަލުވިމިނެއްގައި، ނުވަތަ ކިހާ ހިސާބަކަށްތޯ ކަށަވަރު ކުރެވޭ ވަރަށް، އިންޑިއާގައި އަދި ސާމްޕަލް ނަގާ، ޓެސްޓު ކުރަމުން ނުދެއެވެ.

އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާއިން މިއަހަރުގެ ޖެނުއަރީ މަހާއި މާޗް މަހާ ދެމެދު ނެގި ކޮވިޑް ސާމްޕަލްތަކަށް ބަލާއިރު، 361 ސާމްޕަލްގެ ތެރެއިން 220 ސާމްޕަލެއް ވަނީ އިންޑިއާ ވޭރިއަންޓަށް ޕޮޒިޓިވްވެފައެވެ.

ޖީސެއިޑް ގްލޯބަލް ޑޭޓާ ބޭސްއަށް ބަލާއިރު، މިހާތަނަށް، ދުނިޔޭގެ އެކިކަންކޮޅުތަކުން 21 ގައުމަކުން އިންޑިއާ ވޭރިއަންޓްގެ ކޭސްތައް ވަނީ ފެނިފައެވެ.

އިންޑިއާއިން ކޮވިޑް-19ގައި މަރުވި ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އުފުލަނީ/ފޮޓޯ: ފްރާންސް 24

މިއީ ހަލުވިކަމާއެކު ފެތުރޭ ނުވަތަ މާ ނުރައްކާ ވޭރިއަންޓްއެއްތަ؟

މި ސުވާލަށް ދޭނެ ޖަވާބެއް، ސައެންސްވެރިންގެ އަތުގައި އަދު ނެތެވެ. ނުވިތާކަށް، މި ވޭރިއަންޓަކީ، ކޮވިޑުން ދިފާއުވާން ޖަހާ ވެކްސިންގެ އެހީގައި ދިފާއު ހޯދޭ ނުވަތަ ވެކްސިނަށް ޖެހިލުންވާ ވޭރިއަންޓެއް ކަމެއް ނުވަތަ ނޫންކަމެއްވެސް އަދި ސާފެއް ނުވެއެވެ.

ލުއީޒިއާނާ ސްޓޭޓް ޔުނިވަސިޓީގެ ވައިރޮލޮޖިސްޓެއް ކަމަށްވާ ޑރ ޖާމީ ކާމިލް ވިދާޅުވާ ގޮތުގައި، އިންޑިއާ ވޭރިއަންޓުން ފެނުނު މިއުޓޭޝަންތަކީ، ދެކުނު އެފްރިކާ އަދި ބްރެޒީލްއިން ފެނުނު ވޭރިއަންޓާ ދާދި އެއްގޮތް ކަމެއް ހުރި ބަދަލުތަކެކެވެ.

މި ބަދަލަކީ، ވެކްސިނެއްގެ އެހީގައި ނުވަތަ ކުރީގައި މި ވައިރަހަށް އިންފެކްޓް ވެފައި ހުރުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުން އުފައްދާފައިވާ އެންޓިބޯޑީޒްތަކުގެ މައްޗަށް ގަދަ ހޯދުމަށް އެހީވެދީފާނެ ބަދަލެއް ކަމަށްވެސް ބުނެވެއެވެ.

މެޑިކަލް ގްރޭޑްގެ އޮކްސިޖަން ސަޕްލައިކުރަނީ/ފޮޓޯ: ޓްރިބިއުން އިންޑިއާ

އިންޑިއާ ވޭރިންޓްގެ މަ ބޮޑު ތަފްސީލެއް ނުލިބެނީ ކީއްވެ؟

ސައެންސްވެރިން ބުނާ ގޮތުގައި އިންޑިއާ ވޭރިއަންޓާ ގުޅިގެން މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަކީ ފުރިހަމަ ތަފާސް ހިސާބުތަކެއް ނޫނެވެ.

ހިއްސާކޮށްފައި ވަނީ މަދު އަދަދެއްގެ ސާމްޕަލް ނަތީޖާތަކެކެވެ. އިންޑިއާއިން 298 ސާމްޕަލާއި، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން 656 ސާމްޕަލެކެވެ.

އިންޑިއާގެ ހޮސްޕިޓަލުގެ ބޭރުގައި އޮކްސިޖަން ސިލިންޑަރު ހޯދުމަށް ބަލި މީހުންގެ އާއިލާތަކުން ސަފު ހަދާފަ/ފޮޓޯ: މުޚްތާރު ހާން

އިންޑިއާގެ 2 ވަނަ ރާޅުގެ އަސްލަކީ ވޭރިއަންޓްތަ؟

މި ދަނޑިވަޅަކީ އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. މިދިޔަ އަހަރު 90000 މަތިން ދުވަލެއްގެ މައްޗަށް ކޭސް ރިޕޯޓް ކުރި އިންޑިއާއިން މިއަހަރަށް ފެށުމާއެކު ހެން މިއަދަދު 1 ލައްކައަށް ބަދަލުވިއެވެ. އަދި އޭޕްރިލް 15 ވަނަ ދުވަހުން ފަށައިގެން 2 ލައްކައަށް ވުރެ މަތިން ކޭސް ރިޕޯޓް ކުރަމުން ގޮސް، ބުރާސްފަތި ދުވަހު މިއަދަދު ވަނީ 3 ލައްކައަށްވުރެ މައްޗަށްވެސް އަރާފައެވެ.

ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރު ވަމުން ކަން ފާހަގަ ކުރަންޖެހެއެވެ.

ޔުނިވާސިޓީ އޮފް ކޭމްބްރިޖުގެ ޕްރޮފެސާ އޮފް ކްލިނިކަލް މައިކްރޯބައޮލޮޖީ، ރާވޫ ގުޕުތާ ވިދާޅުވީ، އިންޑިއާގެ ބޮޑު އާބާދީއާ، މީހުން ވަޒަންވެރިވެފައިވާ ބައިބޯކަމަށް ބަލާއިރު، މި ހާލަތަކީ، ބަދަލުތައް ތަޖުރިބާކުރުމަށް ވައިރަހަށް ތަނަވަސްވާ އިންކިއުބޭޓަރެއް ކަމަށެވެ.

ނަމަވެސް އިންޑިއާގައި މިހާރު ރެކޯޑް އަދަދުތަކުން ކޭސް އިތުރުވާން މެދުވެރިވީ، ބޮޑެތި އެއްވުންތައް ބޭއްވުމުން ކަމުގައިވެސް ހީކުރުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމާއި، މާސްކު ބޭނުން ކުރުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށްވެސް އިންޑިއާ ވަނީ ފަރުވާ ކުޑަކޮށްފައެވެ.

ސިނާއީ ފެންވަރުގައި ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ލެބެއް / ފޮޓޯ: ބްލޫމްބާގް ކުއިންޓް

ވެކްސިން މަސައްކަތް ކުރާނެތަ؟

މިއީ ކުރެވޭ އެންމެ ބޮޑު ސުވާލެވެ. ފަރުވާއެއް ހޯދިފައި ނެތް ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަނދިރީގައި ދުނިޔެ ވަނިކޮށް، އުއްމީދުގެ ހުޅުކޮޅެއް ދިއްލުނީ ވެކްސިން ތައާރާފުވެ، ވެކްސިން ކެމްޕޭންތައް ފެށުނު ހިސާބުންނެވެ.

ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި މިހާރު ހުރި ވެކްސިންތަކަކީ ބަލި ޖެހުމުން، ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ވެކްސިންތަކެކެވެ. ޕްރޮފެސާ ގުޕުތާއާ އޭނާގެ ދީރާސާ ޓީމުން "ނޭޗާ"ފައި ޝާއިއު ކުރެއްވި ލިޔުމެއް ބުނަ ގޮތުގައި، ބައެއް ވޭރިއަންޓްތަކަކީ، މިހާރު ހުރި ބައެއް ވެކްސިންތަކަށް ފިލައިގެން އުޅެވިދާނެ ވޭރިއަންޓްތަކެކެވެ.

ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު ގިނަ އަދަދެއްގެ ދަތުރުތަކެއް ކުރަމުން ދާއިރު، ދިވެހިރާއްޖެއިން އިންޑިއާ ވޭރިއަންޓްގެ ކޭހެއް ފެނުނު ކަމުގެ ރިޕޯޓެއް، ރަސްމީ އެއްވެސް ފަރާތަކުން އަދި ކޮށްފައެއް ނުވެއެވެ.